ޔާމީންގެ މަރުގެ މައްސަލަ މަޖިލީހަށް ބަލައެއް ނުގަތް!

ރަހުމު ކުޑަ ގޮތެއްގައި މަރާލާފައި އޮއްވައި ފެނުނު ބްލޮގާ ޔާމީން ރަޝީދުގެ މަރުގެ މައްސަލައިގައި އެމްޑީޕީގެ މެމްބަރަކު ހުށަހެޅުއްވި ކުއްލި މައްސަލަ ބަލައި ނުގަނެ، ބޭރު ކޮށްލައިފި އެވެ.


ޔާމީންގެ މަރުގެ ތަހުގީގު މިނިވަން ފަރާތެއް މެދުވެރިކޮށް ކުރުމަށް ގޮވާލައި މިދިޔަ އޭޕްރީލް މަހު މަޖިލިހަށް ކުއްލި މައްސަލައެއް ހުށަހެޅުއްވީ ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު އަލީ ނިޒާރެވެ.

ނިޒާރު މިއަދު "މިހާރު" އަށް ވިދާޅުވި ގޮތުގައި އެ މައްސަލަ މާދަމާގެ ޖަލްސާ އަށް އެޖެންޑާ ނުކުރީ މިހާރު ހާލަތު އޮތް ގޮތުން އެއީ ކުއްލި މައްސަލައެއް ނޫން ކަމަށް ބުނެ އެވެ. އަދި އޭނާ ހުށަހެޅުއްވި މައްސަލައިގެ މުއާލާތް ކެނޑިފައިވާ ކަން މަޖިލީހުން އަންގާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު އަލީ ނިޒާރު. - ފޮޓޯ: މަޖިލިސް

ޔާމީންގެ މަރުގެ މައްސަލައިގައި ކުއްލި މައްސަލައެއް ހުށަހެޅުއްވީ މަޖިލީހުގެ ގަވާއިދުގައިވާ ގޮތުގެ މަތިން ކަމަށް ވެސް ނިޒާރު ވިދާޅުވި އެވެ. އަދި ކުއްލި މައްސަލަ ބަލައިނުގަންނަން ޖެހޭ ސަބަބެއް ނެތް ކަމަށް މަޖިލީހުގެ އަމީން އާންމު އަހުމަދު މުހައްމަދު ވެސް ވިދާޅުވި ކަމަށް އޭނާ ވިދާޅުވި އެވެ.

"އުސޫލުތަކާ އެއްގޮތަށް އެ މައްސަލަ ހުށަހެޅީ. އެކަމަކު މަޖިލިހުން އެންމެ ފަހުން މި ނިންމީ ކުއްލި މައްސަލައެއް ނޫން ކަމަށް،" އަލީ ވިދާޅުވި އެވެ.

މި މައްސަލައާ ގުޅޭ ގޮތުން މަޖިލީހުގެ އަމީން އާންމު ވިދާޅުވީ އެ މައްސަލައާ މެދު މަޖިލީހުން ގޮތެއް ނިންމާފައިވާ ނަމަ އެކަން މާދަމާގެ ޖަލްސާގައި އިއުލާން ކުރާނެ ކަމަށެވެ.

ނިޒާރު ވިދާޅުވީ ޔާމީންގެ މަރުގެ މައްސަލައިގައި ހުށަހެޅުއްވި ކުއްލި މައްސަލަ ބޭރު ކޮށްލުމަކީ މަޖިލިސް މެދުވެރިކޮށް ސަރުކާރު ޒިންމާދާރު ކޮށް، މިނިވަން މުއައްސަސާތައް ހަރުދަނާ ކުރުމުގެ އެއްވެސް ފުރުސަތެއް އިދިކޮޅު މެމްބަރުންނަށް ނެތް ކަން އިތުރަށް ހާމަވަގެން ދިޔަ ކަމެއް ކަމަށެވެ.

ޔާމީންގެ މަރުގެ މައްސަލައިގެ ތަހުގީގު ހިނގަމުންދާ ގޮތް ޔާމީންގެ އާއިލާއަށާއި ރައްޔިތުންނަށް ނޭނގޭ ކަމަށް ވެސް ނިޒާރު ވިދާޅުވި އެވެ. އެހެންވެ، މި މައްސަލައިގައި މަޖިލީހުގައި ބަހުސްކޮށް ކަމާ ބެހޭ ފަރާތްތައް ޒިންމާދާރު ކުރަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.

ޔާމީން ރަޝީދު. އޭނާ މަރާލީ އޮފީސް ނިންމާފައި ގެއަށް ވަންނަނިކޮށް.

"މިއީ ވާހަކަ ނުދައްކާ ތިބެވޭ ވަރުގެ ކަމެއް ނޫން. އަދިވެސް ރައްޔިތުންނަށް ބިރުވެރިކަން އެބައޮތް. ޔާމީންގެ އާއިލާއަކަށް ނޭނގޭ ތަހުގީގު ކުރިއަށްދާ ގޮތެއް،" ނިޒާރު ވިދާޅުވި އެވެ.

ޔާމީން މަރައިލި މައްސަލައިގައި ފުލުހުން ވަނީ ހަތް މީހަކު ހައްޔަރުކޮށްފަ އެވެ. ފުލުހުން ބުނެފައި ވަނީ ތަހުގީގަށް ބޮޑެތި ކުރިއެރުންތަކެއް ލިިބިފައިވާ ކަމަށެވެ. އެ މައްސަލައިގެ ތަހުގީގު ކާމިޔާބުވާނެ ކަމުގެ އުއްމީދު ބޮޑު ކަމަށާއި ހައްޔަރުކުރި މީހުންގެ ތެރޭގައި ޔާމީނަށް ހަމަލާ ދިނުމުގައި އަމަލީ ގޮތުން ބައިވެރިވި ކަމަށް ތުހުމަތު ކުރެވޭ ދެ މީހުން ހިމެނޭ ކަމަށް ފުލުހުން ބުނެ އެވެ.

ޙުސައިން އަރީފު

5

ނޮޅިވަރަމް ދާއިރާ