ބައި ކިލޯއަށް ވުރެ ގިނަ ޑްރަގް އެތެރެކުރި ބިދޭސީއަކު އުމުރަށް ޖަލަށްލާން ހުކުމްކޮށްފި

ބައި ކިލޯއަށް ވުރެ ގިނަ މަސްތުވާތަކެތި ރާއްޖެ އެތެރެކުރި ބިދޭސީއަކު އުމުރަށް ޖަލަށްލާން ކްރިމިނަލް ހުކުމްކޮށްފި އެވެ.


ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ މުހައްމަދު މޮކްލަސް އުމުރަށް ޖަލަށްލުމުމުގެ އިތުރުން އެއް ލައްކަ ރުފިޔާ އިން ޖޫރިމަނާކޮށް މިދިޔަ ހޯމަ ދުވަހު ކޯޓުން ހުކުމްކުރީ ފެބްރުއަރީ، 2016 ގައި އޭނާ ރާއްޖެ އައިއިރު އޭނާގެ ލަގެޖުން 762 ގްރާމްގެ ކެނަބިސް ފެނުނު މައްސަލައިގަ އެވެ.

ކޯޓުގެެ ހުކުމުގައިވަނީ އޭނާގެ ފޮށީގެ ތެރެއިން މަސްތުވާތަކެތި ފެނުނުކަން ހެކިންގެ ބަހުން ސާބިތުވާ ކަމަށާއި އެހެންވެ، މަސްތުވާތަކެތި އެތެރެކުރުމުގެ ކުށުން އޭނާ ކުށްވެރިވާ ކަމަށެވެ. ހުކުމުގައި އަންގާފައި ވަނީ ޖޫރިމަނާ ފައިސާ އެއް މަސް ދުވަހުގެ ތެރޭގައި ދެއްކުމަށެވެ.

މަސްތުވާތަކެއްޗާ ބެހޭ ގާނޫނު އޮންނަ ގޮތުން މީހެއްގެ ލަޖެގުން ނުވަތަ އެ މީހަކު ހިފާ ގެންގުޅޭ އެއްޗަކުން މަސްތުވާއެއްޗެއް ފެނިއްޖެ ނަމަ އެހެން ގޮތަކަށް ސާބިތުނުވާހާ ހިނދަކު ބަލަންޖެހޭނީ އެއީ އެ މީހެއްގެ އެއްޗެއްގެ ގޮތުގަ އެވެ.

ރާއްޖެ އަށް މަސްތުވާތަކެތި އެތެރެ ކުރުމަކީ އުމުރަށް ޖަލަށްލުމާ އެކު އެއް ލައްކަ ރުފިޔާ އިން ފެށިގެން 10 މިލިއަން ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭ ކުށެކެވެ. މީގެކުރިން މަސްތުވާތަކެތި އެތެރެ ކޮށްގެން ބިދޭސީން އުމުރަށް ޖަލަށްލާން ހުކުމްކޮށްފައިވެ އެވެ.