ހިތަދޫ ހޮސްޕިޓަލަށް ދިމާވެފައިވާ ދަތިތައް ހެލްތު މިނިސްޓްރީއާ ހިއްސާކޮށްފި

އައްޑޫ ހިތަދޫ ރީޖަނަލް ހޮސްޕިޓަލް (އެޗްއާރްއެޗް) އަށް މި ވަގުތު ދިމާވެފައިވާ ދަތިތަކާއި ގޮންޖެހުންތަކާ ބެހޭ މައުލޫމާތު އެ ހޮސްޕިޓަލުން ހެލްތު މިނިސްޓްރީއާ މިއަދު ހިއްސާކޮށްފި އެވެ.

ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމްގެ ދައުވަތަކަށް މާލެ ވަޑައިގެން، އެ ކަންކަން މިނިސްޓްރީގެ އިސްވެރިންނާ ހިއްސާ ކުރެއްވީ އެޗްއާރްއެޗްގެ ކޮމިއުނިޓީ ހެލްތު އޮފިސަރު މުހައްމަދު ޖަމީލް އެވެ.

ހޮސްޕިޓަލްގެ ވެރިޔާ އަބްދުﷲ ޖަމީލްގެ ދަށުން ހޮސްޕިޓަލް ހިންގެވުމާ ހަވާލުވެ ހުންނެވި ނަޖީބް މިއަދު ވިދާޅުވީ، ހެލްތު މިނިސްޓްރީއާ އެކު ބޭއްވި ބައްދަލުވުމުގައި "ހިތަދޫ ހޮސްޕިޓަލްގައި މި ވަގުތު ހުރި ގިނަ އިޝޫޒްތަކާ ބެހޭ ގޮތުން މަޝްވަރާ ކުރެވުނު" ކަމަށެވެ.

"މައިގަނޑު ގޮތެއްގައި ހޮސްޕިޓަލްގައި މި ވަގުތު ހުރި އިޝޫޒްތަކާ ބެހޭ ގޮތުން ވާހަކަ ދެކެވުނީ. އަދި އެކަންކަމް ހައްލު ކުރުމަށް ކުރެވިދާނެ ކަންތައްތަކާ ބެހޭ ގޮތުން ވެސް ވާހަކަ ދެކުވުނު،" އޭނާ ވިދާޅުވި އެވެ.

"އެހެން ނަމަވެސް އޭގެ ތަފުސީލަކަށް މި ވަގުތު ދާން ތަންކޮޅެއް ދަތި."

ހެލްތުގެ ޓްވީޓް.

ހިތަދޫ ރީޖަނަލް ހޮސްޕިޓަލުން އެކަށީގެންވާ ފެންވަރަށް ހިދުމަތް ނުދެވޭ ކަމަށާއި އެތަނަށް ޖާގައިގެ ދަތިކަން ވެސް ވަރަށް ބޮޑަށް ކުރިމަތިވެފައިވާ ކަމަށް ބުނެ އައްޑޫގެ ވަރަށް ގިނަ ބަޔަކު ކަންބޮޑުވުން ފާޅު ކުރަމުން ގެންދެ އެވެ.

ހާއްސަކޮށް ހޮސްޕިޓަލް ހިންގާ އިމާރާތް ބާވުމުގެ މައްސަލަ އަކީ ވެސް ހިދުމަތް ހޯދާ މީހުންގެ ވަރަށް ބޮޑު ޝަކުވާއެކެވެ. މިހާރު ބޭނުން ކުރާ އިމާރާތަކީ 1983 ގައި ހެދި ތަނެކެވެ. އެ ހޮސްޕިޓަލް ހުޅުވީ 1984 ގަ އެވެ.

ވާރޭ ވެހޭ ނަމަ ފުރާޅުން ލީކްވުން ފަދަ މައްސަލަތަކާއި އެތަނުގައި ބޭނުން ކުރާ ބައެއް ވަސީލަތައް ބާވުމުގެ މައްސަލައަކީ ވެސް އާންމުންގެ ޝަކުވާއެކެވެ.

ސަރުކާރުން ކުރިން ވަނީ ހިތަދޫގައި 100 އެނދުގެ ހޮސްޕިޓަލެއް އިމާރާތް ކުރަން ވެސް ނިންމައިފަ އެވެ.

ނަމަވެސް އާ ހޮސްޕިޓަލެއް އިމާރާތް ކުރުމުގެ ބަދަލުގައި ހިތަދޫގައި ހުންނަ އިކްޓޯރިއަލް ކޮންވެޝަން ސެންޓަރު (އީސީސީ) ހޮސްޕިޓަލަކަށް ބަދަލު ކުރަން ސަރުކާރުން ވަނީ ނިންމައިފަ އެވެ.

ސަތޭކަ އެނދުގެ ޓާޝަރީ ހޮސްޕިޓަލަކަށް އެތަން ބަދަލު ކުރަން 161.8 މިލިއަން ރުފިޔާ އަށް އެލިއާ ކޮންސްޓްރަކްޝަނާ ހައުސިން މިނިސްޓްރީން ހަވާލު ކުރީ ނޮވެމްބަރު 14، 2016 ގަ އެވެ.

އެ މަޝްރޫއު އެންމެ ލަސްވެގެން މެއި 8، 2018 އަށް ނިންމަން ޖެހޭނެ ކަމަށް ޝަރުތުކޮށްފައިވެ އެވެ. އެކަމަކު މިހާތަނަށް އެ މަސައްކަތް ވެސް އެކަށީގެންވާ ގޮތަކަށް ކުރިއަކަށް ނުދެ އެވެ.

އީސީސީ ހޮސްޕިޓަލަކަށް ބަދަލު ކުރަން ސަރުކާރުން ނިންމުމާ ގުޅިގެން އައްޑޫ ސިޓީ ކައުންސިލާއި އައްޑޫގެ ބައެއް ރައްޔިތުން ވަނީ އެކަމާ ކަންބޮޑުވުން ވެސް ފާޅުކޮށްފަ އެވެ.