މަހްލޫފަށް ކުށް ސާބިތުކުރީ އެންމެ ހެކިބަހަކަށް ބިނާކޮޮށް، އެކަން ނުކުރެވޭނެ: ވަކީލް

ފުލުހުން ބަންދު ކޮށްފައިވާ ސަރަހައްދަށް ވަތް މައްސަލާގައި ގަލޮޅު ދެކުނު ދާއިިރާގެ މެމްބަރު އަހުމަދު މަހްލޫފްގެ މައްޗަށް ކްރިމިނަލް ކޯޓުން ކުށް ސާބިތުކުރީ އެންމެ ހެކިވެރިއެއްގެ ހެކިބަހަކަށް ބިނާކޮށްގެން ކަމަށާއި އެކަން އެގޮތަށް ނުކުރެވޭނެ ކަމަށް އޭނާގެ ފަރާތުން ހައި ކޯޓުގައި މިއަދު ބުނެފި އެވެ.


މާޗް، 2015 ގައި މާލޭގައި ކުރި މުޒާހަރާއެއްގައި ފުލުހުން ބަންދުކުރި ސަރަހައްދަކަށް ވަތްކަން ސާބިތުވެގެން މަހްލޫފް ހަ މަހަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ކުރި ހުކުމް މަހްލޫފްގެ ފަރާތުން އިސްތިއުނާފް ކުރުމުން، މިއަދުގެ ބޭއްވި ފުރަތަމަ އަޑުއެހުމުގައި އޭނާގެ ވަކީލް ނާޒިމް ސައްތާރު ވިދާޅުވީ، މަހްލޫފާ ދެކޮޅަށް ހެކިބަސް ދިނީ އެންމެ ހެކިވެރިއެއް ކަމަށެވެ. އަދި އެއީ މަހްލޫފް ހައްޔަރު ކުރި ކަމަށް ބުނެ ފުލުހުންގެ ވޯކީ ޓޯކީން ވާހަކަ ދެއްކި އަޑު އިވުނު ދެ ފުލުހެއް ކަމަށް އޭނާ ވިދާޅުވި އެވެ. އިވުނު އަޑުގެ ހެކިބަހަކީ ވަކި ހާލަތްތަކެއްގައި ނޫނީ އިސްލާމީ ޝަރީއަތުގައި ބަލައިގަނެވޭނެ ހެކިބަހެއް ނޫން ކަމަށާއި ދައުވާއެއް ސާބިތު ކުރަން ބޭނުން ނަމަ މަދުވެގެން ދެ ހެކިން ބޭނުންވާނެ ކަމަށް ނާޒިމް ވިދާޅުވި އެވެ.

ވަކީލް ވިދާޅުވި ގޮތުގައި މަހްލޫފްގެ ފަރާތުން ހުށަހެޅި އެއްވެސް ދިފާއީ ހެއްކެތްގެ ހެކިބަސް ކޯޓުން ނަގާފައި ނެތުމަކީ ބޭ އިންސާފުން ކުރި ކަމެކެވެ. އޭގެ ސަބަބުން ދައުލަތުގެ ހެކިވެރިންގެ ހެކިބަސް ނަފީ ކުރުމުގެ ފުރުސަތު މަހްލޫފަށް ގެއްލިފައިވާ ކަމަށް ވެސް ނާޒިމް ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ދިފާއީ ހެކިން ހާޒިރު ކުރަން ހައި ކޯޓުން ބޭނުންވެދާނެތީ، އެ ހެކިންގެ މައުލޫމާތު ކުރިން ވާނީ އެ ކޯޓަށް ހުށަހަޅައިފަ އެވެ.

ނާޒިމް ވިދާޅުވި ގޮތުގައި ކުށުގެ އަދަބެއްގެ ގޮތުން މަހްލޫފް ހަ މަހަށް ޖަލަށްލުމަކީ ގާނޫނުލް އުގޫބާތުގައި ބުނާ އުސޫލާ ޚިލާފަށް ކްރިމިނަލް ކޯޓުން ކުރި ކަމެކެވެ. މިދިޔަ ދެ އަހަރުގެ ތެރޭގައި ކުށެއް ސާބިތުވާ ކަމަށް ބުނެ، އަދަބު ކަނޑައެޅުމުގައި އަސާސީ މިންގަނޑަށް ވުރެ އެއް ދަރަޖަ މަތިކޮށް މަހްލޫފަށް ބޮޑު އަދަބެއް ކޯޓުން ކަނޑައެޅީ މި ހާދިސާ ހިނގި ފަހުން ކުރި ކަމަކާ ގުޅިގެން ކަމަށް ނާޒިމް ވިދާޅުވި އެވެ.

މި މައްސަލައިގެ ތުހުމަތުގައި މަހްލޫފް ބަންދުގައި ހުއްޓައި ފިލަން އުޅުނު ކަމަށް މަހްލޫފަށް ކުރި އެ ދައުވާ ސާބިތުވެގެން ހަތަރު މަހުގެ ޖަލު ހުކުމެއް މަހްލޫފަށް ކުރިން އައިސްފައި އޮތުމަކީ މި މައްސަލާގައި ބޮޑު އަދަބެއް މަހްލޫފަށް ދެވޭނެ ސަބަބެއް ނޫން ކަމަށް ނާޒިމް ވިދާޅުވި އެވެ. ސަބަބަކީ އެ ކުށުގެ އަމަލު ހިންގާފައި ވަނީ މި މައްސަލަ އަށް ވުުރެ ފަހުން ކަމަށް ވާތީ ކަމަށް އޭނާ ވިދާޅުވި އެވެ.

