ރިޔާޒްގެ ފޯނުގެ މޮޑެލް ފުލުހުންގެ ފޮރެންސިކަށް "އޮޅިއްޖެ"

ޖުމްހޫރީ ޕާޓީގެ ލީޑަރު އަބްދުﷲ ރިޔާޒްގެ ފޯނު ފުލުހުންނަށް ހުޅުވައި ނުދިން ކަމަށް ބުނެ ރިޔާޒަށް ކުރާ ދައުވާގެ ޝަރީއަތަށް ދައުލަތުން ހުށަހެޅި ފޮރެންސިކް ރިޕޯޓުގައި ރިޔާޒްގެ ފޯނުގެ މޮޑެލްގެ ގޮތުގައި ނުބައި މޮޑެލްއެއް ލިޔެފައިވާތީ ރިޔާޒްގެ ވަކީލުން އެ މައްސަލަ މިއަދު ފެންމަތިކޮށްފި އެވެ.


ރިޔާޒަށް ދައުވާކުރަނީ އޭނާއަށް ތުހުމަތު ކުރެވުނު މައްސަލައެއްގައި ކޯޓު އަމުރެއްގެ ދަށުން އޭނާގެ ފޯނު ހިފަހައްޓައި، ހުޅުވަން އެންގުމުން އެކަން ނުކުރި މައްސަލައިގަ އެވެ. އެ މައްސަލާގެ މިއަދުގެ އަޑުއެހުމުގައި ރިޔާޒްގެ ވަކީލް ނޫރުއްސަލާމް އަބޫބަކުރު ވިދާޅުވީ ފޮރެންސިކް ރިޕޯޓުގައި، ރިޔާޒްގެ ފޯނަކީ އައިފޯން "6 އެސް" އެއް ކަމަށް ލިޔެފައި އޮތަސް ރިޔާޒް ގެންގުޅުއްވީ "6 އެސް ޕްލަސް" އެއް ކަމަށެވެ. ނުބައި މައުލޫމާތެއް އެ ރިޕޯޓުގައި ހިމެނޭތީ އެ ރިޕޯޓް ޝަރީއަތަށް ބަލައިނުގަނެވޭނެ ކަމަށް ނޫރު ވިދާޅުވި އެވެ.

ފޮރެންސިކް ރިޕޯޓުގައި އެ ފޯނުގެ މޮޑެލް ނުބައިކޮށް އޮތަސް އެ ފޯނުގެ ޗެއިން އޮފް ކަސްޓަޑީ ރިޕޯޓް (ފުލުހުންގެ ބެލުމުގެ ދަށަށް ގެންދެވޭ ތަކެއްޗާ މެދު އަމަލު ކުރެވޭ އަދި އެ ތަކެތި ނަގުލުވަމުންދާ ގޮތް ބަޔާންކުރާ ރިޕޯޓް) ގައި އެ ފޯނުގެ މޮޑެލްގެ ގޮތުގައި ލިޔެފައިވަނީ ރަނގަޅަށް، 6 އެސް ޕްލަސް އެއް ކަމަށެވެ.

އެ ދެ ރިޕޯޓުގައި މޮޑެލް ތަފާތުކޮށް ލިޔެފައި އޮތަސް، ފޯނުގެ އައިއެމްއީއައި ނަމްބަރުގެ ގޮތުގައި ދެ ރިޕޯޓުގައި ވެސް އޮތީ އެއް ނަމްބަރެކެވެ. އެހެންވެ އެކަން ފާހަގަކޮށް، ދައުލަތުން ބުނީ ދެ ރިޕޯޓުގައި ވެސް އައިއެމްއީއައި ނަމްބަރު އެއްގޮތް ކަމަށާއި އެކަމުގައި ސުވާލު އުފެދޭ ކަމެއް ނެތް ކަމަށެވެ. އަދި ފޮރެންސިކް ރިޕޯޓުގައި ނުބައިކޮށް ލިޔެފައި އޮތް ސަބަބު ސާފު ކުރުމަށް ފަހު ދެން އޮންނަ އަޑުއެހުމެއްގައި އެ މައުލޫމާތު ޝަރީއަތާ ހިއްސާ ކުރާނެ ކަމަށް ދައުލަތުން ބުންޏެވެ.

ރިޔާޒްގެ ވަކީލުންގެ ޓީމުގައި ހިމެނޭ ހިސާން ހުސައިން ވިދާޅުވީ އައިއެމްއީއައި ނަމްބަރު ދެ ރިޕޯޓުގައި އެއްގޮތަސް ވިޔަސް އެއީ ރިޔާޒްގެ ފޯނުގެ އައިއެމްއީއައި ނަމްބަރު ކަން ބުނަން ނޭނގޭ ކަމަށެވެ. އައިއެމްއީއައި ނަމްބަރަކީ އެއްވެސް މީހަކު ހަނދާނުގައި ހުންނާނެ އެއްޗެއް ނޫން ކަމަށާއި ރިޔާޒަށް ވެސް އެ މައުލޫމާތު ނޭނގޭ ކަމަށް ހިސާން ވިދާޅުވި އެވެ.

ރިޔާޒްގެ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ އަލީ ޒާހިރު ވިދާޅުވީ 6 އެސް އާއި ޚިލާފަށް 6 އެސް ޕްލަސް އަކީ ސައިޒުން ބޮޑު ފޯނެއް ކަމަށްވާއިރު ފުލުހުންނަށް އެ ފޯނުގެ މޮޑެލް އޮޅެންޖެހޭ ސަބަބެއް ނެތް ކަމަށެވެ. އަދި ފުލުހުން މަސައްކަތް ކުރަނީ ހީލަތްތެރި ރޭވުމެއްގެ ދަށުން ކަމަށް އޭނާ ތުހުމަތު ކުރެއްވި އެވެ.

އެ ރިޕޯޓާ މެދު ރިޔާޒްގެ ފަރާތުން މިއަދު ސުވާލު އުފެއްދިޔަސް އެ ރިޕޯޓު ތައްޔާރުކުރި ފުލުސް މީހާގެ ހެކިބަސް ކުރީގެ އަޑުއެހުމެއްގައި ނެގިއިރު އެކަމާ ބެހޭގޮތުން ރިޔާޒްގެ ވަކީލުން ސުވާލުކޮށްފައެއް ނުވެ އެވެ.

މިއަދުގެ އަޑުއެހުމުގައި ކިތާބީ ހެކިތަކާ މެދު ވާހަކަ ދައްކައި، ނިންމާފައިވާއިރު ދެން އޮންނާނީ މައްސަލައިގެ އެންމެ ފަހު އަޑުއެހުމެވެ. އެ އަޑުއެހުން އަންނަ ހަފުތާގައި ބާއްވާނެ އެވެ.

އެ ޝަރީއަތް ނިމުމަކާ ގާތަށް ގޮސްފައި ވަނިކޮށް ރިޔާޒް ވަނީ އިތުރު ފުރުސަތު ޕްރޮގްރާމްގެ ދަށުން އެ ދައުވާ އަނބުރާ ގެންދަން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުގައި އެދެން ނިންމައިފަ އެވެ. އެހެންވެ، އެކަމުގައި ގޮތެއް ނިމެންދެން ޝަރީއަތް މަޑުޖައްސާލަން އެދުނަސް ފަނޑިޔާރުން ނިންމެވީ ދައުލަތުން އެގޮތަށް ނޭދޭތީ ހިނދަކު ޝަރީއަތް ކުރިއަށް ގެންދިއުމަށެވެ.