ޝަރީއަތް ނިމުމަކާ ގާތުގައި ވަނިކޮށް ދައުވާ އަނބުރާ ގެންދަން ޕީޖީގައި ރިޔާޒް އެދިވަޑައިގަންނަވަނީ

ޖުމްހޫރީ ޕާޓީގެ ލީޑަރު އަބްދުﷲ ރިޔާޒަށް ކުރާ ދައުވާގެ ޝަރީއަތް ނިމުމަކާ ގާތަށް ގޮސްފައި ވަނިކޮށް، އިތުރު ފުރުސަތުގެ ދަށުން އެ ދައުވާ އަނބުރާ ގެންދަން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުގައި އެދިވަޑައިގަތުމަށް ރިޔާޒް ނިންމަވައިފި އެވެ.


ފުލުހުންގެ ތަހުގީގެއްގައި ކޯޓު އަމުރެއްގެ ދަށުން ރިޔާޒްގެ ފޯނު ހިފަހައްޓައި، ހުޅުވަން އެންގުމުން އެކަން ނުކުރި ކަމަށް ބުނެ ރިޔާޒަށް ކުރާ ދައުވާ އަނބުރާ ގެންދަން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުގައި އެދިވަޑައިގަތުމަށް ރިޔާޒް ނިންމެވިއިރު އެ މައްސަލައިގެ ފަހު އަޑުއެހުން އަންނަ ހަފުތާގައި ބާއްވަން ވަނީ ހަމަޖައްސައިފަ އެވެ.

މިއަދު ބޭއްވި އަޑުއެހުމުގައި ރިޔާޒްގެ ވަކީލް ނޫރުއްސަލާމް އަބޫބަކުރު ވިދާޅުވީ ޕީޖީ އޮފީހުގައި އޮންނަ އިތުރު ފުރުސަތު ޕްރޮގްރާމްގެ ދަށުން ދަށުން، ދައުވާ އަނބުރާ ގެންދަަން ޕީޖީ އޮފީހުގައި އެދިވަޑައިގަތުމަށް ރިޔާޒް ނިންމަވާފައިވާ ކަމަށާއި އެކަމުގެ ފޯމް މިއަދު ޕީޖީ އަށް ހުށަހަޅުއްވާފައިވާ ކަމަށެވެ. އެކަމަކު ފޯމު ހުށަހެޅުމުގެ ވަގުތު މިއަދު ހަމަވެފައި ވާތީ އެ ފޯމް ޕީޖީން މިއަދު ބަލައިނުގަތް ކަމަށާއި އެހެން ދުވަހަކު ފޯމް ހުށަހަޅާނެ ކަމަށް ނޫރު ވިދާޅުވި އެވެ.

އިތުރު ފުރުސަތު ދިނުމާ މެދު ޕީޖީން ގޮތެއް ނިންމަންދެން ޝަރީއަތް މަޑުޖައްސާލަން ނޫރު އެދިވަޑައިގަތް ނަމަވެސް މައްސަލަ ބައްލަވާ ތިން ފަނޑިޔާރުންގެ ބެންޗުން ނިންމެވީ ޝަރީއަތް ކުރިއަށް ގެންދިއުމަށެވެ. ސަބަބެއްގެ ގޮތުގައި ފަނޑިޔާރުން ވިދާޅުވީ އިތުރު ފުރުސަތު ފޯމް ހުށަހެޅިފައި ނުވުމާއި އިތުރު ފުރުސަތަށް އެދެފި ނަމަ ޝަރީއަތް މަޑުޖައްސާލަން ކޯޓުގައި އެދެން ޖެހޭނީ ދައުލަތުން ކަމަށް ވުމުންނެވެ.

އިތުރު ފުރުސަތަކީ ކުށުގެ ތުހުމަތު ކުރެވޭ މީހުންނަށް ދައުވާ ނުކުރުމަށް ނުވަތަ ކޮށްފައިވާ ދައުވާތައް އަނބުރާ ގެންދިއުމަށް ޕީޖީ އޮފީހުން ހިންގާ ޕްރޮގްރާމެކެވެ. އިތުރު ފުރުސަތަކަށް މީހަކު އެދިއްޖެ ނަމަ އެކަމާ މެދު ގޮތެއް ނިންމާނީ ޕީޖީގައި އޮންނަ އިތުރު ފުރުސަތު ކޮމެޓީންނެވެ. އިތުރު ފުރުސަތު ދީފި ނަމަ އިތުރު ކުށެއް ނުކުރަން ޝަރުތުކޮށް، ދައުވާ ނުކޮށް ދޫކޮށްލާނެ އެވެ. އެކަމަކު އިތުރު ކުށެއް ކޮށްފި ނަމަ ކުރީގެ މައްސަލައާ އެކު އެ މީހެއްގެ މައްޗަށް އަލުން ދައުވާ ކުރާނެ އެވެ.

