ރިޔާޒާ ދެކޮޅަށް ހުށަހެޅި ހެކިންގެ ބަހުގައި ފުށުއެރުންތަކެއް

ކުރީގެ ޕޮލިސް ކޮމިޝަނަރު އަބްދުﷲ ރިޔާޒާ ދެކޮޅަށް އުފުލާފައިވާ ދައުވާގެ ޝަރީއަތުގައި މިއަދު އޮތީ ހެކިން ހާޒިރުކޮށް ހެކިބަސް ނެގުމެވެ. ހެކިވެރިން ދެއްކި ވާހަކަތަކަށް ބަލާއިރު އެކި މީހުން ދެއްކި ވާހަކަތަކުގައި ފުށުއެރުންތަކެއް ހުރިކަން ފާހަގަވި އެވެ.


ޖުމްހޫރީ ޕާޓީގެ ނައިބު ލީޑަރު ކަން ވެސް ކުރައްވާ ރިޔާޒަށް ދައުވާކުރަނީ ފުލުހުންގެ ތަހުގީގެއްގައި ކޯޓު އަމުރެއްގެ ދަށުން އޭނާގެ ފޯނު ހިފަހައްޓައި ފޯނު ހުޅުވަން އެންގުމުން އެކަން އޭނާ ނުކުރި ކަމަށް ބުނެ އެވެ. އެ މައްސަލާގެ މިއަދުގެ ޝަރީއަތުގައި ދައުލަތުން ހުށަހެޅި ހަތަރު ފުލުހެއްގެ ހެކިބަސް ނެގި އެވެ.

ރިޔާޒް މަގުމަތިން ހިފަހައްޓައި، އޭނާ އަތުން ފޯނު އަތުލުމުގައި ހަރަކާތްތެރިވި ދެ ފުލުހަކާއި ތަހުގީގު ޓީމުގައި ބައިވެރިވި ދެ ފުލުހެއްގެ ހެކިބަސް ކްރިމިނަލް ކޯޓުން މިއަދު ނެގި އެވެ. ޚާއްސަކޮށް، ތަހުގީގު ޓީމުގައި ބައިވެރިވި ދެ ފުލުހުންގެ ހެކިބަސް ކޮންމެވެސް ވަރަކަށް ތަފާތެވެ.

އެއްބަޔަކު ބުނީ ފޯނު އޮތީ ނިއްވާނުލައި ކަމަށް، އަނެއް ބަޔަކު ބުނަނީ ނިންވާފައޭ

ތަހުގީގު ޓީމުގައި ހަރަކާތްތެރިވި ދެ ފުލުހުންގެ ތެރެއިން ފުރަތަމަ ހެކިބަސް ދިން ފުލުސް މީހާ ބުނި ގޮތުގައި ފޯނު އަތުލި ރޭ ފުލުހުންގެ މައި މަރުކަޒުން އެ މީހުންނަށް އެ ފޯނު ލިބުނުއިރު ފޯނު އޮތީ ނިއްވާލައިފަ އެވެ. އެކަމަކު އެ ޓީމުގައި ބައިވެރިވި އަނެއް ފުލުސް މީހާ ހެކިބަސް ދެމުން ބުނީ ފޯނު ލިބުނުއިރު ވެސް އޮތީ ނިއްވާނުލާ ކަމަށެވެ. އޭރު ވެސް އެ ފޯނަށް އެކި މީހުން ގުޅަމުން ދިޔަ ކަމަށް ދެވަނަ ފުލުސް މީހާ ބުންޏެވެ.

ފޯނު އަތުލުމުގައި ހަރަކާތްތެރިވި ދެ ފުލުހުން ވެސް ހެކިބަސް ދެމުން ބުނީ މަގުމަތިން ރިޔާޒް ހިފަހައްޓައި، ފޯނު އަތުލުމަށް ފަހު ވެސް އެ ފޯނު އޮތީ ނުނިއްވާ ކަމަށެވެ. އެ ފޯނު ހިފައިގެން ރިޔާޒާ އެކު ގަލޮޅު ޕޮލިސް ސްޓޭޝަނަށް ގޮސް އެތަނުން ރިޔާޒް ކުރިމަތީގައި އެވިޑެންސް ބޭގަކަށް އެ ފޯނު ލައިގެން ފުލުހުންގެ މައި މަރުކަޒަށް ގެންދިޔައިރު ވެސް ފޯނު އޮތީ ނިއްވާނުލާ ކަމަށާއި އޭރު ވެސް އެ ފޯނަށް އެކި މީހުން ގުޅަމުން ދިޔަ ކަމަށް އެ ދެ ފުލުހުން ވެސް ހެކިބަސް ދެމުން ބުންޏެވެ.

