ހުޅުދެލީގައި ކުޑަ ކުއްޖަކު މޫދުގައި މަރުވެފައި އޮއްވާ ފެނިއްޖެ

ދ. ހުޅުދެލީގައި ކުޑަ ފިރެން ކުއްޖަކު މޫދުގައި މަރުވެފައި އޮއްވާ މިއަދު ފެނިއްޖެ އެވެ.


ހުޅުދެލިން މިރޭ ވާހަކަ ދެއްކި މީހަކު ބުނިގޮތުގައި މޫދަށް ވެއްޓި މަރުވީ އެ ރަށު ކުރިނބީގޭ، ޖޫދު އަހްމަދު ޝިފާއު އެވެ. ގާތްގަނޑަކަށް ހަ އަހަރުގެ ޖޫދަކީ ކައުންސިލްގެ ނައިބު ރައީސްގެ ދަރިފުޅެވެ.

ޖޫދު ފެނުނީ މިއަދު ހަވީރު އެ ރަށުގެ އުތުރު ފަރާތު މޫދުންނެވެ. ސިއްހީ މަރުކަޒަށް ގެންދިޔައިރު ވެސް އޭނާ މަރުވެފައިވާ ކަމަށް އެ ހުޅުދެލިން ވާހަކަ ދެއްކި މީހުން ބުންޏެވެ.

އެކަމަކު އެ ހާދިސާ ހިނގި ގޮތެއް އަދި ސާފެއް ނުވެ އެވެ. ތަހުގީގަށް ފުލުހުންގެ ޓީމެއް މިހާރު އަންނަނީ އެ ރަށުގައި ހަރަކާތްތެރިވަމުންނެވެ.

އިޝާނަމާދަށް ފަހު ޖޫދު ވަޅުލަން ވަނީ ނިންމައިފަ އެވެ.