މައުމޫންގެ ޓްވީޓްތަކަށް ނިހާން ފާޑުވިދާޅުވެއްޖެ

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމު ފަހަކަށް އައިސް ކުރައްވާ ޓްވީޓުތަކުން، ރާއްޖެއަށް "މުސީބާތް" ޖައްސަން އުޅޭ މީހުންނާ ގުޅުން އޮތް ކަމަށް ދޭހަވާ ކަމަށް ވިދާޅުވެ، އެ މަނިކުފާނުގެ ޓްވީޓްތަކަށް ޕީޕީއެމް ޕާލަމެންޓްރީ ގުރޫޕުގެ ލީޑަރު އަހުމަދު ނިހާން މިރޭ ފާޑުވިދާޅުވެއްޖެ އެވެ.


ޕީޕީއެމް ކޯލިޝަނުން އެމްޑީއޭގެ ޖަގަހައިގައި ބޭއްވި ބައްދަލުވުމެއްގައި ނިހާން ވިދާޅުވީ ރާއްޖޭގައި އިސްލާމްދީނުގެ ޝިއާރު ދިރުވަން މައުމޫން ވަރަށް ބޮޑަށް މަސައްކަތްޕުޅު ކުރެއްވި ކަމަށާއި އެކިއެކި ސްޓޭޖުތަކާއި ހަފުލާތަކުގައި އެކަމާ ގުޅޭގޮތުން އެ މަނިކުފާނު ނަސޭހަތްތައް ދެއްވި ކަމަށެވެ. އެކަމަކު އިސްލާމްދީން މި ގައުމުގައި ނުބޭއްވުމަށް ބޭރު ގައުމުތަކުން ޖަހަމުން ދިޔަ ރޮކެޓް އެންމެ ބޮޑަށް ދެނެވަޑައިގަންނަވާނެ އެއްބޭފުޅަކަށް ވެސް މައުމޫން ވާއިރު، ރާއްޖެއަށް "މުސީބާތް" ޖެއްސުމަށް ވަކާލާތު ކުރާ މީހުންނާ އެމަނިކުފާނާ ގާތް ގުޅުމެއް އޮންނަ ކަމަށް ޓްވީޓްތަކުން ހީވާ ކަމަށް ވެސް ނިހާން ވިދާޅުވި އެވެ.

"...އެހެންވެ، އަޅުގަނޑު މައުމޫން އަރިހުން އަހާލަން ބޭނުންވޭ އެ ދުވަހު މަނިކުފާނު ރައްޔިތުންނަށް ދިން ނަސޭހަތް އަމިއްލަފުޅަށް ހަނދާން ނެތުނީތޯ،" ރައްޔިތުންގެ މަޖިލީހުގެ ވިލިމާފަންނު ދާއިރާގެ މެމްބަރު ވިދާޅުވި އެވެ.

ނިހާން ވިދާޅުވި ގޮތުގައި އޭނާ އަށް ހީ ކުރެއްވުނު ކަންތައް ދޮގަކަށް ވެސް ވެދާނެ އެވެ. އެހެންނަމަ، "އެ ޖަމާއަތްތަކުގެ މީހުންނާ ގުޅުމެއް ނެތް ކަމަށް" މައުމޫން ޓްވީޓަކުން ވިދާޅުވުމަށް އޭނާ އެދިވަޑައިގެންނެވި އެވެ.

ނިހާން ވިދާޅުވީ މައުމޫން ޕީޕީއެމުން ވަކިވެ ވަޑައިގެންނެވުމުގެ ކުރިން، ދުވަހަކު ވެސް ކުޑައިމީސް ބަހެއް އެމަނިކުފާނާ މެދު ވިދާޅުނުވާ ކަމަށާއި އެކަމަކު މިރޭ ހާއްސަކޮށް އެ ވާހަކަ މި ދެއްކެވީ، ވޭތުވެ ދިޔަ ދުވަސްތަކުގައި، ދިވެހި ބަހުން ވާހަކަ ދައްކާ، ދިވެހި މަޔަކަށް ލިބިފައިވާ ދިވެހިންނޭ ކިޔާ ބަޔަކު ދައްކަމުން ދާ ދީނާ އިދިކޮޅު ވާހަކަތަކުގެ ސަބަބުން "ހިތަށް ކެތްނުވެގެން" ކަމަށެވެ.

ނިހާން ވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ވެސް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ.

އޭނާ ވިދާޅުވީ ނަޝީދުގެ ވެރިކަމުގައި އެމަނިކުފާނު ކޮންމެ ހަފުތާއަކު ގެނެސްދިން ރޭޑިއޯ ހިތާބުގައި އިސްލާމް ދީނާ ހިލާފު ވާހަކަތައް ދައްކަވާފައިވާކަން ސާބިތުވާނެ ކަމަށާއި ގައުމުގެ އިޖްތިމާއީ ފޭރާން ފުނޑުފުނޑުކޮށްލީ "އެ ފިކުރު"ގެ މީހުން ކަމަށެވެ. އެހެންވެ، އެ މީހުންނާ އެއްގަލަކަށް މައުމޫން އަރުއްވާ މަންޒަރު ފެނިވަޑައިގަންނަވާތީ އެ ވާހަކަ ދެންނެވީ ކަމަށް ނިހާން ވިދާޅުވި އެވެ.

އޭނާ ވަނީ އިސްލާމް ދީން ފެތުރިގެން އައި ގޮތާއި ދީނާ ގުޅޭގޮތުން ގުރުއާނުގައި އައިސްފައިވާ ބައެއް އާޔަތްތަކުގެ މާނަ ވެސް ވިދާޅުވެ ދެއްވާފަ އެވެ.