ގެސްޓްހައުސްތަކުން ވެސް ގްރީން ޓެކްސް ނަގަން ހުށަހަޅައިފި

ގެސްޓްހައުސްތަކަށް އަންނަ ޓޫރިސްޓުންގެ އަތުން ވެސް ގްރީން ޓެކްސް ނަގާ ގޮތަށް ސަރުކާރުން އިއްޔެ ގާނޫނަށް އިސްލާހު ހުށަހަޅައިފި އެވެ.


މިދިޔަ ނޮވެމްބަރު މަހު ތައާރަފްކުރި ގްރީން ޓެކްސް މިހާރު ނަގަނީ ރިސޯޓުތަކާއި ހޮޓާތަކުގެ އިތުރަށް ސަފާރީތަކުގައި ތިބޭ ބޭރުގެ ޓޫރިސްޓުންގެ އަތުންނެވެ. ދިވެހިންނާއި ރެޒިޑެންޓް ވިސާގައި ރާއްޖޭގައި ތިބޭ ބޭރު މީހުން ފިޔަވައި އެހެން ބޭރު މީހުންގެ އަތުން ދުވާލަކަށް ހަ ޑޮލަރުގެ މަގުން ނަގާ މި ޓެކްސް ގެސްޓްހައުސްތަކަކުން ނުނަގަ އެވެ.

ނަމަވެސް ޓޫރިޒަމްގެ ގާނޫނަށް ސަރުކާރުން ހުށަހެޅި އިސްލާހުގައި ގެސްޓްހައުސްތަކަށް އަންނަ ޓޫރިސްޓުންގެ އަތުން ވެސް ދުވާލަކަށް ހަ ޑޮލަރުގެ މަގުން ގްރީން ޓެކްސް ނަގަން ހިމަނާފައިވެ އެވެ. މި ޓެކްސް ދައުލަތަށް ދެއްކުމަކީ، މަޖިލީހުގެ މެޖޯރިޓީ ލީޑަރު އަހުމަދު ނިހާން ހުށަހެޅުއްވި ބިލުގައިވާ ގޮތުން، އެ މީހަކު ހުންނަ ތަނެއްގެ ޒިންމާއެކެވެ.

މި ބިލްގެ ފުރަތަމަ ކިޔުން މަޖިލީހުގެ އިއްޔެގެ ޖަލްސާގައި ވަނީ އިއްވާފަ އެވެ.

ގްރީން ޓެކްސް ތައާރަފް ކުރަން ފުރަތަމަ އުޅުނުއިރު ގެސްޓްހައުސްތައް އިސްތިސްނާ ކުރުމުގެ ވިސްނުމެއް ސަރުކާރުން ގެންގުޅެފައެއް ނުވެ އެވެ. އެކަމަކު ގެސްޓްހައުސްޓައް ހިންގާ ފަރާތްތަކުގެ ކަންބޮޑުވުންތަކާ އެކު ސަރުކާރުން ފަހުން ވިސްނުން ބަދަލުކޮށް، ގެސްޓްހައުސްޓަކަށް އަންނަ މީހުންގެ އަތުން އެ ޓެކްސް ނުނަގާ ގޮތަށް ނިންމީ އެވެ.

މި އަހަރުގެ މިހާތަނަށް ގްރީން ޓެކްސްގެ ގޮތުގައި ދައުލަތަށް 17.9 މިލިއަން ޑޮލަރު (272 މިލިއަން ރުފިޔާ) ވަނީ ލިބިފަ އެވެ. މީރާގެ ހިސާބުތައް ދައްކާ ގޮތުން ދެ ވަނަ އަށް އެންމެ ގިނަ އަދަދަކަށް ދައުލަތަށް ޑޮލަރު ވަންނަނީ ގްރީން ޓެކްސް އިންނެވެ.