ހަތަރު ޕާޓީއަކަށް ފައިސާ ދޫކުރަން އިލެކްޝަންސް އިން ފިނޭންސަށް ފޮނުވަނީ

ހަތަރު ސިޔާސީ ޕާޓީއަކަށް ފައިސާ ދޫކުރުމަށް ފިނޭންސް މިނިސްޓްރީ އަށް މިއަދު ފޮނުވަން މަސައްކަތް ކުރަމުން އަންނަ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނެފި އެވެ.


އެ ކޮމިޝަންގެ މެމްބަރު އަހުމަދު އަކްރަމް ވިދާޅުވީ ސިޔާސީ ޕާޓީތަކަށް ދައުލަތުން ދޭންޖެހޭ ފައިސާ މިފަހަރު ލިބެނީ ކުރީ އަހަރެކޭ އެއްގޮތަށް ވެރިކަން ކުރާ ޕީޕީއެމާއި އެންމެ ބޮޑު އިދިކޮޅު ޕާޓީ އެމްޑީޕީގެ އިތުރުން ޖުމްހޫރީ ޕާޓީ އާއި އެމްޑީއޭ އަށް ކަމަށެވެ.

ނަމަވެސް އެ ޕާޓީތަކަށް ލިބެނީ ކިހާ އަދަދެއްގެ ފައިސާއެއް ކަމެއް އޭނާ ވިދާޅެއް ނުވެ އެވެ.

ސިޔާސީ ޕާޓީތަކުގެ ގާނޫނުގައިވާ ގޮތުން މެމްބަރުންގެ އަދަދު 10،000 އަށް އަރާ ޕާޓީތަކަށް، އަހަރުގެ ފުރަތަމަ ތިން މަސް ދުވަހުގެ ތެރޭގައި އީސީން ފައިސާ ޖަމާކޮށްދޭން ޖެހެ އެވެ. އެކަމަކު ބަންދު ދުވަސްތަކާ ނުލައި މި މަހުގެ އަށްވަނަ ދުވަހު ވަނީ ތިން މަސް ހަމަވެފަ އެވެ. މީގެ އިތުރުން ޕާޓީތަކަށް ފައިސާ ދޫކުރުމުގެ ކުރިން އަހަރީ ރިޕޯޓްތަކާއި އޮޑިޓް ރިޕޯޓްތަކަށް އީސީން ބަލަ އެވެ.

ދައުލަތުގެ ބަޖެޓުން ދޭ ފައިސާ ސިޔާސީ ޕާޓީތަކުގެ މެދުގައި ބަހާނީ އެ ޕާޓީއެއްގެ ދަފްތަރުގައި މެމްބަރުންގެ ގޮތުގައި ރަޖިސްޓަރީ ކޮށްފައިވާ މެމްބަރުންގެ އަދަދުގެ ނިސްބަތުންނެވެ. އީސީގެ ތަފާސްހިސާބުތައް ދައްކާ ގޮތުން އެންމެ މެމްބަރުން ގިނަ ޕާޓީ އަކީ ޕީޕީއެމް އެވެ.

އީސީން ވަނީ މިދިޔަ އަހަރު ޕީޕީއެމަށް 10 މިލިއަން ރުފިޔާ ޖަމާކޮށްދީފަ އެވެ. އެމްޑީޕީއަށް ހަތް މިލިއަން ރުފިޔާ ޖަމާކޮށްދިންއިރު އެމްޑީއޭ އަށް ލިބެންޖެހޭ 2.8 މިލިއަން ރުފިޔާ އާއި ޖުމްހޫރީ ޕާޓީ އަށް ލިބެން ޖެހޭ 2.7 މިލިއަން ރުފިޔާ ވެސް ވަނީ ޖަމާކޮށްދީފަ އެވެ. ނަމަވެސް ޕާޓީތަކަށް ފައިސާ ޖަމާކޮށްދިނީ މިދިޔަ އަހަރު ނިމެން އުޅެނިކޮށް ބައެއް ޕާޓީތަކުން ބޮޑެތި ފާޑު ކިއުންތަކެއް އީސީ އަށް އަމާޒުކޮށްފައި ވަނިކޮށެވެ.