"ދޯ" އާއްމުންނަށް ދޫކޮށްލައިފި

"މިހާރު"ގެ ލައިފްސްޓައިލް މެގަޒިން އާއި ވެބްސައިޓް "ދޯ" މިރޭ އާއްމުންނަށް ދޫކޮށްލައިފި އެވެ.


ކިޔުންތެރިންގެ ރަހަތަކަށް ހާއްސަކޮށްފައިވާ މެގަޒިން ނެރެދެއްވައި ވެބްސައިޓް އިފްތިތާހުކޮށްދެއްވީ އޮލިމްޕަހުގައި މިހާރު ކުރިއަށްދާ ޝޯގައި، "ދޯ"ގެ އެޑިޓަރު އިސްމާއިލް ނަސީރާއި ލެކިއުޓްގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު މާޖިދާއި ފިލްމީ ތަރި ނިއުމާ މުހައްމަދާއި ބާސްކެޓް ބޯޅަ ކުޅުންތެރިޔާ އައިމިނަތު ޝިއުރާ އާއި ގައުމީ ފުޓުބޯޅަ ޓީމުގެ ކުރީގެ ފޯވާޑް ޝާހު އިސްމާއިލް އާއި ޓީއެފްޖީގެ ސީއީއޯ ހުސެއިން ޒިނާންގެ އިތުރުން ގްލެމް ސެލޫންގެ ފާތުމަތު ނަދާ އެވެ.

"މިހާރު"ގެ މެނޭޖްމަންޓުގެ "ދޯ"ގެ އެޑިޓަރު އިސްމާއިލް ނަސީރު ވިދާޅުވީ "ދޯ" އަކީ ލައިފް ސްޓައިލްގެ ހުރިހާ ދާއިރާތަކެއް ހިމަނައިގެން އާއްމުންނަށް ދޭ "ހަދިޔާ"އެއް ކަމަށެވެ. ސިއްހަތާއި މުނިފޫހިފިލުވުމާއި މިއުޒިކާއި ސައިންސާއި ޓެކްނޮލޮޖީގެ އިތުރުން ވެސް ދިރިއުޅުމުގެ އެކި ކަންކަމާ ގުޅޭގޮތުން އާއްމުން ބޭނުންވާ ގިނަ މައުލޫމާތުތަކެއް "ދޯ"ގައި ހިމެނޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެންނަށް ގަބޫލުކުރެވުނީ ސިޔާސީ އަދި އިޖުތިމާއީ އެކި މައްސަލަތަކުގެ ހަބަރާއި މައުލޫމާތުތަކުގެ އިތުރުން އާއްމުން ބޭނުންވާ ލައިފް ސްޓައިލް ޕްލެޓް ފޯމެއް އޮންނަން ޖެހޭނެ ކަމަށް. އާއްމުންނަށް މި ދޫކޮށްލަނީ އެ ޕްލެޓްފޯމް،" "މިހާރު"ގެ ވެސް މެނެޖިން އެޑިޓަރު އިސްމާއިލް ވިދާޅުވި އެވެ.

"ދޯ" ފުރަތަމަ މަޖައްލާގެ ކަވަރު

"ކޮންމެ ދުވަހަކު ވަރުބަލިވެ، ފޫހިވެ، ހިތްހަމަނުޖެހިފައި ނުވަތަ އުއްމީދު ގެއްލިފައި ތިބޭ މީހުންނަށް ވެސް "ދޯ" މިއީ ފަރުވާއަކަށް ވާނެ. ދޯ އިން އުއްމީދު އާ ވާނެ، މައުލޫމާތު އިތުރަށް މުއްސަނދިވާނެ."

އޭނާ ވިދާޅުވި ގޮތުގައި ދިރިއުޅުމުގައި ދިމާވާ ހާސްކަމުން އަރައިގަނެ، ހިތްހަމަޖައްސާލަން ބޭނުންވާނެ ހުރިހާ އުކުޅުތަކާ އެކު ދުވަހުން ދުވަހަށް "ދޯ"ގެ ވެބްސައިޓް އަފްޑޭޓްވާނެ އެވެ. އެކަމަކު "ދޯ" މެގަޒިން ނެރޭނީ މަހަކު އެއްފަހަރު ވަކި ތީމްތަކަކަށް ހާއްސަކޮށްގެންނެވެ.

"ދޯ"ގެ އެންމެ ފުރަތަމަ އަދަދު ނެރުނީ ސިއްހީ އެކި މައްސަލަތަކަށް އާއްމުން ހޭލުންތެރިކުރުވާށެވެ. އެ މައްސަލަތައް ގެނެސްދީފައި ވަނީ، އިސްމާއިލް ނަސީރު ވިދާޅުވި ގޮތުގައި، އާއްމުންނާ ވީހާ ވެސް ގުޅޭ އަދި ކިޔުންތެރިން ޝައުގުވެރިވާނެ ގޮތަކަށެވެ.

"މިފަހަރުގެ މަޖައްލާގައި މި ގެނެސްދިނީ މުޖުތަމައުގައި ވަރަށް އާއްމު ސިއްހީ މައްސަލަތައް މަޝްހޫރު އެކި މީހުން މެދުވެރިކޮށް،" އޭނާ ވިދާޅުވި އެވެ.

"ދޯ"ގެ މާކެޓިން މެނޭޖަރު ޝަމްއޫން އަފީފް ވިދާޅުވީ މެގަޒިން ނެރުނީ، ދުނިޔޭގެ އެންމެ މަގްބޫލް ގިނަ މެގަޒިންތަކެއް ދިރާސާކޮށް، އާއްމުންގެ ހިޔާލާ އެކު ކިޔުންތެރިން ބޭނުންވާނެ ކޮންޓެންޓް ހިމަނައިގެން ކަމަށެވެ. އެއާއެކު، މި ޕްލެޓްފޯމާއެކު ޒަމާނާގުޅޭގޮތަށް، ކިޔުންތެރިންނާއި ކަސްޓަމަރުންގެ އުއްމީދުތަކަށް ވާސިލްވެވޭނެ ކަމަށް ވެސް ވިދާޅުވި އެވެ. އަދި "ދޯ"އަކީ ހުރިހާ އުމުރަކަށް، އަދި ހާއްސަކޮށް ޒުވާނުންނަށް ވަރަށް ހާއްސަ ކޮންޓެންޓްތަކެއް ހިމެނޭނެ ވަސީލަތަކަށް ވާތީ، މިއީ އެކި ޕްރޮޑަކްޓްތައް އިޝްތިހާރު ކުރުމަށް ހުޅުވޭ ރަނުގެ ފުރުސަތެއް ކަމަށް އޭނާ ވިދާޅުވި އެވެ.

"ދޯ"ގެ ވެބްސައިޓް

"އިޝްތިހާރުކުރާ މީހުންނަށް ވެސް މިހުޅުވިގެން ދިޔައީ، އެ މީހުން ބޭނުންވާ ކަހަލަ ޒަމާނީ ޕްލެޓްފޯމެއް. އެ މީހަކު ބޭނުންވާ ޕްރޮޑަކްޓަކަށް ރަނގަޅު އޯޑިއަންސެއް ދެވޭނެ ޕްލެޓްފޯމަކަށް 'ދޯ' ވާނެ،" އޭނާ ވިދާޅުވި އެވެ.

މުޅިން ކުލަކޮށް ހަދާފައިވާ "ދޯ" މަޖައްލާގެ ފުރަތަމަ އަދަދު ހިލޭ ބަހާ ގޮތަށް ވަނީ ހަމަޖެހިފަ އެވެ.