ގާސިމްގެ ބަންދު ހަތަރު ދުވަހަށް އިތުރުކޮށްފި

ގާސިމް އިބްރާހިމް ބަންދުގައި ބަހައްޓަން ކުރިމިނަލް ކޯޓުން ކުރިން ދިން 15 ދުވަހަށް މިއަދު އިތުރު ހަތަރު ދުވަސް އެ ކޯޓުން ދީފި އެވެ.


ކުރީގެ މުއްދަތު ހަމަވާތީ އެއާ މެދު ގޮތެއް ނިންމަން ބޭއްވި މުއްދަތު މަޖިލިހުގައި ގާޒީ ނިންމެވީ ހޯމް މިނިސްޓްރީން ކަނޑައަޅާ ތަނެއްގައި ގާސިމް އިތުރު ހަތަރު ދުވަހު ބެހެއްޓުމަށެވެ.

އެކަމަކު ގާސިމްގެ ވަކީލުން ކޯޓުން ބޭރުގައި ވިދާޅުވީ ބަންދުގެ މުއްދަތު އިތުރުކުރަން ފުރަތަމަ ފަހަރު ފުލުހުން ހުށަހެޅި އިންޓެލިޖެންސް ރިޕޯޓް ފިޔަވައި އިތުރު އެހެން މައުލޫމާތެއް މިފަހަރު ހުށަހަޅާފައި ނުވާ ކަމަށް ގާޒީ ވިދާޅުވި ކަމަށެވެ. އަދި ދެން ބަންދުގެ މުއްދަތު އިތުރުކުރަން ގާސިމް ކޯޓަށް ގެންނަ ނަމަ އިތުރު ހެކި ހުށަހަޅަން ގާޒީ އެންގެވި ކަމަށް ވެސް ވަކީލުން ވިދާޅުވި އެވެ.

ފުލުހުންގެ ހައްޔަރުގައި ގާސިމް ބަހައްޓައިގެން އުޅެނީ ރައްޔިތުންގެ މަޖިލިހުގެ މެމްބަރުންނަށް ނުފޫޒު ފޯރުވުމާއި ސަރުކާރު ވައްޓާލަން އުޅުއްވާ ކަމުގެ ތުހުމަތުގަ އެވެ. މިދިއަ މަހު 21 ވަނަ ދުވަހުގެ ރޭ ދަންވަރު ފުލުހުން އޭނާ ހައްޔަރުކޮށް، އޭގެ އަނެއް ދުވަހު ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ބަންދުގެ މުއްދަތަށް 15 ދުވަސް ޖަހައިދިނެވެ.

ކުށެއްގެ ތުހުމަތުގައި ހައްޔަރުކުރާ މީހަކު ބަންދުގައި ބަހައްޓަން އެންމެ ފުރަތަމަ ގިނަވެގެން ދެވޭނީ 15 ދުވަހެވެ. އެކަމަކު އޭގެ ފަހުން އެކި ދުވަސް ޖަހައިދިނުމުގެ ބާރު ފަނޑިޔާރުންނަށް ލިބިގެންވެ އެވެ.

ގާސިމްގެ ބަންދުގެ މައްސަލަ ހައި ކޯޓުގައި އިސްތިއުނާފްކުރުމުން އެ ކޯޓުން ވަނީ ދަށު ކޯޓުގެ ހުކުމަށް ތާއީދުކޮށްފަ އެވެ. އެކަމަކު އެންމެ ފުރަތަމަ ފަހަރު ބަންދުގެ މުއްދަތު އިތުރުކުރުމުން އެ ހުކުމް ހައި ކޯޓުން ބާތިލްކުރި އެވެ. އެއީ ގާސިމަކީ ރައްޔިތުންގެ މަޖިލިހުގެ މެމްބަރަކަށް ވެފައި، ކުށުގެ ވެށިން ނޫން ގޮތަކުން މެމްބަރަކު ހައްޔަރުކުރެވޭނީ ޕްރޮސެކިއުޓަ ޖެނެރަލް އެކަމަށް އެދިގެން ކަމަށް ވެފައި، އެ ފަހަރު ޕީޖީގެ ރޯލެއް ނެތުމުންނެވެ.

އެކަމަކު ދެވަނަ ފަހަރަށް ހައްޔަރުކުރި އިރު ކްރިމިނަލް ކޯޓުގައި އެކަމަށް އެދުނީ ޕީޖީ އެވެ.

ގާސިމް ބަންދުގައި ހުންނެވި އިރު، މަޖިލިހުގެ މެމްބަރުންނަށް ރިޝްވަތު ދެއްވުމާއި ވޯޓަށް ނުފޫޒު ފޯރުވުމުގެ ތުހުމަތުގައި ޝަރީއަތެއް ވެސް ކުރިއަށް އެބަ ދެ އެވެ.