މިއަދުގެ އަޑުއެހުމުގައި ކިތާބީ ހެކިތަކާ މެދު ވާހަކަ ދެއްކުމަށް ފަހު، އަންނަ ހަފުތާގައި އެ މައްސަލާގެ ފަހު އަޑުއެހުން ބާއްވަން ފަނޑިޔާރުން ވަނީ ނިންމަވައިފަ އެވެ.

ފަހު އަޑުއެހުން ބޭއްވުމުގެ ކުރިން، ހެކިވެރިން ހެކިބަހާ ބެހޭގޮތުން ވާހަކަ ދައްކަން އިތުރު އަޑުއެހުމެއް ބާއްވައި ދިނުމަށް ރިޔާޒްގެ ވަކީލުން އެދުނަސް ފަނޑިޔާރުން ނިންމެވީ އިތުރު އަޑުއެހުމެއް ބޭއްވެން ނެތް ކަމަށެވެ. ފަނޑިޔާރުން ވިދާޅުވީ ހެކިބަހާ ބެހޭގޮތުން ދައްކަން ބޭނުންވާ ވާހަކަތައް ފަހު އަޑުއެހުމުގައި ޚުލާސާ ބަޔާން ހުށަހަޅާއިރު ދެއްކިދާނެ ކަމަށެވެ.

ކިތާބީ ހެކިތަކާ ބެހޭގޮތުން ވާހަކަ ދައްކަމުން ރިޔާޒްގެ ވަކީލުންގެ ޓީމުން ބުނީ ޒާތީ މުއާމަލާތްތަކަކީ ހުރުމަތްތެރި ވެގެންވާ އެއްޗެއް ކަމަށް ގާނޫނު އަސާސީގައި ބުނާއިރު ރިޔާޒްގެ ފޯނުގައި އެހެން މީހުންގެ ޒާތީ މުއާމަލާތްތައް ވެސް ހުންނާނެ ކަމަށެވެ. އެހެންވެ، އެ ފޯނު ފުލުހުންނަށް ހުޅުވައިދީފި ނަމަ އެ ހިސާބުން އެހެން ބައެއްގެ ޒާތީ މުއާމަލާތްތަކުގެ ހުރުމަތް ރިޔާޒް ނަގާލި ކަމަށް ވާނެ ކަމަށް ދިފާއީ ވަކީލުން ބުންޏެވެ.

"ފޯނު ހުޅުވި ނަމަ އެހެން ބައެއްގެ ޒާތީ ހައްގަށް އަރައިގަނެވުނީ"

ޒާތީ މުވާސަލާތުގެ ހައްގު ހަނި ކުރާ ގާނޫނެއް ނެތި، ފޯނު ހުޅުވަން އެންގުމުގެ ބާރު ކޯޓުތަކަށް ލިބިގެން ނުވާ ކަމަށް ރިޔާޒްގެ ވަކީލުން ބުނާ ބުނުން މިއަދު ވެސް ވަކީލުން ތަކުރާރު ކުރި އެވެ. އެކަމަކު އެގޮތަށް ގަބޫލު ކުރިޔަސް، ވަކީލުން ބުނި ގޮތުގައި އެ ފޯނު ހުޅުވަން ރިޔާޒްގެ މައްޗަށް ކޯޓުގެ އަމުރުގައި އަންގާފައި އޮތް ނަމަ އެކަމަށް ރިޔާޒް ދެކޮޅު ނުހައްދަވާނެ އެވެ. ފޯނު ހުޅުވަން ރިޔާޒްގެ މައްޗަށް އަންގާފައި ނެތް ކަމަށާއި އެހެން މައްސަލަތަކުގައި ފޯނު ހުޅުވަން އަންގައި، ނެރެފައިވާ އަމުރުތަކާއި ރިޔާޒްގެ މައްޗަށް ނެރުނު އަމުރާ އަޅާ ކިޔާލުމުން އެކަން ސާފުވާނެ ކަމަށް ވަކީލުން ބުންޏެވެ.

