ބޯހިޔާވަހިކަމުން މަހްރޫމްކުރާ ކަމަށް ބުނެ ހުށަހެޅި ގަރާރު ބޭރުކޮށްލައިފި

ބޯހިޔާވަހިކަމަށް އިމާރާތްކުރާ ފްލެޓްތަކުގެ އަގު މައްޗަށް ޖައްސައި އާދައިގެ ރައްޔިތުން ބޯހިޔާވަހިކަމުން މަހްރޫމް ކުރަމުންދާ ކަމަށް ބުނެ އެކަން ބެލުމަށް އެދި އެމްޑީޕީން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ގަރާރު ބަލައިނުގަނެ، މިއަދު ބޭރުކޮށްލައިފި އެވެ.


ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު މުހައްމަދު އަބްދުލްކަރީމް ހުށަހެޅުއްވި ގަރާރު ބަލައިގަންނަން ފެނޭތޯ ވޯޓަށް އެހުމުން 31 މެމްބަރުން ވޯޓު ދެއްވީ ގަރާރު ބަލައިނުގަތުމަށެވެ. އަދި ގަރާރު ބަލައިގަންނަން ފެންނަ ކަމަށް 22 މެމްބަރުން ވޯޓު ދެއްވި އިރު، އެއް މެމްބަރަކު ވަކި ގޮތަކަށް ވޯޓު ނުދެއްވަ އެވެ.

މި ގަރާރު ބަލައިނުގަތުމާ ގުޅިގެން މަޖިލީހުގެ ނިޒާމުން ގަރާރު ބޭރުވެފައިވާކަން ރިއާސަތުން ވަނީ އިއުލާންކޮށްފަ އެވެ.

މި ގަރާރު ހުށަހެޅީ އާދައިގެ ރައްޔިތުން ބޯހިޔާވަހިކަމުން މަހްރޫމުވާ ގޮތަށް ސަރުކާރުން އަމަލުކުރަމުންދާތީ، މަޖިލީހުން އެކަމާ މެދު ދެކޭ ގޮތެއް ބެލުމަށެވެ. އަދި ސަރުކާރުން މިހާރު ގެންގުޅޭ ސިޔާސަތާއި އުސޫލުތައް ބަދަލުކޮށް، ރައްޔިތުންނަށް މާލީ ގޮތުން ލުއި ފަސޭހަކަން ލިބޭނެ ގޮތަށް ބޯހިޔާވަހިކަން ލިބޭނެ އިންތިޒާމް ހަމަޖެއްސުމަށް ގޮވާލުމަކީ ވެސް ގަރާރުގެ ބޭނުމެއް ކަމަށް ބުނެފައިވެ އެވެ.

ގަރާރުގައި ބުނެފައި ވަނީ އެމްޑީޕީ ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން ގާކޮއްޓާއި އަރަބިއްޔާ ހުރި ބިމުގައި އިމާރާތްކުރާ ފްލެޓްތައް ނުނިމި ހަތަރު އަހަރު ދިގުލައިގެން ދިޔައީ، އެ ޕްރޮޖެކްޓް މެނޭޖްކުރަން ނޭނގުމުން ކަމަށެވެ. އޭގެ ސަބަބުން ޑިވެލޮޕަރަަށް ބޭކާރު ގޮތުގައި ދައްކަން ޖެހުނު ފައިސާ ގިނަވެ، ފްލެޓް ލިބުން ލަސްވުމުގެ އިތުރުން ފްލެޓް އަމިއްލަ ކުރަން ރައްޔިތުން ދައްކަން ޖެހޭ ފައިސާގެ އަދަދު ދެ ގުނަ ބޮޑުވެފައިވާ ކަމަށް ގަރާރުގައިވެ އެވެ.

ފްލެޓްތައް އަމިއްލަ ކުރަން ފައިސާ ދައްކަން ޖެހޭ މުއްދަތު ފަސް އަހަރަށް މި ސަރުކާރުން ކުޑަކުރުމުން އެންމެ މަދުވެގެން ވެސް މަހަކު 33،333ރ. ދައްކަން ޖެހޭނެ ކަމަށް ވެސް ގަރާރުގައިވެ އެވެ. އެއީ މާލޭގައި ދިރިއުޅޭ، އަމިއްލަ ބޯހިޔާވަހިކަމެއް ލިބިފައި ނުވާ މީހުންނަށް ނުއުފުއްލޭވަރުގެ ބުރައެއް ކަމަށް ގަރާރުގައިވެ އެވެ.

ފްލެޓްގެ އަގު ބޮޑުކޮށް ބޯހިޔާވަހިކަމުން މަހުރޫމް ކުރާ ކަމަށް ބުނެ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ގަރާރަށް ބަހުސް ކުރެއްވި އިދިކޮޅު މެމްބަރުން ވަނީ ވެށިފަހި މާލެ ޕްރޮގްރާމްގެ ދަށުން އެމްޑީޕީ ސަރުކާރުގައި ފްލެޓު ދޭން ބުނި ހެޔޮ އަގުގައި ރައްޔިތުންނަށް ފްލެޓްތައް ދިނުމަށް ގޮވާލައްވައިފަ އެވެ.