ފޯނު ނުހުޅުވުމުން ގާނޫނީ އިންޒާރު ދިންކަމާ މެދު ވެސް ބުނީ ދެ ގޮތަކަށް

ތަހުގީގު ޓީމުގެ ފުލުހުންގެ ތެރެއިން ފުރަތަމަ ހެކިބަސް ދިން ފުލުސް މީހާ ބުނި ގޮތުގައި ފޯނު ހުޅުވަން ކޯޓު އަމުރުގައި އަންގާފައި ނެތް ކަމަށް ވިދާޅުވެ، ފޯނު ހުޅުވަން ރިޔާޒް އިންކާރު ކުރެއްވުމުން އެކަން ގާނޫނީ ކުށަކަށް ވެދާނެ ކަމާއި ފޯނު ހުޅުވަން ލާޒިމްވާނެކަން އެރޭ ރިޔާޒަށް އެންގި އެވެ. އެކަމަކު އެ ޓީމުގެ ދެވަނަ ފުލުސް މީހާ ބުނި ގޮތުގައި އެފަދަ އެންގުމެއް ރިޔާޒަށް އަންގާފައެއް ނުވާނެ އެވެ.

ދެވަނަ ފުުލުސް މީހާ އެގޮތަށް ބުނިއިރު، އޭނާ ތަހުގީގަށް ދިން ބަޔާނުގައި ވެސް ރިޔާޒަށް އެކަން އެންގި ކަމަށް ބުނެފައި އޮތެވެ. އެ ބަޔާނުގައި އެގޮތަށް އޮތުމުން ދިފާއީ ވަކީލުންނާއި ފަނޑިޔާރުން ތަކުރާރުކޮށް ސުވާލުކުރުމުން ވެސް އޭނާ ބުނީ އެ ބަޔާނުގައި އެގޮތަށް އޮތަސް އެއީ ދޮގެއް ކަމަށާއި އެގޮތަށް ރިޔާޒަށް އަންގާފައި ނުވާނެ ކަމަށެވެ.

ކޯޓު އަމުރުގައި، ފޯނު ހުޅުވައިދޭން ރިޔާޒަށް އަންގާފައި ނެތް ކަމަށް ވިދާޅުވެ، ފޯނު ހުޅުވަން ރިޔާޒް ދެކޮޅު ހެއްދެވުމުން ފޯނު ހުޅުވަން ރިޔާޒަށް ލާޒިމްކޮށް އިތުރު ކޯޓު އަމުރެއް ހޯދަން މަސައްކަތް ކުރި ކަމަށް ތަހުގީގު ޓީމުގެ ފުރަތަމަ ފުލުސް މީހާ ބުންޏެވެ. އެކަމަކު އެ އަމުރު އޮތް ގޮތުން ފޯނު ހުޅުވަން ރިޔާޒަށް ލާޒިމްވާނެ ކަމަށް ކޯޓުން ފުލުހުންނަށް އެންގި ކަމަށާއި އެހެންވެ ޖެހިގެން އައި ދުވަހު ރިޔާޒް ހާޒިރުކޮށް އެ ވާހަކަ ބުނުމުން އެ ފޯނު ހުޅުވަން ތިން ކޯޑެއް ރިޔާޒް ދެއްވި ނަމަވެސް އެއިން އެއްވެސް ފަހަރަކު ފޯނު ނުހުޅުވުނު ކަމަށް އޭނާ ބުންޏެވެ.

ފޯނުގެ ލޮކް ކޯޑް ހަނދާންވެއްޖެ ނަމަ އޭނާ އަށް ފަހުން ގުޅުމަށް ރިޔާޒަށް ދެންނެވި ކަމަށާއި އެކަމަކު ރިޔާޒް އޭގެ ފަހުން ނުގުޅުއްވާ ކަމަށް އެ ފުލުސް މީހާ ބުންޏެވެ.

އެ ފުލުސް މީހާގެ ހެކިބަހާ ތަފާތުކޮށް، ތަހުގީގު ޓީމުގެ ދެވަނަ ފުލުސް މީހާ ބުނިގޮތުގައި ފޯނު ހުޅުވަން ރިޔާޒް ދެކޮޅު ހެއްދެވުމުން އިތުރު ކޯޓު އަމުރެއް ހޯދަން ފުލުހުން މަސައްކަތް ކުރިކަން އޭނާއަކަށް ނޭނގެ އެވެ. އެކަމަކު އެ ޓީމުގެ ފުރަތަމަ ފުލުސް މީހާ ވެސް ބުނި ގޮތަށް އޭނާ ވެސް ބުނީ ފޯނު ހުޅުވަން ތިން ކޯޑެއް ރިޔާޒް ދެއްވި ކަމަށާއި އެއިން އެއްވެސް ފަހަރަކު ފޯނު ނުހުޅުވުނު ކަމަށެވެ.

