ނޫސްވެރިންނާ ދެކޮޅަށް ހިންގާ ޖަރީމާތަކުގެ ތަހުގީގު އަވަސްކުރަން އެޗްއާރުސީއެމުން ގޮވާލައިފި

ނޫސްވެރިންނަށް ބިރުދެއްކުމާއި އިންސާނިއްޔަތާ ހިލާފު ޖަރީމާތައް ހިންގާ ފަރާތްތަކުގެ ތަހުގީގު އަވަސްކޮށް، ހައްގު އަދަބު ދޭން ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) އިން މިއަދު ގޮވާލައިފި އެވެ.


ދުނިޔޭގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހުގެ މުނާސަބަތާ ގުޅުވައިގެން އެޗްއާރުސީއެމުން ނެރުނު ބަޔާނުގައި ބުނީ ނޫސްވެރިންނަށް އެކަށީގެންވާ ގޮތެއްގައި މަސައްކަތް ކުރެވޭނެ މާހައުލެއް ގާއިމްކޮށްދިނުމަކީ ދައުލަތާއި މުޅި މުޖުތަމައުގެ ޒިންމާއެއް ކަމަށެވެ. އެހެންކަމުން އެފަދަ މާހައުލެއް ގާއިމްކޮށްދޭން އެ ކޮމިޝަނުން ވަނީ ގޮވާލައިފަ އެވެ.

ނޫސްވެރިކަމުގެ މިނިވަންކަމާ ގުޅޭ ގޮތުން މިދިޔަ އަހަރު ވެސް މީޑިއާތަކަށް އިންޒާރުދިނުމާއި ބިރުދެއްކުން އަދި ނޫސްވެރިންގެ ފުރާނައަށް ގެއްލުންވާ ގޮތަށް ލާއިންސާނީ އަމަލުތައް ހިންގިކަމަށް ބުނެ މައްސަލަތައް ހުށަހެޅި ކަމަށް އެޗްއާރުސީއެމުން ބުންޏެވެ.

މިނިވަން، ޒިންމާދާރު ނޫސްވެރިކަމެއް ކުރެވޭނެ ފަދަ ގޮތަކަށް އެންމެހާ ސިޔާސަތުތަކާއި ގާނޫނުތައް ތަންފީޒުކޮށް ދެމެހެއްޓުމަށް ދައުލަތުގެ އެންމެހާ އިދާރާތަކަށް އެޗްއާރުސީއެމުން ވަނީ އިލްތިމާސްކޮށްފަ އެވެ.

"މިފަދަ ނޫސްވެރިކަމެއް ކުރުމަށް ތައުލީމާއި ތަމްރީނަކީ ނުހަނު މުހިއްމު އެއްޗަކަށް ވީހިނދު، އެފަދަ ފުރުސަތުތައް ނޫސްވެރިންނަށް ފަހިކޮށްދިނުމުގެ މުހިއްމުކަން ފާހަގަކުރަމެވެ. ހަމައެހެންމެ، ދައުލަތުގެ މުއައްސަސާއަކުން މައުލޫމާތު ފޯރުކޮށްދިނުމުގައި މިޑީއާތަކަށް ހަމަހަމަ ފުރުސަތުތަކެއް ފަހިވެފައި އޮތުމުގެ މުހިއްމުކަން ވެސް މި ފުރުސަތުގައި ފާހަގަކުރަމެވެ،" އެޗްއާރުސީއެމްގެ ބަޔާނުގައި ބުންޏެވެ.

އެތަނުން ބުނީ ނޫސްވެރިންނަކީ މުޖުތަމައުގައި ތިބި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ އަޑު ރައްޔިތުންނާއި ދައުލަތުގެ ސަމާލުކަމަށް ގެނައުމުގައި މުހިއްމު ދައުރެއް އަދާކުރާ ބައެއް ކަމަށާއި އެފަދަ ކަންކަމަށް ހޭލުންތެރިކުރުވަން ނޫސްވެރިންގެ ދައުރު އިތުރަށް ފުޅާކުރަން ޖެހޭ ކަމަށެވެ. އަދި މުޖުތަމައުގައި ހުރި އެފަދަ އެހެން މައްސަލަތަކުގައި ރައްޔިތުން ހޭލުންތެރިކުރުވައި ފަރުދުންގެ މެދުގައި ހުރި ކުށްހީތައް ނައްތާލަން ކުރާ މަސައްކަތްތައް އިތުރުކުރަން ޖެހޭ ކަމަށް ވެސް އެޗްއާރުސީއެމުން ފާހަގަކުރެ އެވެ.

މައުލޫމާތު ހޯދައި ފޯރުކޮށްދިނުމުގައި މުޖުތަމައުގެ އަހުލާގީ މިންގަނޑު ހިފެހެއްޓުމާއި އެހެން މީހުންގެ ހައްގުތަކަށް އިހުތިރާމްކުރުމުގެ ސަގާފަތެއް ގެންގުޅެން ރާއްޖޭގެ ހުރިހާ ނޫސްވެރިންނަށް އެޗްއާރުސީއެމުން ވަނީ އިލްތިމާސްކޮށްފަ އެވެ.