މަސް ނަގަނިކޮށް ކަނޑަށް ވެއްޓުނު މަންޒަރުގެ ވީޑިއޯ މަޝްހޫރުވެއްޖެ

ށ. ފޭދޫން އާންމުކޮށް މަހަށް ގޮސް އުޅޭ، ދޮށީގެ މަސްވެރިކަން ރަނގަޅަށް ދަންނަ ކުދި ބައެކެވެ. ދޯނި ދުއްވަން ހުރި ކައްޕަ ފިޔަވައި، ދެން ތިބީ 18 އަހަރު ނުވާ ފިރިހެން ކުދިންތަކެކެވެ. އެތަނުން އެއް ކުއްޖަކު ދާވަނި އުޅުވައިގެން ފަނިހަންޖެއް ނަގަން އުޅެނިކޮށް ކަނޑަށް ވެއްޓުނު މަންޒަރުގެ ވީޑިއޯ ހާހަކަށް ވުރެ ގިނަ މީހުން ވަނީ ޝެއާކޮށްފަ އެވެ.


ކަނޑަށް ވެއްޓުނީ އުމުރުން 16 އަހަރުގެ މުހައްމަދު ނިޒާހު އެވެ. ތިން ކިލޯގެ މަސް ދޯންޏަށް ނެގުނު އިރު މަންޒަރު ފެނުނީ މުޅިން އެހެން ގޮތަކަށެވެ.

ނިޒާހުމެންނާ އެކު އާންމުކޮށް މަހަށް ގޮސް އުޅޭ އަލީ ފައުޒާން ބުނީ އެ ދުވަހު މަހަށް ދިޔަ ހަތަރު ކުދިންނަށް ވެސް މަސްވެރިކަން ކުރަން ރަނގަޅަށް އެނގޭ ކަމަށެވެ.

މުހައްމަދު ޒިދާނުގެ ދޮށީގައި ތިން ކިލޯގެ ފަނިހަނދި ޖެހުނެވެ. ދޯންޏަށް އެ މަސް ނަގަން ނިޒާހު ދާވަނި ހިފައިގެން ތައްޔާރުވި އެވެ. އެކަމަކު ދާވަނީގައި މަސް އަޅުވާލައި، ދޯންޏަށް ނަގަން އުޅެނިކޮށް އޭނާ ކައްސާލައިގެން ވެއްޓުނީ ކަނޑަށެވެ.

"ނިޒާހު ބޮޑަށް ބިރުގަތީ ބުޅިފަތީގެ މައްޗަށް ވެއްޓުނީމަ. އެކަމަކު އެއްވެސް އަނިޔާއެއް ނުލިބޭ." ފައުޒާން ބުންޏެވެ.

"މިއީ މަހަށް ގޮސް އުޅެނިކޮށް ދިމާވި މަޖާ ހާދިސާއެއް."