ރިޔާޒް އަތުން ފޯނު އަތުލުމުގައި ހަރަކާތްތެރިވި ދެ ފުލުހުން ވެސް ބުނި ގޮތުގައި ކޯޓު އަމުރު ދައްކައި، ފޯނު ދޭން އެންގުމުން ރިޔާޒް އެ ފޯނު ޖީބަށް ލެއްވީ އެވެ. ރިޔާޒްގެ ޖީބުން ފޯނު ނެގީ އޭގެ ތެރެއިން ފުލުހެއް ކަމަށާއި ފޯނު އަތުލުމުން އިތުރަށް އެކަމަށް ރިޔާޒް ދެކޮޅު ނުހައްދަވާ ކަމަށް އެ ދެ ފުލުހުން ބުންޏެވެ. ފޯނު އަތުލުމަށް ފަހު ގަލޮޅު ޕޮލިސް ސްޓޭޝަނާ ހަމައަށް އެ ފޯނު ގެންދިޔައީ ރިޔާޒަށް ފޯނު ފެންނަ ގޮތަށް އޭގެ ތެރެއިން އެއް ފުލުހެއްގެ އަތުގައި ބާއްވައިގެން ކަމަށް އެ ދެ ފުލުހުން ވެސް ހެކިބަސް ދިނެވެ.

މިރޭ ވަނީ ދައުލަތުން ހުށަހެޅި ހުރިހާ ހެކިންގެ ހެކިބަސް ވެސް ނަގައި، ނިންމާލައިފަ އެވެ. ދެން އޮންނާނީ ރިޔާޒްގެ ފަރާތުން ހުށަހެޅި ދިފާއީ ހެކިންނާއި ޝަރީއަތުގެ ފަރާތުން ހާޒިރުކުރާ ފަރާތްތަކުގެ ހެކިބަސް ނެގުން ކަމަށް އަޑުއެހުން ނިންމާލައްވަމުން ފަނޑިޔާރުން އިއުލާން ކުރެއްވި އެވެ.

މައްސަލަ ބަލަނީ ބެންޗަކުން، ޝަރީއަތް އަވަސް އަރުވާލައިގެނެއް ނޫޅެން

ކުރިން ގާޒީ އަހުމަދު ޝަކީލް އެކަނި ބެއްލެވި އެ މައްސަލަ މިއަދުން ފެށިގެން ބައްލަވާނީ ގާޒީ ޝަކީލާއި ގާޒީ އާދަމް އާރިފް އަދި ގާޒީ އަލީ އާދަމް ހިމެނިވަޑައިގަންނަވާ ބެންޗަކުންނެވެ.

ކުއްލި ގޮތަކަށް އައި އެ ބަދަލާ ގުޅޭ ގޮތުން މިއަދުގެ ޝަރީއަތުގައި ރިޔާޒް ސުވާލު ކުރެއްވުމުން، ބެންޗުގެ ރިޔާސަތު ބަލަހައްޓަވާ ގާޒީ ޝަކީލް ވިދާޅުވީ އެއީ ކޯޓުގެ އިދާރީ ހިންގުމުގެ ތެރެއިން ނިންމި ނިންމުމެއް ކަމަށެވެ.

ކޯޓުތަކުގެ ގާނޫނު ބުނާ ގޮތުން ވެސް މައްސަލައިގެ ބާވަތަށް ބަލައި، އެއް ފަނޑިޔާރުންނަށް ވުރެ ގިނަ ފަނޑިޔާރުން ތިބެގެން ދަށު ކޯޓެއްގައި މައްސަލަ ބެލިދާނެ އެވެ.

މިއަދު ހަވީރުން ފެށިގެން މިރޭ ވެސް އެ މައްސަލައިގެ ޝަރީއަތް ކުރިއަށް ގެންދާތީ ހަލުވި ސްޕީޑެއްގައި ޝަރީއަތް ހިނގާ ކަމަށް ބުނެ އެކަމާ މެދު ދިފާއީ ވަކީލުން ސުވާލު އުފެއްދި އެވެ. ޖަވާބުގައި ފަނޑިޔާރުންގެ ބެންޗުން ވިދާޅުވީ މައްސަލަ އަވަސް އަރުވާލައިގެން ނިންމަން ކޯޓުން ނޫޅޭ ކަމަށާއި އަޑުއެހުންތައް ކުރިއަށް ގެންދަނީ ރިޔާޒްގެ ވަކީލުންނަށް ވެސް ބޭނުންވާ މިންވަރަށް ފުރުސަތު ދެމުން ކަމަށެވެ.