ފުވައްމުލަކުގެ ކުނީގެ މަސައްކަތް ވެމްކޯއާ ހަވާލުކޮށްފި

ފުވައްމުލަކުގައި އުފެދޭ ކުރި ހަރުދަނާ ގޮތެއްގައި އެއްކޮށް ނައްތައިލުމުގެ މަސައްކަތް ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) އާ މިއަދު ހަވާލުކޮށްފި އެވެ.


އެ މަސައްކަތުގެ އެއްބަސްވުމުގައި އެންވަޔަރްމަންޓް މިނިސްޓަރު ތޯރިގް އިބްރާހިމް އަދި ވެމްކޯގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު މުއީން ވަނީ މިއަދު ސޮއިކުރައްވައިފަ އެވެ.

ފުވައްމުލަކުގެ ކުނީގެ މަސައްކަތް ވެމްކޯއާ ހަވާލުކުރުމުގެ އެއްބަސްވުމުގައި މިނިސްޓަރު ތޯރިގް (ކ-2) އަދި ވެމްކޯގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުއީން ސޮއި ކުރައްވަނީ. --ފޮޓޯ: އެންވަޔަރްމަންޓް މިނިސްޓްރީ

އެއްބަސްވުމަށް ފަހު ވާހަކަ ދައްކަވަމުން މިނިސްޓަރު ތޯރިގް ވިދާޅުވީ ފުވައްމުލަކުގެ ހުރިހާ ގެއަކުންނާއި ވިޔަފާރި ކުރާ ތަންތަނުން އުފައްދާ ކުނި މި މަހުގެ ފަހުކޮޅުން ފެށިގެން ވިމްކޯ އިން ނަގަމުން ގެންދާނެ ކަމަށެެވެ. އެ މަސައްކަތް ކުރަން ބޭނުންވާ ވަސީލަތްތައް ފުވައްމުލަކަށް ފޮނުވަން ވަރަށް އަވަހަށް ފަށާނެ ކަމަށް ވެސް ވިދާޅުވި އެވެ.

ތޯރިގް ވިދާޅުވީ އައްޑު އާއި ފުވައްމުލަކު ހިމެނެނީ ކުނި މެނޭޖްކުރުމުގެ ޕޮލިސީގެ ދަށުން ރީޖަން ހަތެއްގައި ކަމަށާއި އެ ސަރަހައްދުގެ ރީޖަނަލް ވޭސްޓް މެނޭޖްމަންޓް ސެންޓަރު އައްޑޫގައި ގާއިމްކުރާނެ ކަމަށެވެ. އެ ސެންޓަރު ގާއިމްކުރުމުގެ މަސައްކަތްތައް ވެސް މިހާރު ކުރަމުން އަންނަ ކަމަށް ތޯރިގް ވިދާޅުވި އެވެ.

ކުނި މެނޭޖުކުރުމުގެ ޕޮލިސީގެ ދަށުން ރާއްޖޭގެ ހުރިހާ ރަށަކުން ވެސް ރައްކާތެރި ގޮތުގައި ކުނި މެނޭޖު ކުރެވިގެންދާނެ ކަމަށާއި އަންނަ އަހަރު ނިމުމުގެ ކުރިން ހުރިހާ ރަށެއްގައި ވެސް ކުނި މެނޭޖުކުރާނެ ސެންޓަރެއް ގާއިމްކުރެވިގެންދާނެ ކަމަށް ތޯރިގް ވިދާޅުވި އެވެ.