މިނިސްޓަރުންގެ ލަފައާއެކު ޕާމަނަންޓް ސެކްރެޓަރީން އައްޔަންކުރާ އިސްލާހު ކޮމިޓީން ފާސްކޮށްފި

މިނިސްޓަރުންގެ ލަފައާ އެކު، މިނިސްޓްރީތަކުގެ ޕާމަނަންޓް ސެކްރެޓަރީ (ޕީއެސް) އައްޔަން ކުރަންޖެހޭ ގޮތަށް، ސިވިލް ސާވިސްގެ ގާނޫނަށް ހުށަހެޅި އިސްލާހު، ރައްޔިތުންގެ މަޖިލިހުގެ ކަމާއި ގުޅޭ ކޮމިޓީން މިއަދު ފާސްކޮށްފި އެވެ.


ދިއްދޫ ދާއިރާގެ ޕީޕީއެމްގެ މެމްބަރު އަބްދުއްލަތީފް މުހައްމަދު ހުށަހެޅުއްވި އިސްލާހަށް ބަދަލެއް ނުގެނެސް ފާސްކުރަން، މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން ނިންމީ ފަސް މެމްބަރުންގެ އަޣުލަބިއްޔަތުންނެވެ. އެގޮތަށް ފާސްކުރަން ވޯޓު ނުދެއްވާ އިންނެވީ އައްޑޫ މީދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު ރޮޒެއިނާ އާދަމް އެކަންޏެވެ.

މިނިސްޓަރުންގެ ލަފައާ އެކު، ޕީއެސް އިން އައްޔަން ކުރުމުގެ އިސްލާހު ފާސްކުރަން ކޮމިޓީން ވޯޓު ދެއްވީ ސަރުކާރު ހިންގާ ޕާޓީ، ޕީޕީއެމްގެ ހަތަރު މެމްބަރަކާއި ޖުމްހޫރީ ޕާޓީގެ މެމްބަރު އިލްހާމް އަހުމަދެވެ.

ޕީއެސް އައްޔަން ކުރުމާ ގުޅޭ އިސްލާހު ކޮމިޓީން ފާސްކުރި ނަމަވެސް، އެ އިސްލާހާ މެދު ގޮތެއް ނިންމާނީ ރައްޔިތުންގެ މަޖިލިހުގެ ތަޅުމުންނެވެ.

މިއަދުގެ ކޮމިޓީގެ ބައްދަލުވުމުގައި ރޮޒެއިނާ ވަނީ، އިސްލާހާ މެދު ކޮމިޓީން ގޮތެއް ނިންމުމުގެ ކުރިން ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) ގެ މެމްބަރުންނާއި މިހާރު ތިއްބެވި ޕީއެސް އިން ހާޒިރުކޮށް، އެބޭފުޅުން މި އިސްލާހާ މެދު ދެކޭ ގޮތް ބެލުމަށް ހުށަހަޅުއްވައިފަ އެވެ. އެކަމަކު ސަރުކާރަށް ތާއީދު ކުރައްވާ މެމްބަރުންގެ ތާއީދެއް އެ ހުށަހެޅުމަށް ނުލިބުނެވެ. ސަރުކާރުގެ ފަޅީގެ މެމްބަރުން މައިގަނޑު ގޮތެއްގައި ވިދާޅުވީ މިނިސްޓަރުގެ ލަފާގެ މަތިން ޕީއެސް އައްޔަން ކުރުމަކީ ލިބޭ ފަސޭހައެއް ކަމަށެވެ. އަދި އެއީ ސީއެސްސީ އަށް އުނދަގުލަކަށް ނުވާއިރު އެ ކޮމިޝަންގެ މެމްބަރުންގެ ހިޔާލު ކޮންމެހެން ބޭނުން ނުވާ ކަމަށް އެ މެމްބަރުން ވިދާޅުވި އެވެ.

ނަމަވެސް ކޮމިޓީގައި އިންނެވި އިދިކޮޅު ހަމައެކަނި މެމްބަރު ރޮޒެއިނާ ވިދާޅުވީ އިސްލާހުގެ ސަބަބުން ވަރަށް ބޮޑެތި ބަދަލުތަކެއް އަންނާނެ ކަމަށާއި އެހެންވެ ތަޖުރިބާކާރުންގެ ލަފާ މުހިންމު ކަމަށެވެ.

ސިވިލް ސާވިސްގެ ގާނޫނުގައި މިހާރުވާ ގޮތުން ޕާމަނަންޓް ސެކްރެޓަރީން އައްޔަން ކުރާނީ ސިވިލް ސާވިސް ކޮމިޝަނުންނެވެ. މި އިސްލާހު މަޖިލިހުން ފާސްވެއްޖެ ނަމަ މިނިސްޓްރީތަކުގައި މިހާރު ތިއްބެވި ޕާމަނަންޓް ސެކްރެޓަރީން އައްޔަންކޮށް، ވަކި ކުރުމުގެ ބާރު މިނިސްޓަރަށް ލިބޭނެ އެވެ. ޕާމަނަންޓް ސެކްރެޓަރީންގެ ޒިންމާއަކީ އޭނާ ވަޒީފާ އަދާކުރާ މިނިސްޓްރީގެ، މިނިސްޓަރުގެ ލަފާ އާއި އިރުޝާދުގެ ދަށުން އެ މިނިސްޓްރީއެއް ހިންގުމާއި ބެލެހެއްޓުމެވެ. އެ ތަނެއްގައި މަސައްކަތް ކުރާ ސިވިލް ސާވެންޓުންގެ އެންމެ އިސް ފަރާތަކީ ޕާމަނަންޓް ސެކްރެޓަރީ އެވެ.