ވަޒީފާ ދޭ ފަރާތްތަކުން ގާނޫނުގައި ބުނާ ގިނަ ކަންތައްތަކެއް ނުކުރޭ: ލޭބަ ރިލޭޝަން އޮތޯރިޓީ

ވަޒީފާ ދޭ ފަރާތްތަކުން ވަޒީފާއާ ބެހޭ ގާނޫނުގައި ބުނާ ގިނަ ކަންކަން ކުރަމުން ނުދާ ކަމަށް ލޭބާ ރިލޭޝަން އޮތޯރިޓީ (އެލްއާރުއޭ) އިން މިއަދު ބުނެފި އެވެ.


އެ އޮތޯރިޓީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، އެތަނުގެ ޗެއާމަން އަބްދުއްރަޝީދު ނާފިޒް ވިދާޅުވީ، މާލޭގައި ހުންނަ ތަންތަނާއި ސައި ހޮޓާތަކާއި ކެފޭތަކާއި ރިސޯޓުތަކާއި ފަޅުރަށްތަކާއި ބައެއް ރަށްރަށް ބަލައި ފާސްކުރިއިރު، ބައެއް ތަންތަނުން ވަޒީފާގައި މީހުން ގެންގުޅެނީ އެއްބަސްވުމެއް ގާއިމު ކުރުމެއް ނެތި ކަމަށެވެ. ވަޒީފާ އަދާކުރާ މީހުންނަށް ވަޒީފާގެ ބަޔާން ހިމެނޭ ލިޔެކިޔުން ދީފައި ނުވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އެއްވެސް ނޯޓިހެއް ނުދީ މުވައްޒަފުން ކަނޑާލަމުން އަންނައިރު، ބައެއް ތަންތަނުން ރޯދަމަހުގެ އިނާޔަތް، ގާނޫނާ އެއްގޮތަށް ނުދޭ ކަމަށް ވެސް ނާފިޒް ވިދާޅުވި އެވެ. އަދި މުވައްޒަފުން ޗުއްޓީ އަށް އެދުނު ނަމަވެސް ޗުއްޓީ ނުދީ ހުންނަކަން ފާހަގަކުރެވޭ ކަމަށް އޭނާ ވިދާޅުވި އެވެ.

ލޭބަ ރިލޭޝަން އޮތޯރިޓީގެ ޑިރެކްޓަރު ޝިފްނާ މިއަދު ނޫސްވެރިންނާ ވާހަކަ ދައްކަވަނީ.--- ފޮޓޯ: ނިޝާން އަލީ/ މިހާރު

"އަޅުގަނޑުމެން މި ކުރާ ކަންތައްތަކަކީ [މައްސަލަތައް ފާހަގަކޮށްފައި] ހޭލުންތެރި ކުރުމުގެ ބޭނުމުގައި ފިޔަވަޅުތަކެއް އަޅަނީ. ގާނޫނުގައި އޮންނަ ކަންކަން ގިނަ މީހުންނަށް އޮޅުން ފިލާފައި ނުވާތީ ގާނޫނުގައި ބުނާ ކަންކަން ނުކުރެވި ހުންނަނީ،" އިކޮނޮމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ނާފިޒް ވިދާޅުވި އެވެ.

ލޭބާ ރިލޭޝަން އޮތޯރިޓީގެ ޑިރެކްޓަރު ފާތުމަތު ޝިފްނާ ވިދާޅުވީ ސަލާމާއި ޗުއްޓީގެ ގޮތުގައި 30 ދުވަސް ދިނުމަށް ގާނޫނުގައި ކަނޑައަޅާފައި އޮތަސް، ފަހެއް ނޫނީ 10 ދުވަސް ވެސް ޗުއްޓީ ގޮތުގައި މުވައްޒަފުންނަށް ދެމުންދާ ކަމަށެވެ. އަދި ސަލާމުގެ ގޮތުގައި ދެ ދުވަހަށް ވުރެ އިތުރު ވާނަމަ، ސަލާމްގެ ސެޓްފިކެޓެއް ގެންނަން އޮންނައިރު، އެންމެ ދުވަހަކަށް ސަލާމް ބުނުމުން ވެސް ސެޓްފިކެޓް ހޯދާ ތަންތަން އެބަހުރި ކަމަށް އޭނާ ވިދާޅުވި އެވެ.

