ލޯންޗް އެކްސިޑެންޓުގެ ހަތަރު މީހަކު އައިސީޔޫގައި، ދެ މީހުންގެ ހާލު ވަަރަށް ސީރިއަސް

ރީތި ރަށް ރިސޯޓު ކައިރީގައި އަޅާފައި އޮތް ކަންނެލި ދޯންޏެއްގައި، ސަމާ އައިލެންޑް ރިސޯޓުގެ ލޯންޗެއް ޖެހި ރޭ ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި އަނިޔާވި މީހުންގެ ތެރެއިން ހަތަރު މީހަކަށް މިހާރު އައިސީޔޫގައި ފަރުވާ ދެމުން އަންނަ ކަމަށާއި އޭގެ ތެރެއިން ދެ މީހެއްގެ ހާލު ވަރަށް ސީރިއަސް ކަމަށް އޭޑީކޭ އިން މިއަދު ބުނެފި އެވެ.


މި އެކްސިޑެންޓުގައި އަނިޔާވެގެން 14 މީހަކު ހޮސްޕިޓަލަށް ގެންދިޔަ އެވެ. އެކަމަކު އޭގެ ތެރެއިން މިހާރު ހޮސްޕިޓަލުގައި ތިބީ ހަތް މީހަކު ކަމަށް އޭޑީކޭ އިން ބުންޏެވެ.

މެނޭޖިން ޑިރެކްޓަރު އަހުމަދު އަފްއާލް ވިދާޅުވީ އައިސީޔޫގައި ފަރުވާ ދެމުން އަންނަ ހަތަރު ދިވެހިންގެ ތެރެއިން، ހާލު ބޮޑު ދެ މީހުންގެ އެތެރެ ހަށީގެ ބައެއް ގުނަވަންތަކަށް ގެއްލުން ލިބިފައިވާ ކަމަށެވެ. އަދި އެކެއްގެ ބޮލަށް ސީރިއަސް އަނިޔާތަކެއް ލިބިފައިވާ ކަމަށް އަފްއާލް ވިދާޅުވި އެވެ. އޭނާގެ ބޮލުގެ އޮޕަރޭޝަނެއް މިހާރު ވަނީ ކޮށްފަ އެވެ.

"ދެ މީހުންގެ ހާލު ވެސް ވަރަށް ކްރިޓިކަލް. ޑޮކްޓަރުންނަށް [އެމީހުންގެ ހާލަތާ ގުޅޭ ގޮތުން] އަދި ވަކި އިތުރު އެއްޗެއް ބުނާކަށް ނޭނގެ،" އަފްއާލް ވިދާޅުވި އެވެ.

އެކްސިޑެންޓުގައި އަނިޔާވި މީހުންގެ ތެރެއިން މިހާރު ވޯޑުގައި ތިބި ތިން މީހުންގެ ތެރޭގައި ބިދޭސީއަކު ވެސް ހިމެނެ އެވެ.

އަނިޔާވި ހުރިހާ އެންމެންނަކީ ވެސް ސަމާ އައިލެންޑްގެ މުވައްޒަފުންނެވެ.

އޭޑީކޭގައި ހުރި އެ ރިސޯޓުގެ މުވައްޒަފަކު ރޭ "މިހާރު" އަށް ކިޔައިދިން ގޮތުގައި ފަރުވާ ދެމުން އަންނަ މީހުންގެ ތެރޭގައި ސަމާ އައިލެންޑްގެ ހަތަރު ސެކްޝަނެއްގެ މެނޭޖަރުން ވެސް ހިމެނެ އެވެ.

"ބޮޑެތި އަނިތާކެއް ވެފައި އެބަހުރި. ބުމަ ފަޅައިގެން ދިއުމާއި ހުޅު ނެއްޓުން ފަދަ ބޮޑެތި އަނިޔާތައް ބައެއް މީހުންނަށް ވަނީ ވެފައި،" އޭނާ ބުންޏެވެ.

އަނިޔާވި މީހުން މާލެ ގެނެސް ލޯންޗުން ބޭލި އިރު، ބައެއް މީހުންގެ އަނގަމަތި ފަޅައިގެން ގޮސް ވަރަށް ގިނައިން ލޭ ފައިބާފައި ހުރި ތަން ފެނިފައިވެ އެވެ. އަދި ބައެއް މީހުން ލޯންޗުން ފޭބި އިރު ރަނގަޅަށް ނުހިނގޭކަން ވެސް ފާހަގަ ކުރެވުނެވެ.

އެމްއެންޑީއެފުން ބުނި ގޮތުގައި ސަމާ އައިލެންޑް ރިސޯޓްގެ ލޯންޗް ގޮސް ޖެހުނު ދޯނީގެ ލައިޓް ހުރީ ނުދިއްލަ އެވެ. އެހެންވެ، ރީތި ރަށް ރިސޯޓް ކައިރީގައި އަޅާފައި އޮތް އެ ދޯނި، ލޯންޗުގެ ކެޕްޓަނަށް ނުފެނުމުގެ ސަބަބުން ގޮސް އޭގައި ޖެހި އެކްސިޑެންޓް ހިނގީ ކަމަށް ކޯސްޓް ގާޑުން ބުންޏެވެ.