މާރިޔާއަށް ހަމަލާދިން މީހާ ކުށްވެރިވެ، 200ރ. އިން ޖޫރިމަނާކޮށްފި

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ވެއްޓުނު ދުވަހު ރައްޔިތުންގެ މަޖިލީހުގެ މައްޗަންގޯޅީ އުތުރު ދާއިރާގެ މެމްބަރު މާރިޔާ އަހުމަދަށް ހަމަލާދިން މީހާ ކުށްވެރިވެ، 200ރ. އިން ޖޫރިމަނާކޮށްފި އެވެ.


ފެބްރުއަރީ 7، 2012 ގައި ނަޝީދާ ދެކޮޅަށް ޖުމްހޫރީ މައިދާނަށް މީހުން ޖަމާވެފައި އޮތް ވަގުތު އެތަނަށް މާރިޔާ ވަޑައިގަތުމާ އެކު އޭނާ އަށް ހަމަލާދީ، މާރާމާރީ ހިންގިކަން ސާބިތުވީ އއ. ރަސްދޫ ނަންރީތިގޭ ހަސަން ރާޝިދުގެ މައްޗަށެވެ.

ކްރިމިނަލް ކޯޓުން އިއްޔެ ކުރި ހުކުމުގައިވަނީ މާރިޔާއަށް ހަމަލާދީ ރާޝިދު މާރާމާރީ ހިންގިކަން ހެކިންގެ ބަހުން ސާބިތުވާ ކަމަށެވެ. އެ ކުށުގެ އަދަބެއްގެ ގޮތުން 200ރ. އިން ޖޫރިމަނާކޮށް، 10 ދުވަހުގެ ތެރޭގައި އެ ފައިސާ ކޯޓަށް ދައްކަން ވަނީ ހުކުމްކޮށްފަ އެވެ.

ރާޝިދުގެ މައްޗަށް ޖޫރިމަނާގެ އަދަބެއް އައީ އޭނާގެ މައްޗަށް ދައުލަތުން ކުރި ދައުވާގެ ގޮތުންނާއި އެ ކުށަށް އޭރު ގާނޫނުލް އުގޫބާތުގައި އޮންނަ އަދަބުގެ ސަބަބުންނެވެ. އޭނާގެ މައްޗަށް ދައުލަތުން ދައުވާކުރީ އޭރު އަމަލުކުރަމުން ދިޔަ ގާނޫނުލް އުގޫބާތުގެ 126 ވަނަ މާއްދާ އިން، މާރާމާރީ ހިންގުމުގެ ދައުވާ އެވެ. އެ ކުށަށް އެ ގާނޫނުގައި އޮންނަނީ ގިނަވެގެން 200ރ. އިން ޖޫރިމަނާ ކުރުން ނުވަތަ ހަ މަހަށް ވުރެ ދިގު ނޫން މުއްދަތަކަށް ޖަލަށްލުން، ގޭގައި ބަންދު ކުރުން ނުވަތަ އަރުވާލުމެވެ.