ގާސިމްގެ ޝަރީއަތް މާދަމާ އަށް ތާވަލްކޮށްފި

ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމްގެ ޝަރީއަތެއް މާދަމާ ބާއްވަން ކްރިމިނަލް ކޯޓުން ތާވަލްކޮށްފި އެވެ.


ރިޝްވަތު ދޭން އުޅުމާއި ގާނޫނާ ޚިލާފަށް ސަރުކާރު ވައްޓާލަން އުޅުނު ކަމުގެ ތުހުމަތުގައި ގާސިމް ހައްޔަރުކުރީ މިދިޔަ މަހުގެ 21 ވަނަ ދުވަހު އެވެ. އޭނާ ހައްޔަރުކޮށް، އޭގެ އަނެއް ދުވަހު ކްރިމިނަލް ކޯޓަށް ހާޒިރުކޮށް ބަންދުގެ މުއްދަތަށް ވަނީ 15 ދުވަސް ޖަހައިފަ އެވެ. އަދި އެ މުއްދަތު ހަމަވާތީ، ކޯޓުން ވަނީ މިދިޔަ ހުކުރުދުވަހު އަނެއްކާ ވެސް ހަތަރު ދުވަހުގެ މުއްދަތެއް ޖަހައިފަ އެވެ.

ގާސިމްގެ ޝަރީއަތުގެ އަޑުއެހުމެއް ކްރިމިނަލް ކޯޓުގައި ތާވަލްކުރީ މާދަމާ މެންދުރުފަހު 2:00 އަށެވެ.

ގާސިމްގެ މައްޗަށް ތިން ދައުވާއެެއް ދައުލަތުން ވަނީ އުފުލައިފަ އެވެ.

މެމްބަރުންނަށް ރިޝްވަތު ހުށަހެޅުމުގެ ތުހުމަތުގައި ކުރިން ވެސް ގާސިމް ހައްޔަރުކުރި އެވެ. އެކަމަކު އެފަހަރު އޭނާ ދޫކޮށްލަން ހައި ކޯޓުން އެންގީ މެމްބަރުންގެ އިމްތިޔާޒްގެ ގާނޫނާ ޚިލާފަށް ޕްރޮސެކިއުޓާ ޖެނެރަލްގެ ހުށަހެޅުމެއް ނެތި ހައްޔަރު ކުރުމުގެ އަމުރު ނެރެފައިވާތީ އެވެ. އެކަމަކު ފަހުން ގާސިމް ހައްޔަރު ކުރުމުގެ އަމުރު ނެރުނީ ޕްރޮސެކިއުޓާ ޖެނެރަލް ހުށަހެޅި ހުށަހެޅުމަކަށެވެ. އެހެންވެ ފަހުން ހައި ކޯޓުން ވަނީ ކްރިމިނަލް ކޯޓުގެ އަމުރަށް ތާއީދުކޮށްފަ އެވެ.