ޝަރުތުތައް އުވާލުމާއެކު ގާސިމް ކުނޫޒުގެ "ޖަލަށް"

ޖުމްހޫރީ ޕާޓީގެ ލީޑަރުު ގާސިމް އިބްރާހިމްގެ މައްޗަށް ކްރިމިނަލް ކޯޓުން ކޮށްފައިވާ ޝަރުތުތައް މިއަދު އުވާލުމާ އެކު، މ. ކުނޫޒްގައި ހަދާފައިވާ ނަމޫނާ ޖަލު ގޮޅީގައި މަޑުކޮށްލައްވައިގެން އިންނެވި ފޮޓޯއެއް އާއްމުކޮށްފި އެވެ.


‎މިދިޔަ ބުދަދުވަހު އޮތް ޝަރީއަތުގެ މަޖިލީހުގައި، މާމިގިލީ ދާއިރާގެ މެމްބަރު ގާސިމްގެ މައްޗަށް ކޮށްފައިވާ ހަތް ޝަރުތު ކްރިމިނަލް ކޯޓުން އުވައިލީ އިއްޔެ ފުލުހުން އެ ކޯޓަށް ފޮނުވި ސިޓީއަކާ ގުޅިގެންނެވެ. އެ ސިޓީގައި ބުނެފައިވާ ގޮތުގައި ގާސިމްގެ މައްޗަށް ދައުވާ ކުރުމަށް އެދި ޕީޖީ އޮފީހަށް ނުފޮނުވާ ކަމަށް ފުލުހުން ޝަރީއަތުގައި ބުނީ އޮޅުމަކުންނެވެ. އެހެންވެ އެ ޝަރުތުތައް އުވައިލީ ކަމަށް ކޯޓުން ގާސިމަށް ފޮނުވި ސިޓީގައިވެ އެވެ.

ގާސިމަށް ކޯޓުން ކުރި ބޮޑެތި ޝަރުތުތައް އުވައިލި ފަހުން، ޖުމްހޫރީ ޕާޓީ އޮފީސް ހިންގާ ކުނޫޒަށް އޭނާ މިއަދު ހަވީރު ވަޑައިގެންނެވި އެވެ. ކްރިމިނަލް ކޯޓުން ގާސިމް މިދިޔަ ބުދަދުވަހު މިނިވަންކުރި ފަހުން، ފުރަތަމަ ފަހަރަށް މިއަދު ހަވީރު ކުނޫޒަށް ވަޑައިގަތުމުން އޭނާގެ ލޯ އެންމެ ފުރަތަމަ ވެސް އަމާޒުވީ، އެތަނުގައި ހަދާފައިވާ ނަމޫނާ ޖަލު ގޮޅި އަށެވެ. ކުނޫޒްގައި ބޭއްވި ޖުމްހޫރީ ޕާޓީގެ ކައުންސިލް ބައްދަލުވުމަށް ފަހު، ގާސިމް އެ ގޮޅި އަށް ވަދެވަޑައިގެން، އެތަނުގައި ލަކުޑިން ހަދާފައި ހުރި އަށްޓެއްގެ މަތީގައި އިށީނދެ ވަޑައިގެން ފޮޓޯ ނެންގެވި އެވެ. އަށިމަތީގައި ގާސިމް އިށީނދެވަޑައިގެން އިންނެވީ އިސްދަށަށް ޖައްސަވައިގެންނެވެ.

ގާސިމްގެ އަރިސް ބޭފުޅަކު "މިހާރު" އަށް ކިޔައިދިން ގޮތުގައި އެއީ ދޫނިދޫ ޖަލު ގޮޅީގައި ވެސް ގާސިމް އާންމުކޮށް އަށިމަތީގައި އިށީނދެވަޑައިގެން އިންނަވާ ގޮތް ކަމަށް ވިދާޅުވާ ކަމަށެވެ.