މީގެ އިތުރުން މުވައްޒަފުންނަށް ހައްގުވާ އިތުރު ގަޑީގެ ފައިސާ އާއި ބަންދު ދުވަހުގެ ގޮތުގައި ލިބޭ ފައިސާ ގާނޫނާ ހިލާފަށް ދެމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ބައެއް ތަންތަނުގައި ވަޒީފާ އަދާކުރާ ފަރާތްތަކުން ޕެންޝަން ފަންޑުގައި ބައިވެރި ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ޝިފްނާ ވިދާޅުވީ ވަޒީފާއާ ބެހޭ ގާނޫނާ ހިލާފުވާ ފަރާތްތަކަށް އެޅޭނެ ފިޔަވަޅުތަކުގެ ތެރޭގައި ޖޫރިމަނާ ކުރުމާއި ކުންފުނިތައް ބްލެކްލިސްޓް ކުރުން ހިމެނެ އެވެ. ނަމަވެސް ލޭބާ ރިލޭޝަން އޮތޯރިޓީ އަމާޒު ހިފާފައި ހުރީ އެންމެ ފުރަތަމަ އާންމުން ހޭލުންތެރި ކުރުމަށް ކަމަށް އޭނާ ވިދާޅުވި އެވެ.

ލޭބާ ރިލޭޝަން އޮތޯރިޓީން ބޭއްވި ޕްރެސް ކޮންފަރެންސްގައި ނާފިޒް ވާހަކަ ދައްކަވަނީ. - ފޮޓޯ: ނިޝާން އަލީ/ މިހާރު

ލޭބާ ރިލޭޝަން އޮތޯރިޓީން ބުނީ ވަޒީފާ އަދާކުރާ ތަންތަނުގެ ތެރެއިން 230 އަށް ވުރެ ގިނަ ތަންތަން މިދިޔަ ތިން މަހެއްހާ ދުވަހުގެ ތެރޭގައި ބަލާފައިވާ ކަމަށެވެ. ނަމަވެސް އޭގެ ތެރެއިން ގިނަ ތަންތަނުން ގާނޫނާ އެއްގޮތަށް އަމަލު ނުކުރާ ކަމަށް އެ އޮތޯރިޓީން ބުންޏެވެ.

ނާފިޒް ވިދާޅުވި ގޮތުގައި، ވަޒީފާއާ ބެހޭ ގާނޫނުގައި ވަޒީފާ ދޭ ފަރާތްތަކުގެ ހައްގުތައް އިތުރަށް ރައްކާތެރި ކުރަން ޖެހޭ ކަން އޭނާ ގަބޫލު ކުރައްވަ އެވެ. އެހެންވެ، ސަރުކާރު މެދުވެރިކޮށް ރައްޔިތުންގެ މަޖިލިހަށް ހުށަހަޅައިގެން އެ ގާނޫނަށް ބަދަލުތަކެއް ގެންނަން މަސައްކަތް ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.

ނާފިޒް ވަނީ ވަޒީފާ ދޭ ފަރާތްތަކާއި ވަޒީފާ އަދާކުރާ ފަރާތްތަކާ މެދު ޖެހޭ މައްސަލަތައް ހައްލު ކުރުމަށް ކޯޓާއި ޓްރައިބިއުނަލް އަށް ދިއުމުގެ ބަދަލުގައި އެ އޮތޯރިޓީ އަށް ހުށަހެޅުމަށް އެދިވަޑައިގެންފަ އެވެ.