މަހްލޫފްގެ ފަރާތުން އެދުނީ ދަށު ކޯޓުގެ ހުކުމް ބާތިލްކޮށް ދިނުމަށް ނުވަތަ އޭނާގެ އަދަބު ޖޫރިމަނާގެ އަދަބަކަށް ބަދަލުކޮށް ދިނުމަށެވެ.

ނާޒިމްގެ ވާހަކަތަކަށް ރައްދު ދެއްވައި، ދައުލަތުގެ ވަކީލާ ވިދާޅުވީ މަހްލޫފާ ދެކޮޅަށް ހެކިބަސް ދިނީ އެންމެ ހެކިވެރިއެއް ނޫން ކަމަށާއި އެ ހެކިވެރިޔާގެ ހެކިބަހަށް ބާރު ލިބޭ ގޮތަށް އިތުރު ދެ މީހަކު ވެސް ހެކިބަސް ދިން ކަމަށެވެ. ބަންދު ކޮށްފައިވާ ސަރަހައްދަކަށް މަހްލޫފް ވަތް ކަމަށް އެއް ފުލުހަކު ބުނާއިރު، ދެން ތިބި ދެ ފުލުހުންގެ ބަހުން ބަންދުކޮށްފައިވާ ސަރަހައްދުގައި މަހްލޫފް ހުއްޓައި ފެނުނު ކަން އެނގޭ ކަމަށް ވަކީލާ ވިދާޅުވި އެވެ. އަދި އެ ހެކިވެރިންނަކީ އަދުލުވެރި ބައެއް ކަމަށް ވެސް ދައުލަތުން ބުންޏެވެ.

މަހްލޫފްގެ ދިފާއީ ހެކިން ހާޒިރު ނުކުރި މައްސަލައާ ގުޅިގެން ދައުލަތުން ބުނީ ހެކިން ހާޒިރު ކުރުމާއި ނުކުރުމަކީ ކޯޓުތަކަށް އޮތް ބާރެއް ކަމަށެވެ. އަދި ހެކިވެރިއަކު ހާޒިރު ނުކުރަން ނިންމި ސަބަބު ރަނގަޅު ނަމަ އެއީ މައްސަލައެއް އޮތް ކަމެއް ނޫން ކަމަށް ހައި ކޯޓުން ކުރިން ނިންމާފައިވާ ކަމަށް ވެސް ދައުލަތުން ބުންޏެވެ. ދިފާއީ ހެކިންގެ ހާޒިރު ކުރިޔަސް ދައުލަތުގެ ހެކިވެރިން ހެކިބަސް ނަފީ ނުކުރެވޭނެ ކަމަށް ކޯޓަށް ފެންނަ ނަމަ ދިފާއީ ހެކިން ހާޒިރު ނުކުރުމަކީ މައްސަލައެއް ނޫން ކަމަށް ދައުލަތުން ބުންޏެވެ.

ދައުލަތުން ޖަވާބުދާރީވަމުން ދަނިކޮށް، ހައި ކޯޓުގެ ރެކޯޑިން ސިސްޓަމް ޑައުންވުމުން މިއަދުގެ އަޑުއެހުން ވަނީ ހުއްޓާލައިފަ އެވެ. މަހްލޫފްގެ ހަ މަހުގެ ޖަލު ހުކުމް ތަންފީޒުކޮށް ނިމި، ބާކީ އޮތް ހުކުމުގެ މުއްދަތު އަންނަ މަހު ހަމަވާތީ ޝަރީއަތް އަވަސްކޮށްދޭން ޝަރީއަތުގައި އޭނާ އެދިވަޑައިގަތެވެ.

ފަނޑިޔާރުންގެ ބެންޗުން ވިދާޅުވީ ޝަރީއަތް އަވަސް ކުރަން މަސައްކަތް ކުރައްވާނެ ކަމަށެވެ. މި ހަފުތާގައި އެ މައްސަލައިގެ އިތުރު އަޑުއެހުމެއް ބާއްވާނެ އެވެ.

ފަނޑިޔާރު އަބްދުﷲ ހަމީދު ރިޔާސަތު ބަލަހައްޓަވާ، މަހްލޫފުގެ މައްސަލަ ބަލާ ބެންޗުގައި ދެން ތިއްބަވަނީ ފަނޑިޔާރު އަބްދުއްރައޫފް އިބްރާހިމް އަދި ފަނޑިޔާރު އަލީ ސަމީރު އެވެ.

މަހްލޫފްގެ އިސްތިއުނާފް ޝަރީއަތް މިއަދު ފެށިއިރު، އެ ޝަރީއަތް ލަސްވާތީ އޭނާގެ ވަކީލުންނާއި އާއިލާއިން ކުރިން ވަނީ ފާޑު ކިޔައިފަ އެވެ. މަހްލޫފަށް ހަތަރު މަހާއި 24 ދުވަހުގެ ޖަލު ހުކުމެއް ވެސް އިއްވާފައި ވާއިރު އެ ހުކުމް ތަންފީޒުކޮށް ނިމި އަންނަ މަހު އޭނާ މިނިވަންވާނެ އެވެ.