ކޮރަޕްޝަންގެ ހިޔަނި އެޅެން ބޭނުމެއް ނޫން، ރާއްޖެ ތަރައްގީ ވާން ޖެހޭނީ ކޮރަޕްޝަނާ ނުލާ: ނައިބު ރައީސް

ރާއްޖޭގެ ތަރައްގީގެ ދުވެލި ހަލުވިކަމާ އެކު ކުރިއަރާ އަދި ވިޔަފާރީގެ މުއާމަލާތްތައް ފުޅާވެގެން ދާއިރު، ކޮރަޕްޝަންގެ ހިޔަނި އެއްވެސް ކަމަކަށް އެޅުމަކީ ސަރުކާރުން ބޭނުންވާ ގޮތް ނޫން ކަމަށާއި ރާއްޖެ ތަރައްގީވާން ޖެހޭނީ ކޮރަޕްޝަނާ ނުލާ ކަމަށް ނައިބު ރައީސް އަބްދުﷲ ޖިހާދު މިއަދު ވިދާޅުވެއްޖެ އެވެ.


އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ގައުމީ މަހާސިންތާ އިފްތިތާހު ކުރުމަށް އިސްލާމިކް ޔުނިވާސިޓީގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ޖިހާދު ވިދާޅުވީ ރާއްޖޭގައި ސަރުކާރުން ހިންގަމުން އަންނަނީ މިއިން ދުވަހަކު ވެސް ހިންގާފައި ނުވާ ފަދަ ތަރައްގީގެ ބޮޑެތި މަޝްރޫއުތަކެއް ކަމަށެވެ. ހަމައެއާ އެކު، ކޮރަޕްޝަންގެ އަމަލުތަކަށް ސަރުކާރުން ތަރުހީބު ނުދޭނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

"މި ސަރުކާރަކީ ކޮރަޕްޝަންގެ އަމަލުތައް ބެލުމުގައި، ކޮރަޕްޝަންގެ އަމަލުތައް ހިންގާ ފަރާތްތަކާ މެދު ފިޔަވަޅު އެޅުމުގައި އެއްވެސް ޖެހިލުމެއް ނެތި ހަމަހަމަކަމާއި އިންސާފުވެރިކަމާ އެކު ފިޔަވަޅު އަޅާނެ ސަރުކާރެއް،" ނައިބު ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ ޖިނާއީ އަދުލުގެ ނިޒާމުގެ ތެރެއިން ކޮރަޕްޝަންގެ މައްސަލަތަކަށް އަވަހަށް ހައްލު ހޯދައި ތަންފީޒީ ނިޒާމުތަކަށް ކުރިމަތިވެފައިވާ ގޮންޖެހުންތައް ދެނެގަނެ، ކޮރަޕްޝަން މައްސަލަތައް އަވަހަށް ނިންމުމުގައި އިލްމީ ނަޒަރަކުން ގޮތްތަކެއް ހޯދަން ޖެހޭ ކަމަށެވެ.

އޭސީސީ އާއި އިސްލާމިކް ޔުނިވާސިޓީ ގުޅިގެން ފެށި މަހާސިންތާއަކީ ކޮރަޕްޝަންގެ މައްސަލަތައް ހައްލު ކުރުމުގައި ދައުލަތުގެ ހުރިހާ މުއައްސަސާއެއް ގުޅިގެން މަސައްކަތް ފަށާފައިވާ ކަން ދައްކުވައިދޭ ކަމެއް ކަމަށް ނައިބު ރައީސް ވިދާޅުވި އެވެ.

"ކޮރަޕްޝަންގެ މައްސަލަތަކަށް އަވަސްކަމާ އެކު ފިޔަވަޅު އެޅިއްޖެ ނަމަ، ކޮރަޕްޝަން ކުޑަކުރެވޭނެ ކަމަކީ ދެކޮޅު ހަދާނެ ވާހަކަތަކެއް ނޫން،" ޖިހާދު ވިދާޅުވި އެވެ.

ނައިބު ރައީސް ވިދާޅުވި ގޮތުގައި ކޮރަޕްޝަން މައްސަލަތައް ބަލައި ފިޔަވަޅު އެޅުމުގައި ޖިނާއީ އަދުލުގެ ނިޒާމު ޒަމާނާ އެކަށޭނަ ގޮތަށް ބައްޓަން ކުރަން ޖެހެ އެވެ. އަދި ޖިނާއީ އަދުލުގެ ނިޒާމުގައި ހަރަކާތްތެރިވާ ހުރިހާ އިދާރާއެއްގެ ވިސްނުން އެއް ނާރެހަކަށް އަމާޒު ކުރެވެން ޖެހޭ ކަމަށް ވެސް ވިދާޅުވި އެވެ.

"ތަންފީޒީ އިދާރާތަކާ ހަވާލުކުރެވިފައިވާ ގައުމީ މަސްއޫލިއްޔަތު އެއްވެސް ޖެހިލުމެއް ނެތި އަދާ ކުރަމުންދާތަން ރައްޔިތުންނަށް ފެންނަން ޖެހޭ،" ނައިބު ރައީސް ވިދާޅުވި އެވެ.

"ކޮރަޕްޝަން ނައްތާލުމުގައި ގައުމީ ފެންވަރުގައި މަޝްވަރާކޮށް ހައްލު ހޯދުމަކީ މުޖުތަމައު އަށް އެންމެ ފައިދާ ހުރި ގޮތް. ސަރުކާރުގެ އިދާރާތަކުން ހިދުމަތް ދިނުމުގައި ހަމަހަމަކަމާއި ޒިންމާދާރުކަމާ އެކު ދެ ފުށް ފެންނަ ފަސޭހަ ގޮތްތަކަށް ހިދުމަތް ދިނުމަށް މުވައްޒަފުން ސަމާލުކަން ދޭން ޖެހޭ."

ނައިބު ރައީސް ވިދާޅުވީ ކޮރަޕްޝަންގެ އަމަލުތައް ހިންގާ ފަރާތްތަކުގެ މައްޗަށް ތަހުގީގު ހިންގުމުގައި އާއި ދައުވާ އުފުލުމުގައި އަދި ކޮރަޕްޝަންގެ ސަބަބުން ދައުލަތަށް ގެއްލޭ ފައިސާ އަނބުރާ ހޯދުމުގައި، މަހާސިންތާގެ ތެރެއިން އާ ވިސްނުންތަކެއް ތައާރަފް ކުރެވިގެންދާނެ ކަމަށެވެ.