ފުވައްމުލަކުގެ އަންހެނުންނަށް ތުނޑުކުނާ ވިޔަން ދަސްކޮށްދެނީ

ފުވައްމުލަކުގެ އަންހެނުންނަށް ޚާއްސަކޮށްގެން ތުނޑުކުނާ ވިޔަން ދަސްކޮށް ދޭ ޕްރޮގްރާމެއް ފަށަން ނިންމައި، އެ ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުސަތު ތިމާވެއްޓާ ބެހޭ މިނިސްޓްރީން ހުޅުވާލައިފި އެވެ.


އެ މިނިސްޓްރީން ބުނީ މިިއީ ޔޫރަޕިއަން ޔޫނިއަން (އީޔޫ) އިން ފަންޑުކޮށް އަދި ވޯލްޑް ބޭންކުގެ އެހީތެރިކަމާ އެކު ހިންގާ ކްލައިމެޓް ޗޭންޖް އެޑަޕްޓޭޝަން ޕްރޮޖެކްޓް (ސީސީއޭޕީ) ގެ ދަށުން މޯލްޑިވްސް އޯތެންޓިކް ކްރާފްޓްސް ކޯޕަރޭޓިވް ސޮސައިޓީ (މެކްސް) އާ ހަވާލުކޮށްގެން ކުރިއަށް ގެންދާ ތަމްރީން ޕްރޮގްރާމެއް ކަމަށެވެ.

ތުނޑުކުނާ ވިޔަން ދަސްކުރަން ބޭނުންވާ އުމުރުން 16 އަހަރުން މަތީގެ އަންހެނުންނަށް، މި މަހުގެ 22 ވަނަ ދުވަހާ ހަމައަށް ވަނީ ފުރުސަތު ހުޅުވާލައިފަ އެވެ.

ތިމާވެއްޓާ ބެހޭ މިނިސްޓްރީން ބުނިގޮތުގައި މި ޕްރޮގްރާމަށް އޮތީ 16 ޖާގަ އެވެ.

ދެ ބަޔަކަށް ބަހާލައިގެން ކުރިއަށް ގެންދާ މި ޕްރޮގްރާމްގެ އަމަލީ ބައި ކުރިއަށް ގެންދާނީ އަންނަ މަހުގެ 4-25 އަށެވެ. އެ ބައިގައި މަދުވެގެން 90 ގަޑިއިރު ހަމަކުރަން ޖެހެ އެވެ.

ޕްރޮގްރާމްގެ ދެވަނަ ބައި ޚާއްސަ ކޮށްފައި ވަނީ މާކެޓިން އަށެވެ. އެ ބައި ކުރިއަށް ގެންދާނީ ސެޕްޓެމްބަރު 30 އިން އޮކްޓޯބަރު 7 އަށެވެ.

އެންވަޔަރުމެންޓް މިނިސްޓްރީން ބުނީ ޕްރޮގްރާމާ ބެހޭ އިތުރު މައުލޫމާތު ފުވައްމުލަކު ސިޓީ ކައުންސިލް އިދާރާ އިން މިހާރު ލިބޭނެ ކަމަށެވެ.