ޔާމީން މަރާލި މައްސަލާގައި އިތުރު މީހަކު ހައްޔަރުކޮށްފި

މިދިޔަ މަހުގެ 22 ވަނަ ދުވަހުގެ ތޫނު އެއްޗަކުން ހަމަލަދީ ޔާމީން ރަޝީދު މަރާލި މައްސަލައިގެ ތުހުމަތަށް އިތުރު މީހަކު އިއްޔެ ހައްޔަރުކޮށްފި އެވެ.


"މިހާރު" އަށް އެނގިފައިވާ ގޮތުގައި މި މައްސަލާގައި ހައްޔަރުކުރީ ސަރުކާރުގެ ކުންފުންޏެއްގައި މަސައްކަތް ކުރާ މީހެކެވެ.

ސޯޝަލް މީޑިއާ އެކްޓިވިސްޓް އަދި ބްލޮގާ ޔާމީން، 29، މަރާލިކަމުގެ ތުހުމަތުގައި މިދިޔަ ހޯމަދުވަހު ވެސް ވަނީ އެހެން މީހަކު ހައްޔަރުކޮށްފަ އެވެ. އެއީ މި މައްސަލާގައި ހައްޔަރުކުރި ފުރަތަމަ މީހާ އެވެ.

ޔާމީން ދިރިއުޅުނު މ. ސުޕެޓިއުލާގެއާ ކައިރި އެހެން ގެއްގައި އުޅުނު އުމުރުން 18 އަހަރުގެ އެ މީހާ އަކީ ޔާމީން މަރާލި ރޭގައި ފާރަލައި ޔާމީންގެ ހަރަކާތްތައް ބަލަން އުޅުނު މީހެއް ކަމަށް ވެ އެވެ.

ސ. ފޭދޫ އަށް އުފަން ޔާމީން މަރާލި މައްސަލާގައި އެންމެ ފަހުން ހައްޔަރުކުރި މީހާގެ ވެސް އިތުރު މައުލޫމާތެއް އަދި ނުލިބެ އެވެ.

ޔާމީންގެ ހަށިގަނޑުގެ އެކި ތަންތަނަށް ތޫނު ހަތިޔާރުން ހަމަލާދީ މަރާލާފައި އޮތީ މާފަންނު ބިސްބުރު ކައިރީގައި ހުންނަ އޭނާ ދިރިއުޅޭ ގޭގެ ތިރީބުރީގައި ސިޑި އާއި ލިފްޓު ކައިރީގަ އެވެ. އޭނާގެ ހަށިގަނޑުގެ 32 އަށް ވުރެ ގިނަ ތަނަށް ވަޅި ހަރާފައިވެ އެވެ.

ޔާމީން މަރާލުމާ ގުޅިގެން ފުލުހުން މިހާތަނަށް ބޭއްވި ހަމައެކަނި ޕްރެސް ބްރީފިންގައި އެސިސްޓެންޓް ކޮމިޝަނަ އޮފް ޕޮލިސް އަބްދުﷲ ނަވާޒް ވިދާޅުވެފައި ވަނީ އެކަމުގައި ބައިވެރިވި މީހުން ދެނެގަނެވިފައިވާ ކަމަށެވެ. އެކަމަކު އެއީ ކޮން ބައެެއްކަން ނޭނގޭ ކަމަށް ޔާމީންގެ އާއިލާގެ މީހުންގެ ގާތު ފުލުހުން ބުނެފައިވާ ކަމަށް އެ އާއިލާ އިން ވަނީ ބުނެފަ އެވެ.

ނޫސްވެރިންނަށް ސުވާލުކުރުން ބަންދުކޮށްގެން ބޭއްވި ޕްރެސް ބްރީފިންގައި ވަނީ ޔާމީން ދިރިއުޅުނު ގޭގެ ތެރެއަށް ވަތް ދެ މީހަކު ފެންނަ ސީސީޓީވީ ފުޓޭޖެއް ވެސް ދައްކައިފަ އެވެ. އަދި އެ ރޭ އެ ގޭގެ ބޭރުން ސައިކަލްތަކަށް ބަޔަކު އަރާ މަންޒަރު ވެސް އެއް ފުޓޭޖުން ފެނެ އެވެ.

ޙުސައިން އަރީފު

5

ނޮޅިވަރަމް ދާއިރާ