މަސީހު ދެއްވި ރޯދަ ވީއްލުމަށް ސަރުކާރު މެމްބަރުން ވަޑައިނުގަތް ސަބަބާ މެދު ސުވާލު އުފެދިއްޖެ!

ރައްޔިތުންގެ މަޖިލީހުގެ 85 މެމްބަރުންނަށް، މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު އިއްޔެ ބޭއްވެވި ރޯދަ ވީއްލުމަށް ސަރުކާރު ކޯލިޝަންގައި ހިމެނޭ ޕީޕީއެމާއި އެމްޑީއޭގެ ގިނަ މެމްބަރުން ވަޑައިނުގަތް ސަބަބާ މެދު ސުވާލު އުފެދިއްޖެ އެވެ.


މަޖިލިސް މެމްބަރަކު ވިދާޅުވީ މަޖިލީހުގެ އިދާރާގައި ބޭއްވި ރޯދަ ވީއްލުމަށް ހުރިހާ މެމްބަރުންނަށް ވެސް މަސީހު ދައުވަތު ފޮނުއްވި ކަމަށެވެ. އެކަމަކު ރޯދަ ވީއްލުމަށް ވަޑައިގަތީ، ސަރުކާރު ކޯލިޝަންގައި ހިމެނޭ ޕީޕީއެމްގެ 44 މެމްބަރުންނާއި އެމްޑީއޭގެ ފަސް މެމްބަރުންގެ ތެރެއިން ވެސް ވަރަށް މަދު މެމްބަރުންތަކެކެވެ. އެ ރޯދަ ވީއްލުމުގައި ޖުމްލަ ބައިވެރިވެވަޑައިގަތީ އެންމެ 17 މެމްބަރުން ކަމަށް ވެ އެވެ.

މަޖިލީހުގެ ރައީސް ދެއްވި ރޯދަ ވީއްލުމަށް އިދިކޮޅު މެމްބަރުން ވަޑައިނުގަތަސް، ސަރުކާރު ކޯލިޝަން މެމްބަރުން ވަޑައިނުގަތް ސަބަބާ މެދު ސޯޝަލްމީޑިއާގައި ދަނީ ސުވާލު އުފައްދަމުންނެވެ. މަޖިލީހުގެ ޗުއްޓީ ނިމި، ޖަލްސާތައް ފަށާފައިވުމާ އެކު ގިނަ މެމްބަރުން މާލޭގައި އެބަތިއްބެވި އެވެ.

ސަރުކާރު ކޯލިޝަންގެ މެމްބަރަކު ވިދާޅުވި ގޮތުގައި މަޖިލީހުގެ ރައީސާއި ޕީޕީއެމްގެ ބައެއް މެމްބަރުންނާ ދެމެދު ވަނީ ވަރަށް ބޮޑެތި ހިޔާލުތަފާތުވުންތަކެއް އުފެދިފަ އެވެ. މެމްބަރުން ވަޑައިނުގަތީ އެ ސަބަބާ ހެދި ކަމަށް ވުން ވެސް އެކަށީގެންވާ ކަމަށް އޭނާ ލަފާކުރައްވަ އެވެ. އެކަމަކު އެ ހިޔާލުތަފާތުވުން އުޅެނީ ކޮން ކަމަކާ ގުޅިގެން ކަމެއް އަދި މުޅިން ސާފެއް ނުވެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމުގެ މަގާމުން މަސީހް ވަކިކުރަން އިދިކޮޅު ފަރާތްތަކުން ދެ ފަހަރަށް މަސައްކަތް ކުރި އެވެ. ފުރަތަމަ ފަހަރު، މަޖިލީހުގެ ބައެއް އުސޫލްތަކާ ހިލާފަށް ވޯޓު ނެގުން ކުރިއަށް ގެންދަން ސަރުކާރަށް ތާއީދުކުރާ މެމްބަރުން ނިންމުމުން، އެ މައްސަލަ ނާކާމިޔާބުވީ އެވެ. ދެ ވަނަ ފަހަރަށް މަޖިލީހަށް މައްސަލަ ހުށަހަޅާފައި ވަނިކޮށް، ރައްޔިތުންގެ މަޖިލިހުގެ ރައީސާއި ނައިބު ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލިހަށް ވެއްދޭނީ 42 މެމްބަރުންގެ ސޮޔާއެކު ކަމަށް ގަވާއިދަށް ވަނީ އިސްލާހު ގެނެސްފަ އެވެ.

ކުރިން އެކަމަށް ބޭނުންވަނީ 15 މެމްބަރުންނަށް ވުރެ މަދު ނޫން މެމްބަރުންގެ ސޮޔެވެ.

ޕީޕީއެމް/އެމްޑީއޭ ކޯލިޝަނުން، މަޖިލީހަށް ހުށަހެޅި ބޮޑެތި މައްސަލަތަކުގައި ކުރިން 54 ވޯޓު ހޯދާފައިވެ އެވެ. އެކަމަކު މަސީހުގެ އިތުބާރު ނެތް ކަމުގެ ވޯޓުގައި އެ އަދަދު ވަނީ ދަށްވެ، ސަރުކާރަށް މަޖިލީހުގައި އޮތް ސުޕަ މެޖޯރިޓީ ގެއްލިފަ އެވެ. މަސީހް ވަކިކުރެވޭނީ 42 މެމްބަރުންގެ ސޮޔާ އެކު ކަމަށް މަޖިލީހުގެ ގަވާއިދަށް ހުށަހެޅި އިސްލާހު ފާސްވީ ޕީޕީއެމާއި/އެމްޑީއޭ ކޯލިޝަންގެ 46 މެމްބަރުންގެ ވޯޓުންނެވެ.