ކްރައިމް އިންވެސްޓިގޭޝަންގެ ވެރިޔަކަށް ހުންނެވި ނަވާޒް ކޮމިއުނިކޭޝަން ސެންޓަރަށް ބަދަލުކޮށްފި

ކްރައިމް އިންވެސްޓިގޭޝަން ކޮމާންޑްގެ ވެރިޔަކަށް ހުންނެވި، އެސިސްޓެންޓް ކޮމިޝަނަރު އޮފް ޕޮލިސް އަބްދުﷲ ނަވާޒް، ފުލުހުންގެ ކޮމިއުނިކޭޝަން ސެންޓަރަށް ބަދަލުކޮށްފި އެވެ.


ފުލުހުންގެ އެތެރޭގެ މަގާމުތަކަށް ގެންނަ ބަދަލުތަކާ ބެހޭ ގޮތުން ފުލުހުން އާންމު ގޮތެއްގައި މީޑިއާއަށް މައުލޫމާތެއް ނުދެ އެވެ. އެހެންވެ މި ބަދަލާ ގުޅޭ ގޮތުން ވެސް ވަކި އެއްޗެއް ނުބުނެ އެވެ. ނަމަވެސް ނަވާޒް ކޮމިއުނިކޭޝަން ސެންޓަރަށް ބަދަލުކޮށްފައިވާކަން "މިހާރު" އަށް ވަނީ ކަށަވަރުވެފަ އެވެ.

މި ބަދަލާ އެކު ފުލުހުންގެ ކޮމިއުނިކޭޝަން ސެންޓަރު ހިންގާނީ ނަވާޒްގެ ބެލުމުގެ ދަށުންނެވެ. ކުރިން މިއީ ޑިޕާޓްމަންޓް ލެވެލްގައި ހިންގި ސެންޓަރެއް ނަމަވެސް މި ގެނައި ބަދަލާ އެކު އެތަން ވަނީ ޑައިރެކްޓަރޭޓް ލެވަލް އަށް ބަދަލުކޮށްފަ އެވެ.

އެސިސްޓެންޓް ޕޮލިސް ކޮމިޝަނަރު ކަމަށް ނަވާޒް ހަމަޖައްސާފައި ވަނީ ޖޫން 29، 2015 ގަ އެވެ.