އަދީބު ޑޮކްޓަރަށް ދައްކަން ނަމްބަރެއް ނަގައިފިން: ޑރ. ޝަހީދު

ދިގު މުއްދަތެއްގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ނައިބު ރައީސް އަހްމަދު އަދީބުގެ ސިއްހީ މައްސަލަތަކުގައި ރާއްޖެ އިން ފަރުވާ ނުލިބުމުން، އެ މަނިކުފާނު އދ.ގެ ޑޮކްޓަރަކަށް ދެއްކެވުމަށް ނަމްބަރެއް ނަންގަވާފައިވާ ކަމަށް، ދީނީ އަދި ފިކުރީ މިނިވަންކަމާ ބެހޭ އދ.ގެ ހާއްސަ މަންދޫބު ޑރ. އަހްމަދު ޝަހީދު މިއަދު ވިދާޅުވެއްޖެ އެވެ.


ޝަހީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އަދީބުގެ ސިއްހީ މައްސަލަ ހުށަހަޅުއްވާނީ، މަތީ ފެންވަރެއްގެ ސިއްހީ ފަރުވާ އެންމެންނަށް ހަމަހަމަ އަށް ލިބިދިނުން ކަށަވަރު ކުރުމަށް އދ. އިން ކަނޑައަޅާފައިވާ ހާއްސަ ރެޕަޓުއާ ޑެނިއަސް ޕޫރަސް އަށް ކަމަށެވެ. އަދީބު ސިއްހީ ފަރުވާ އިން މަހްރޫމްކޮށްފައިވާ މައްސަލަ އޭނާ އަށް ހުށަހަޅުއްވަން ނަމްބަރެއް ނަންގަވާފައި ވަނީ މާދަމާ އަށް ކަމަށް ވެސް ޝަހީދު ވިދާޅުވި އެވެ.

އަދީބުގެ މައްސަލަ އދ. އަށް ހުށަހެޅުއްވުމާ ގުޅޭގޮތުން ޑރ. ޝަހީދު ކުރެއްވި ޓުވީޓް.

އަދީބުގެ ސިއްހީ ހާލުކޮޅާ ގުޅޭ ލިޔެކިޔުންތައް އާއިލާ އާއި ވަކީލުން މިހާރު ވަނީ ޑރ. ޝަހީދާ ހަވާލުކޮށްފަ އެވެ.

އަދީބުގެ އެތެރެ ހަށީގައި ސިސްޓެއް އުފެދި، ކިޑްނީގައި ހިލަ އުފެދުމާއި ލޮލަށް ޖެހޭ ވަރަށް ނުރައްކާތެރި ބައްޔެއް ކަމަށްވާ "ގްލުކޮމާ" ޖެހިފައިވާ ކަމަށް އާއިލާ އިން ވަނީ ބުނެފަ އެވެ. މިކަމަށް އެކަށީގެންވާ ފަރުވާ ނުލިބޭތީ ބޭސްފަރުވާ އަށް އަދީބު ރާއްޖެ އިން ބޭރަށް ފޮނުވައިދޭން ވެސް އާއިލާ އިން ވަނީ އެދިފަ އެވެ.

އެކަމަކު އެކަން ކުރުމުގެ ޒިންމާއާ ހަވާލުވެފައި އޮތީ ކޮން ބައެއް ކަން ނުބުނެ، އެއް ބަޔަކު އަނެއް ބައެއްގެ ބޮލަށް ޖަހަމުން އަންނަ ކަމަށް ވަކީލުން ވިދާޅުވެ އެވެ. ރާއްޖޭގައި ހިންގި އެންމެ ބޮޑު ކޮރަޕްޝަން ކަމަށްވާ އެމްއެމްޕީއާރުސީގެ ވައްކަމުގައި އަމަލީ ގޮތުން އެންމެ އިސް ދައުރެއް އަދާ ކުރެއްވުމާއި ރައީސް ޔާމީން އަވަހާރަ ކޮށްލަން ރޭވި ކަމުގެ ކުށުގައި ޖުމްލަ 33 އަހަރުގެ ޖަލު ހުކުމެއް އަދީބުގެ މައްޗަށް އައިސްފައިވެ އެވެ.