ވަކީލުން ބުނި ގޮތުގައި ފުލުހުން މަސައްކަތް ކުރީ ކޯޓު އަމުރުގައި ކުރަން އަންގާފައި ނެތް ކަމެއް، ކުރަންޖެހޭ ކަމަށް ދައްކައިގެން ރިޔާޒް ލައްވައި ފޯނު ހުޅުވާށެވެ. އަދި ރިޔާޒް އެ ފޯނު ހުޅުވައި ނުދީފި ނަމަ ފުލުހުންނަށް އަމިއްލަ އަށް ފޯނު ނުހުޅުވޭނެ ކަން ރިޔާޒަށް އެނގިވަޑައިނުގަންނަވާ ކަމަށް ވެސް ވަކީލުން ބުންޏެވެ.

ފޯނު ހުޅުވަން ކޯޓު އަމުރުގައި އަންގާފައި ނެތް ކަމަށް ބުނެ އެ އަމުރު އިސްތިއުނާފް ކުރިންތޯ ފަނޑިޔާރުން ސުވާލު ކުރެއްވުމުން ރިޔާޒް ވިދާޅުވީ ކޯޓެއްގައި އެ އަމުރު އިސްތިއުނާފް ނުކުރާ ކަމަށެވެ. ރިޔާޒްގެ ވަކީލުން ބުނީ އަމުރު އިސްތިއުނާފް ނުކުރީ ފޯނު ހުޅުވުމަށް އިތުރު އަމުރެއް ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ފުލުހުން ރިޔާޒްގެ ގާތު ބުނުމުންނެވެ.

ފޯނު ހުޅުވަން ރިޔާޒަށް އެންގުމަށް އިތުރު ކޯޓު އަމުރެއް ހޯދުމުގެ މަސައްކަތް ފުލުހުން ކުރިތޯ ބަލަން ރިޔާޒްގެ ފަރާތުން ހެކިން ހުށަހަޅާފައިވާތީ ކޯޓުން ވަނީ އެފަދަ އަމުރަކަށް ފުލުހުން އެދުނު ތޯ ބަލައި، އެ މައުލޫމާތު ސާފުކޮށްފަ އެވެ. އެ މައުލޫމާތު ސާފު ކުރުމަށް ފަހު ފަނޑިޔާރުން ވިދާޅުވީ އިތުރު އަމުރަކަށް ފުލުހުން ކޯޓުގައި އެދިފައި ނެތް ކަމަށެވެ.

"ފޯނު ހުޅުވަން ރިޔާޒަށް ލާޒިމްވާނެ"

ދިފާއީ ވަކީލުންނަށް ރައްދު ދީ ދައުލަތުން ބުނީ ކޯޓު އަމުރު އޮތްގޮތުން ފޯނު ހުޅުވަން ރިޔާޒަށް ލާޒިމްވާނެ ކަމަށާއި ފޯނުގައި ހުރި މައުލޫމާތު ބެލެން އޮތް ހަމައެކަނި ގޮތަކީ އޭނާ ފޯނު ހުޅުވައި ދިނުން ކަމަށެވެ. އެހެންވީއިރު އެކަން ނުކުރުމަކީ ފުލުހުންނަށް ހުރަސް އެޅުން ކަމަށް ދައުލަތުން ބުންޏެވެ.

ފޯނު ހުޅުވަން އަންގައި، ކޯޓުން ފަހުން ނެރުނު އަމުރުތަކެއްގެ ކޮޕީ ރިޔާޒްގެ ފަރާތުން ދިފާއުގައި ހުށަހަޅާފައިވާތީ އެކަމަށް ރައްދު ދީ ދައުލަތުން ބުނީ ފޯނު ހުޅުވަން އަމުރު ކުރުމަކީ ގާނޫނާ ޚިލާފް ކަމެއް ކަމަށް ރިޔާޒްގެ ފަރާތުން ބުނާއިރު އެފަދަ އަމުރުތަކެއް ރިޔާޒްގެ ފަރާތުން ދިފާއުގައި ހުށަހެޅީ ކީއްވެގެން ކަމާ މެދު ސުވާލު އުފެދޭ ކަމަށެވެ. އަދި އެ އަމުރުތަކަކީ ރިޔާޒްގެ މައްސަލައިގެ ފަހުން ނެރެފައިވާ އަމުރުތަކެއް ކަމަށް ދައުލަތުން ބުންޏެވެ.

ގާޒީ އަހުމަދު ޝަކީލާއި ގާޒީ އާދަމް އާރިފް އަދި ގާޒީ އަލީ އާދަމް ބައްލަވާ އެ މައްސަލައިގެ އަޑުއެހުން މިއަދަށް ނިންމާލީ އަންނަ ހަފުތާގައި އޮންނަ އަޑުއެހުމުގައި ދެ ފަރާތުން ޚުލާސާ ބަޔާން ހުށަހަޅަން ތައްޔާރުވާން އެންގުމަށް ފަހު އެވެ.