އަދީބު އެކަހެރިކޮށް، އެތައް ހައްގަކުން ވަނީ މަހްރޫމް ކޮށްފައި: މަހްލޫފް

ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު މާފުށީ ޖަލުގައި އެކަހެރިކޮށް، ގާނޫނުގައި ކަނޑައަޅާފައިވާ އެތައް ހައްގަކުން މަހްރޫމް ކޮށްފައިވާ ކަމަށް ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހްމަދު މަހްލޫފް މިއަދު ވިދާޅުވެއްޖެ އެވެ.


އަދީބުގެ ސިއްހީ ހާލުކޮޅު ވަރަށް ބޮޑަށް ގޯސް ވެފައިވާ އިރު ވެސް ބޭސްފަރުވާ އިން އެ މަނިކުފާނު މަހްރޫމްކޮށްފައިވާ ކަމަށް ބުނެ އާއިލާ އާއި ސިޔާސީ ފަރާތްތަކުން ކަންބޮޑުވުން ފާޅު ކުރަމުން ދަނިކޮށް، އެ ވާހަކަތަކަށް ބާރު ލިބޭ ގޮތަށް މަހްލޫފް ވިދާޅުވީ ޖަލުގައި އޭނާ ހޭދަކުރެއްވި މުއްދަތުގައި އަދީބާ މެދު ކަންކަން ކުރަމުން ދާ ގޮތް ފެނިވަޑައިގެންނެވި ކަމަށެވެ. އަދީބަށް ކުރިމަތިވެވަޑައިގެންފައި ވަނީ ސީރިއަސް ސިއްހީ މައްސަލަތަކެއް ކަމަށް އޭނާ ވިދާޅުވި އެވެ.

"އެކަހެރިކޮށް ބާއްވާ އިރު، ގޮޅިން ބޭރަށް ނެރެނީ ވެސް އެއް ގަޑިއިރަށް. ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސް ވެފައިވާ އިރު މާލެ ގެނައުން މަނާކޮށް، އެކަށީގެންވާ ފަރުވާ ލިބޭނެ އިންތިޒާމެއް ހަމަޖައްސައިދީފައެއް ނުވޭ،" މަހްލޫފް ވިދާޅުވި އެވެ.

ދިގު މުއްދަތުގެ ޖަލު ހުކުމްތަކެއް ތަންފީޒު ކުރައްވަމުން ގެންދަވާ އަދީބުގެ އެތެރެހަށީގައި ސިސްޓެއް އުފެދި، ކިޑްނީގައި ހިލަ އުފެދުމާއި ލޮލަށް ޖެހޭ ވަރަށް ނުރައްކާތެރި ބައްޔެއް ކަމަށްވާ "ގްލުކޮމާ" ޖެހިފައިވާ ކަމަށް އާއިލާ އިން ވަނީ ބުނެފަ އެވެ. މިކަމަށް އެކަށީގެންވާ ފަރުވާ ނުލިބޭތީ ބޭސްފަރުވާ އަށް އަދީބު ރާއްޖެ އިން ބޭރަށް ފޮނުވައިދޭން ވެސް އާއިލާ އިން ވަނީ އެދިފަ އެވެ.

އެކަމަކު އެކަން ކުރުމުގެ ޒިންމާއާ ހަވާލުވެފައި އޮތީ ކޮން ބައެއް ކަން ނުބުނެ، އެއް ބަޔަކު އަނެއް ބައެއްގެ ބޮލަށް ޖަހަމުން އަންނަ ކަމަށް ވަކީލުން ވިދާޅުވެ އެވެ.

ރާއްޖޭގައި ހިންގި އެންމެ ބޮޑު ކޮރަޕްޝަން ކަމަށްވާ އެމްއެމްޕީއާރުސީގެ ވައްކަމުގައި އަމަލީ ގޮތުން އެންމެ އިސް ދައުރެއް އަދާ ކުރެއްވުމާއި ރައީސް ޔާމީން އަވަހާރަ ކޮށްލަން ރޭވި ކަމުގެ ކުށުގައި ޖުމްލަ 33 އަހަރުގެ ޖަލު ހުކުމެއް އަދީބުގެ މައްޗަށް އައިސްފައިވެ އެވެ.