ފާރިސްއަށް ހެދި ގޮތުން ޝަކުވާ: "އަނިޔާވެރިވިއަސް ދެން ބޮޑުވަރު"

ސިންގަޕޫރުގައި ފަރުވާދެމުން ދިޔަ، ބޮޑުދައިތަ ފަރީޝާ އިބްރާހިމް ދެކިލަން ރާއްޖެއިން ބޭރަށް ވަޑައިގަތުމުގެ ހުއްދަ އަށް އެދި ފާރިސް މައުމޫން ތަކުރާރުކޮށް ސަރުކާރުގައި އާދޭސް ދެންނެވި އެވެ؛ އެކަމަކު ރޭ އެކަމަނާ އަވަހާރަވިއިރު ވެސް ސަރުކާރުން އެ ފުރުސަތު އޭނާއަކަށް ނުދިނެވެ. މި މައްސަލާގައި އެތައް ބައެއްގެ ނުރުހުން މިވަނީ ސަރުކާރަށް އަމާޒުވެފަ އެވެ.


ފަރީޝާގެ މޫނު ދެކިލަން ފާރިސް މަހްރޫމްކުރުމަކީ، އެތައް ބަޔަކު ސިފަކުރާ ގޮތުގައި، ސަރުކާރުގެ ރަހުމް ކުޑަ އަމަލެކެވެ. އަދި އެ މީހުން ދެކެނީ މިއީ، ފާރިސް އާއި އޭނާގެ އާއިލާ އަށް ދިން ވަރަށް ބޮޑު އަނިޔާއެއްގެ ގޮތުގަ އެވެ.

"ބޮޑުދައިތަގެ މޫނު ފެނިލުމުން ވެސް [ފާރިސް] މަހްރޫމްތިކޮށްލީ، ތިބާއަށް މިކަހަލަ ކަމެއް މިންވަރު ކުރެއްވީމާ އިނގޭނީ ކުރާނެ އަސަރު. ހެޔޮނުވާނެ، ސިޔާސީ ވިޔަސް މީ ބޮޑުވަރު،" ފާރިސްއާ މެދު އަމަލުކުރި ގޮތް ނުރުހުންފާޅުކުރި އެކަކު ބުންޏެވެ.

ސޯޝަލް މީޑިއާގައި ޝުއޫރު ފާޅުކުރި އެތައް ބަޔަކު ދެކޭ ގޮތުގައި ފާރިސް ނުފޮނުވީ ސިޔާސީ މަގްސަދެއްގަ އެވެ. އެކަމަކު އެއިން ސަރުކާރަށް ލިބުނު މޮޅަކީ ކޮބައިތޯ ސުވާލު އުފައްދަ އެވެ.

ހޯމް މިނިސްޓްރީން ބުނެފައިވާ ގޮތުގައި ފާރިސް ބޭރަށް ވަޑައިގަތުމުގެ ހުއްދަ ނުދިނީ ފުލުހުން ކުރިއަށް ގެންދާ ތަހުގީގަށް ފިއްލަވާފާނެތީ އެވެ. މިއަށް ރައްދު ދެއްވައި، ނުފިއްލަވާނެ ކަމަށާއި ސަރުކާރަށް އޭނާއާ މެދު އިތުބާރު ނެތް ނަމަ ފުލުހުންނާ އެކު ފޮނުއްވައިދެއްވަން ވެސް އެދިވަޑައިގަތެވެ. އެއާއެކު ޕާސްޕޯޓް ދޫނުކުރާ ނަމަ ޓްރެވަލް ޑޮކިއުމަންޓެއްގައި ނަމަވެސް ބޭރަށް ވަޑައިގަތުމުގެ ހުއްދަ ދެއްވަން ރަސްމީ އިދާރާތަކުގައި އެދިވަޑައިގެންނެވި އެވެ.

މި ޝަރުތުތަކާ އެކު ވެސް އޭނާ ބޭރަށް ވަޑައިގަތުމުގެ ހުއްދަ ނުދެއްވުމަކީ ވަރަށް ބޮޑު ތަފާތުކުރުމެއް ކަމަށް ވެސް އެއް ބަޔަކު ދެކެ އެވެ. ސަބަބަކީ، ޖަލު ހުކުމް ތަންފީޒުކުރައްވަމުން ގެންދަވާ މީހުން ވެސް ބޭރަށް ވަޑައިގަތުމުގެ ހުއްދަ ސަރުކާރުން ދީފައިވާތީ އެވެ.

"ފާރިސްގެ މައްޗަށް ހިންގަނީ ތަހުގީގެއް، އެ ބަހަނާ ދައްކައި އޭނާ ނުފޮނުވިއިރު، އެއަށް ވުރެ ބޮޑެތި ކުށްވެރިން ބޭރަށް ފޮނުވާފައި އެބަހުރި،" އެކަކު ބުންޏެވެ.

ފާރިސްއާ މެދު އަމަލުކުރި ގޮތުން ސަރުކާރު މިވަނީ "ހޫނު ފެނަށް ވެއްޓިފަ" އެވެ. ފާރިސް ބޭރަށް ވަޑައިގަތުމުގެ ހުއްދަ ނުދިނީ، ތަހުގީގަށް ފިއްލަވާފާނެތީ ކަމަށް ސަރުކާރުން ބުންޏަސް ގިނަ ބަޔަކު އެކަން ގަބޫލެއް ނުކުރެ އެވެ. އެކަން އެނގެނީ ސޯޝަލް މީޑިއާގައި ސަރުކާރާ މެދު ނުރުހުން ފާޅުކޮށް އޮއްސާލާފައިވާ ޝަކުވާތަކުންނެވެ.