ނަޒާހާތްތެރިކަމުގެ ގައުމީ އިނާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

ނަޒާހަތްތެރިކަމުގެ ގައުމީ އިނާމަށް ކުރިމަތިލުމުގެ ފުރުސަތު އޭސީސީން މިއަދު ވަނީ ހުޅުވާލާފަ އެވެ. މި އިނާމަށް އަންނަ ނޮވެމްބަރު މަހުގެ 29 ގެ ކުރިން ކުރިމަތިލެވޭނެ އެވެ.

ނަޒާހަތްތެރިކަމުގެ ގައުމީ އިނާމަށް ކުރިމަތިލުމުގެ ފުރުސަތު އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން މިއަދު ހުޅުވާލައިފި އެވެ.


އޭސީސީން މިއަދު ނެރުނު ބަޔާނެއްގައި ބުނި ގޮތުގައި މި އިނާމް ދިނުމުގެ މަގްސަދަކީ ކޮރަޕްޝަން ހުއްޓުވުމާއި ނަޒާހަތްތެރިކަން ކުރިއެރުވުމަށް ހިތްވަރުދީ ވާގިރުވުމެވެ. އަދި ކޮރަޕްޝަންގެ އަމަލުތަކާ ދެކޮޅު ހެދުމަށް މުއައްސަސާތަކާއި ފަރުދުން ގުޅިގެން މަސައްކަތް ކުރުމަށް ހިތްވަރު ދިނުމެވެ.

އޭސީސީން ދިނުމަށް ހަމަޖެހިފައިވާ ފަސް އިނާމަކީ ދައުލަތުގެ އިދާރާތަކަށާއި ކުންފުނިތަކަށާއި މަދަނީ ޖަމިއްޔާތަކަށާއި މީޑިއާތަކަށާއި ފަރުދުންނަށް ދެވޭ ނަޒާހަތްތެރިކަމުގެ އިނާމެވެ.

މި އިނާމަށް ބެލޭނެ މައިގަނޑު މަގްސަދުތަކާއި ބައިތަކާއި އިނާމަށް ކުރިމަތިލުމުގެ ޝަރުތުތައް ހިމެނޭ ގައިޑްލައިނެއް އޭސީސީގެ ވެބްސައިޓުގައި ވަނީ ޝާއިއުކޮށްފަ އެވެ.

މި އިނާމަށް ކުރިމަތިލުމުގެ މުއްދަތު ހަމަވާނީ ނޮވެމްބަރު މަހުގެ 29 ވަނަ ދުވަހުގެ 14:00 އަށެވެ.