ޗުއްޓީ އަށް ފަހު މަޖިލިހުގެ ޖަލްސާތައް އަންނަ މަހުގެ ފަހެއްގައި ފަށަނީ

ރައްޔިތުންގެ މަޖިލިހުގެ ދެވަނަ ދައުރުގެ ޖަލްސާތައް ދޮޅުމަސް ދުވަހުގެ ޗުއްޓިއަކަށް ފަހު، އަންނަ މަހުގެ ފަހެއްގައި ފަށަން ނިންމައިފި އެވެ.


މަޖިލީހުގެ ބައެއް މެމްބަރުން މިއަދު ވިދާޅުވި ގޮތުގައި އަންނަ މަހުގެ ފަހެއްގައި މަޖިލީހުގެ ޖަލްސާތައް ފަށާނެ ކަން މަޖިލިހުގެ އިދާރާ އިން ވަނީ އަންގައިފަ އެވެ. އެ ދުވަހުގެ ޖަލްސާ އޮންނާނީ ހެނދުނު 10:30 ގަ އެވެ.

މި އަހަރުގެ ދެވަނަ ދައުރުގެ ފުރަތަމަ ޖަލްސާގެ އެޖެންޑާ އަދިއެއް އިއުލާނެއް ނުކުރެ އެވެ. އާންމު ގޮތެއްގައި ޖަލްސާތަކުގެ އެޖެންޑާ ހާމަ ކުރަނީ ޖަލްސާ އޮންނަ ދުވަހުގެ ކުރީ ދުވަހު އެވެ.

މެމްބަރުން ޗުއްޓީ އަށް ވަޑައިގަތީ މިދިޔަ އޭޕްރީލް މަސް ނިމެން 18 ދުވަހަށްވެފައި ވަނިކޮށް، އެ މަހުގެ 16 ގަ އެވެ. ދޮޅުމަސް ދުވަހުގެ ޗުއްޓީއަކަށް މެމްބަރުން ވަޑައިގަތުމާ ގުޅިގެން އެ މެމްބަރުންގެ މެދުގައި ޚިޔާލު ތަފާތުވުންތަކެއް ވެސް އުފެދުނެވެ.

ބައެއް މެމްބަރުން ވިދާޅުވި ގޮތުގައި ޗުއްޓީ ދީފައި ވަނީ ގަވާއިދާ ޚިލާފަށެވެ. މަޖިލިހުގެ ފުރަތަމަ ދައުރުގެ ޖަލްސާތައް މިދިޔަ ފެބްރުއަރީ ހައެއްގައި ފެށި ފަހުން މިހާތަނަށް ބޭއްވީ 14 ޖަލްސާ އެވެ.

މަޖިލިހުގެ ގަވާއިދުގައިވާ ގޮތުން މަޖިލިހުގެ ދައުރުތައް ބެހިފައި ވަނީ ތިން ދައުރުގެ މައްޗަށެވެ. މަޖިލިހުގެ ފުރަތަމަ ދައުރު ހިނގާނީ ފެބްރުއަރީ މަހުން ފެށިގެން އޭޕްރީލް މަހުގެ ނިޔަލަށެވެ.