މުއްދަތު ފާއިތުވެފައިވާތީ ފާރިސްގެ މައްސަލަ ޕީޖީން ބޭރުކޮށްލައިފި

ދައުލަތުން ކޮށްފައިވާ ޚަރަދެއް އަނބުރާ ނުދައްކާ ކަމަށް ބުނެ، ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫންގެ މައްޗަށް ދައުވާ ކުރަން ފުލުހުން ފޮނުވި މައްސަލައިގައި ދައުވާ ކުރެވެން ނެތް ކަމަށް ނިންމައި، އެ މައްސަލަ ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން އަނބުރާ ފޮނުވާލައިފި އެވެ.


މި މައްސަލަ އަނބުރާ ފޮނުވައިލީ ޖިނާއީ މައްސަލަތަކުގައި ދައުވާކުރުމަށް ގާނޫނުލް އުގޫބާތުގައި ދީފައިވާ މުއްދަތު ފާއިތުވެފައިވާތީ އެވެ. ސަރުކާރާ ދެކޮޅަށް މަސައްކަތް ކުރައްވަމުން ގެންދަވާ، ކުރީގެ ރައީސް މައުމޫންގެ އަބްދުލްގައްޔޫމްގެ ދަރިކަލުން ފާރިސްގެ މައްޗަށް ދައުވާކުރަން ފޮނުވީ އޭނާގެ ބައްޕާފުޅުގެ ވެރިކަމުގައި އޭރުގެ ރިޔާސީ ގަނޑުވަރު، ތީމުގޭގެ ބަޖެޓުން ކުރި ޚަރަދުތަކާ ގުޅިގެންނެވެ. އެ މައްސަލަ ޕީޖީ އަށް ފުލުހުން ފޮނުވީ އެންޓި ކޮރަޕްޝަން ކޮމިޝަނުން އެ މައްސަލަ ފުލުހުންނަށް ހުށަހެޅުމުންނެވެ.

އެ މައްސަލައިގައި ދައުވާ ކުރެވެން ނެތް ކަމަށް ނިންމައި، މިދިޔަ ބުުރާސްފަތި ދުވަހު އެ މައްސަލަ ޕީޖީން އަނބުރާ ފޮނުވައިލީ ގާނޫނުލް އުގޫބާތުގެ ދަށުން ޖިނާއީ ކުށްތަކުގައި ދައުވާ ކުރަންޖެހޭ މުއްދަތު ހަމަވެފައިވާތީ އެވެ. އެ މުއްދަތު ހަމަވުމުން އެ ދައުވާ ނުއުފުލޭނެ ކަމަށް ގާނޫނުލް އުގޫބާތުގައި ބުނެފައިވެ އެވެ.

ގާނޫނުލް އުގޫބާތު ބުނާ ގޮތުން ޖިނާޔަތުގެ ދަރަޖައިގައި ހިމެނޭ ކުށްތަކަކީ ކުށުގެ އަމަލު ހިނގާ ވަގުތުން ފެށިގެން އަށް އަހަރުގެ ތެރޭގައި ދައުވާ ކުރަންޖެހޭ ކުށްތަކެކެވެ. އަދި ޖުނަހްގެ ދަރަޖައިގެ ހިމެނޭ ކުށްތަކަކީ ކުށުގެ އަމަލު ހިނގާ ވަގުތުން ފެށިގެން ތިން އަހަރުގެ ތެރޭގައި ދައުވާކުރަން ޖެހޭ ކުށްތަކެކެވެ.

ފާރިސްގެ މައްޗަށް ދައުވާކުރަން ފޮނުވި މައްސަލަ ޕީޖީން އަނބުރާ ފޮނުވާލިއިރު ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ރިޝްވަތު ދޭން އުޅުމާއި ނުފޫޒު ފޯރުވުމުގެ ތުހުމަތު ފާރިސްގެ މައްޗަށް ފުލުހުން ވަނީ ކޮށް، ތަހުގީގަށް ހާޒިރުކޮށްފަ އެވެ. އެކަމަކު އެ މައްސަލަ ޕީޖީ އަށް ފޮނުވިކަމެއް ސާފެއް ނުވެ އެވެ.