ނާޒިމް "ފިއްލެވީ" ސަރުކާރުން ދިން ލިއުމެއްގައި، ހިމާޔަތަށް އެދިވަޑައިގެންފި

ޖަލަށް ލާފައިވާ މަޖިލީހުގެ ކުރީގެ ނައިބު ރައީސް އަހުމަދު ނާޒިމް އިނގިރޭސިވިލާތަށް ވަޑައިގަތީ ދިވެހި ސަރުކާރުން ދޫކުރި ކަމަށް ބުނާ ޓްރެވަލް ޑޮކިއުމަންޓެއްގައިކަން ހާމަވެއްޖެ އެވެ.


ސަރުކާރުން ދިން ހުއްދައެއްގައި ދިއްގަރު ދާއިރާގެ ކުރީގެ މެމްބަރު ނާޒިމް ސިންގަޕޫރަށް ބޭސްފަރުވާ އަށް ވަޑައިގަތީ މިދިޔަ އަހަރު ފަހުކޮޅު އެވެ. ފަރުވާ ފުރިހަމަ ނުވާތީ އޭނާ އަށް ދިން މުއްދަތު ދެ ފަހަރަކު އިތުރު ކޮށްދިނެވެ. ތިން ވަނަ ފަހަރަށް އެ މުއްދަތު އިތުުރުކޮށް ނުދީ، ސަރުކާރުން މިދިޔަ މާޗު މަހު ނާޒިމަށް އެންގީ 48 ގަޑިއިރުގެ ތެރޭގައި އެނބުރި ރާއްޖެ ވަޑައިގަތުމަށެވެ.

އެކަމަކު، އޭރު ނާޒިމް ވަނީ ސިންގަޕޫރުން އިނގިރޭސިވިލާތަށް ވަޑައިގެންފަ އެވެ. އެކަން ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ކަށަވަރު ކޮށްދެއްވާފައި ވިޔަސް، ނާޒިމް އިނގިރޭސިވިލާތަށް ވަޑައިގެންނެވި ގޮތާ މެދު ސަރުކާރުން އެއްވެސް އެއްޗެއް ބުނެފައެއް ނުވެ އެވެ.

"މިހާރު" އަށް ކަށަވަރު ވެފައިވާ ގޮތުގައި ނާޒިމް އިނގިރޭސިވިލާތަށް ވަޑައިގަތީ ދިވެހި ސަރުކާރުން ދޫކޮށްފައިވާ ކަމަށް ބުނާ ޓްރެވަލް ޑޮކިއުމެންޓް އެވެ. އެ ޑޮކިއުމެންޓް ދޫކޮށްފައި ވަނީ، އެނގިފައިވާ ގޮތުގައި، ސިންގަޕޫރަށާއި އިނގިރޭސިވިލާތަށް ވެސް ވަޑައިގެންނެވޭ ގޮތަށެވެ.

އެކަމަކު އެފަދަ ޑޮކިއުމެންޓެއް ދޫކުރިކަން އިމިގްރޭޝަނުން ދޮގުކުރެ އެވެ. ކުރިން ބުނެފައިވާ ގޮތަށް، އިިމިގްރޭޝަންގެ ތަރުޖަމާނު މިއަދު ވެސް ވިދާޅުވީ ސަރުކާރުން ނާޒިމަށް ދޫކުރީ ހަމައެކަނި ސިންގަޕޫރަށް ވަދެވޭ ޓްރެވަލް ޑޮކިއުމެންޓެއް ކަމަށެވެ. ބޭސްފަރުވާ އަށް ސިންގަޕޫރަށް ވަޑައިގަތުމަށް ނާޒިމް ބޭނުން ކުރެއްވި އެ ޑޮކިއުމަންޓުން އިތުރު ގައުމަކަށް ދަތުރު ނުކުރެއްވޭނެ ކަމަށް އިމިގްރޭޝަންގެ ތަރުޖަމާނު ވިދާޅުވި އެވެ.

"އޭނާގެ ޕާސްޕޯޓް އޮތީ އަޅުގަނޑުމެންގެ އަތުގައި،" އޭނާ ވިދާޅުވި އެވެ.

ނާޒިމް މިހާރު ވަނީ އިނގިރޭސިވިލާތުގެ ހިމާޔަތަށް އެދިވަޑައިގެންފަ އެވެ. އެކަމަކު ހިމާޔަތަށް އެދިވަޑައިގެންނެވިއިރު ނާޒިމްގެ އަތުގައި ސައްހަ ޕާސްޕޯޓެއް ނެތުމުން، އިނގިރޭސި ސަރުކާރުން ވަނީ، އެނގިފައިވާ ގޮތުގައި، އޭނާ ދަތުރުކުރެއްވި އެއާލައިން ޖޫރިމަނާ ކޮށްފަ އެވެ. އެއީ، އެފަދަ ލިޔެކިއުންތައް ހަމަ އަށް ހުރިތޯ ބެލުމަކީ އެއާލައިންގެ ޒިންމާއަކަށް ވާތީ އެވެ.

ހިމާޔަތަށް އެދިވަޑައިގެން ނާޒިމް ހުށަހެޅުއްވި ހުށަހެޅުއްވުމާ މެދު އިނގިރޭސި ސަރުކާރުން އަދި ވަކި ގޮތެއް ނުނިންމަ އެވެ.

ރައީސް އަބްދުﷲ ޔާމީންގެ އެންމެ އަރިސް އެއް ބޭފުޅާގެ ގޮތުގައި ކުރިން ހުންނެވި ނާޒިމް "ފިއްލެވުމުގައި" ތިން ވަނަ ގައުމެއްގެ އަތެއް ވާ ކަމަށް ސަރުކާރުން ވަަނީ ތުހުމަތު ކޮށްފަ އެވެ. އަދި އޭނާ ރާއްޖެ ގެނައުމަށް އިނގިރޭސިވިލާތާ ވާހަކަ ދައްކަމުން އަންނަ ކަމަށް ވެސް އޭރުގެ ހޯމް މިނިސްޓަރު އުމަރު ވަނީ ވިދާޅު ވެފަ އެވެ.

ކަރެކްޝަންސްގެ ތަރުޖަމާނު މިއަދު ވިދާޅުވީ ނާޒިމް ހޯދުމުގެ މަސައްކަތް އަދިވެސް ކުރަމުން އަންނަ ކަމަށެވެ. އިތުރު ތަފްސީލެއް އޭނާ ނުދެއްވަ އެވެ.

ނާޒިމްގެ މައްޗަށް 25 އަހަރުގެ ޖަލު ހުކުމެއް އައިސްފައި ވަނީ ކޮރަޕްޝަންގެ މައްސަލައެއްގަ އެވެ. އޭނާ އިނގިރޭސިވިލާތުގައި ހުންނެވިއިރު، ގިނަ އަދަދެއްގެ އިދިކޮޅު ލީޑަރުން ވެސް ތިއްބެވީ އެގައުމުގަ އެވެ. އޭގެ ތެރޭގައި އިނގިރޭސިވިލާތުން މިހާރު ހިމާޔަތް ދީފައިވާ ކުރީގެ ރައީސް މުހައްމަދު ނަޝީދު ހިމެނިވަޑައިގަންނަވަ އެވެ.