"ނަމޫނާ ގޮޅިއަށް ވަދެވަޑައިގެންފައި ގާސިމް ވިދާޅުވީ ދޫނިދޫގެ ގޮޅިއާ ވަރަށް އެއްގޮތޭ. ވަރަށް ރަނގަޅަށް ކޮށްފައިވާ ކަމެކޭ މިއީ،" ގާސިމްގެ އާއިލާގެ ބައެއް ބޭފުޅުންގެ އިސްނެންގެވުމަކަށް ހަދާފައިވާ ނަމޫނާ ގޮޅިއާ ބެހޭ ގޮތުން އޭނާގެ އަރިސް ބޭފުޅަކު ވިދާޅުވި އެވެ.

ކުނޫޒުގައި ފަހަކަށް އައިސް ޖަލްސާތައް ބާއްވަނީ އެ ޖަލު ގޮޅި ކުރިމަތީގައި ޕޯޑިއަމް ބަހައްޓައިގެން، ފަހަތުން އެތަން ފެންނަ ގޮތަށެވެ. އެ ގޮޅީގައި ގާސިމްގެ އިތުރުން، މިހާރު ވެސް ބަންދުގައި ތިއްބެވި ކުރީގެ ރައީސްގެ މުހައްމަދު ނަޝީދާއި އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ އަދި ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމާއި ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހުލޫފްގެ ފޮޓޯ ވެސް ހިއްޕާފައި ހުއްޓެވެ.

ކްރިމިނަލް ކޯޓުން ކުރި ޝަރުތުތައް އުވައިލި ނަމަވެސް އެކަމާ ގުޅޭ ގޮތުން ގާސިމް މިހާތަނަށް އެއްވެސް ވާހަކައެއް ދައްކަވާފައެއް ނުވެ އެވެ.

‎ކްރިމިނަލް ކޯޓުން ކުރި ޝަރުތުތަކާ އެކު، ކުނޫޒުގައި އިދިކޮޅު ފަރާތްތަކުގެ ޖަލްސާތައް ބޭއްވުން ވެސް ހުއްޓައިލި އެވެ. ސަބަބަކީ އެއީ ގާސިމްގެ ނަމުގައި ހުރި އިމާރާތަކަށް ވާތީ، އޭނާގެ މައްޗަށް ކޯޓުން ކަނޑައެޅި ޝަރުތުތަކާ ގުޅިގެން ކުނޫޒްގައި ޖަލްސާތައް ބޭއްވިދާނެ ކަމަށް ނުފެންނާތީ އެވެ.

‎ބޮޑެތި ޝަރުތުތަކެއް ކަނޑައަޅައި ކްރިމިނަލް ކޯޓުން ގާސިމް ދޫކޮށްލީ އޭނާގެ މައްސަލަ ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވޭތޯ ބުދަ ދުވަހުގެ ޝަރީއަތުގެ މަޖިލީހުގައި ގާޒީ ސުވާލު ކުރެއްވުމުން ނުފޮނުވާ ކަމަށް ފުލުހުން ބުނުމުންނެވެ. އެކަމަކު ފަހުން އެނގުނު ގޮތުގައި ފުލުހުން އޮތީ އެ މައްސަލަ އޭގެ ކުރީ ދުވަހު ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވައިފަ އެވެ. އަދި އެ މައްސަލާގައި ދައުވާ ނުކުރަން ނިންމައި، އަނބުރާ ފުލުހުންނަށް ފޮނުވީ ވެސް ޝަރުތުތަކާ އެކު ގާސިމް ދޫކޮށްލަން ގާޒީ ނިންމެވި ޝަރީއަތް ބޭއްވި ދުވަހު އެވެ.

‎ގާސިމްގެ މައްޗަށް ދައުވާ ކޮށްދިނުމަށް އެދި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފުލުހުން ފަހުން ފޮނުވި މައްސަލާގައި ދައުވާ ކުރެވެން ނެތް ކަމަށް ނިންމި ނަމަވެސް، ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ރިޝްވަތު ހުށަހަޅަން އުޅުނު ކަމަށް ބުނެ ތިން ދައުވާއެއް އުފުލައި މިހާރު ވެސް ގާސިމްގެ ޝަރީއަތް ކުރިއަށް އެބަދެ އެވެ.