ޑްރޯން ދުއްވުމާ ގުޅޭ ގޮތުން ނިންމި ނިންމުން ރަނގަޅު: ޝާފީ

ރަސްފަންނު ސަރަހައްދު ފިޔަވައި މާލޭގެ އެހެން ހިސާބެއްގައި ޑްރޯން ބޭނުންކުރާ ނަމަ ޑިފެންސް މިނިސްޓްރީގެ ހުއްދަ ނަގަން ޖެހުމަކީ ސަލާމަތީ ގޮތުން ރަނގަޅު ނިންމުމެއް ކަމަށް ފޮޓޯ ކައުންސިލްގެ ރައީސް އަދި ފޮޓޯގްރާފަރު މުހައްމަދު ޝާފީ މިއަދު ބުނެފ އެވެ.


ޝާފީ ބުނީ ޑްރޯން ފަދަ އެއްޗެހި ގިނަ މީހުން މިހާރު ބޭނުންކުރަނީ ކުޅޭކުޅޭ އެއްޗެއްގެ ގޮތުގައި ކަމަށާއި އޭގެ މައުލޫމާތު ވެސް ގިނަ މީހުންނަށް ނޭނގޭ ކަމަށެވެ.

އޭނާ ބުނި ގޮތުގައި ޑިފެންސް މިނިސްޓްރީގެ ނިންމުމާ ގުޅޭ ގޮތުން ރާއްޖޭގެ ޕްރޮފެޝަނަލް ފޮޓޯގްރާފަރުންގެ ފަރާތުން އެއްވެސް ޝަކުވާއެއް ލިބިފައެއް ނުވެ އެވެ.

ޑިފެންސް މިނިސްޓްރީން މި މަހު 9 ގައި އިއުލާންކުރި ގޮތުގައި ރަސްފަންނު ފިޔަވައި މާލޭގެ އެހެން ސަރަހައްދެއްގައި ޑްރޯން އަރުވާ ނަމަ އެ މިނިސްޓްރީގެ ހުއްދަ ކުރިން ނަގަން ޖެހޭނެ އެވެ.

ރަސްފަންނުގެ އިތުރުން ސިފައިންގެ ބެލުމުގެ ދަށުގައި ހުރި ސަރަހައްދުތަކުގައި ވެސް ހުއްދަ ނެތި ޑްރޯން ދުއްވުން ވަނީ މަނާކޮށްފަ އެވެ. އެއީ ރީޖަނަލް އަދި އިންޓަނޭޝަނަލް އެއާޕޯޓުތަކާއި އާރަށާއި ގިރިފުއްޓާއި ސިފަވަރު ހިމެނޭ ސަރަހައްދާއި ޅ. މަޑިވަރުގެ އިތުރުން މާފިލާފުށި ހިމެނޭ ސަރަހައްދާއި ލ. ކައްދޫ ސިފައިންގެ މަރުކަޒާއި ސ. ގަން ސިފައިންގެ މަރުކަޒު ސަރަހައްދެވެ.

ޝާފީ ބުނި ގޮތުގައި އެއާޕޯޓްތައް ކައިރީގައި ޑްރޯން އެރުވުން މަނާކުރުމަކީ ސަލާމަތީ ގޮތުން ވެސް ރަނގަޅު ނިންމުމެކެވެ.

ޝާފީ ޑްރޯނެއް އަރުވަނީ: އުސޫލުތަކެއް ހަދަން ޖެހޭނެ ކަމަށް ބުނި

ބޭރު ބައެއް ގައުމުތަކުގައި ވެސް ވަކި ސަރަހައްދުތަކެއްގެ ފޮޓޯ ނަގާ ނަމަ ސަލާމަތީ ބާރުތަކުގެ ހުއްދަ ނަގަން ޖެހޭ ކަމަށާއި ރާއްޖޭގައި ވެސް އެގޮތަށް އެކަން އޮންނަން ޖެހޭނެ ކަން ގަބޫލުކުރާ ކަމަށް އޭނާ ބުންޏެވެ.

"ރާއްޖޭގެ ޑިފެންސް މިނިސްޓްރީގެ ބެލުމުގެ ދަށުގައި އޮންނަ ތަންތަނުގެ މައްޗަށް ޑްރޯން އަރުވައިގެން ފޮޓޯ ނަގަންވީ ކުރިން ނަމަ. އަޅުގަނޑަށް ހީވަނީ ކޮންމެވެސް އުސޫލެއް، މިންގަނޑެއް ނެތުމުގެ ސަބަބުން އެކަން މަނާކުރަން ޖެހިފައި ކަންނޭނގެ އެ އޮތީ،" ޝާފީ ބުންޏެވެ.

"އެކަމަށް އުސޫލުތަކާއި މިންގަނޑުތަކެއް ހެދެން ޖެހޭނެ."

އޭނާ ބުނީ މާލެ ސަރަހައްދުގައި ފްލައިޓްތައް ދަތުރުކުރާ ގޮތަށް ބަލާ ނަމަ ރަސްފަންނަކީ ވެސް ޑްރޯން އަރުވަން ހުއްދަ ދޭން ރައްކާތެރި ހިސާބެއް ނޫން ކަމަށެވެ.

"ވިލިނގިލީ، ރަސްފަންނު އެއީ ބޯޓުތައް [ސީޕްލޭން] ތިރިން ދަތުރުކުރާ ހިސާބެއް. ގިނަ ފަހަރު އެ ހިސާބަށް ޑްރޯން އަރުވާފައި ބޭނުންވަނީ މުޅި މާލެ ނުވަތަ ވިލިނގިލި ނަގަން. އެހެންވީމާ އެ ހިސާބަށް އަރާއިރު ސީޕްލޭންގެ ޒޯނަށް ވަދެވިފައި މި އިންނަނީ،" ޝާފީ ބުންޏެވެ.

އޭނާ ބުނީ ޑިފެންސް މިނިސްޓްރީގެ ހުއްދަ ނަގަން ޖެހޭ އިރު އެކަމުގައި ފަސޭހަ ގޮތްތަކެއް އޮތުން ވެސް މުހިންމު ކަމަށެވެ. އެކަމަށް ބާރު އެޅުމުގެ ގޮތުން ފޮޓޯ ކައުންސިލުން އިސްނަގައިގެން އޭވިއޭޝަން ޑިޕާޓްމަންޓާއި ޑިފެންސް މިނިސްޓްރީއާ އެކު މަޝްވަރާކުރަން މަސައްކަތް ކުރަމުން އަންނަ ކަމަށް ޝާފީ ބުންޏެވެ.