ކާނެއްގެ ތެރެއަށް ކުޑަކުއްޖަކު ގަނބައިގަނެ ފައި ޒަޚަމްވެއްޖެ

މުލިއާގޭ އިރުމަތިން އޮންނަ ޝަހީދު އަބްދުﷲ ޒުހައިރު ހިނގުމުގައި ހަލާކުވެފައި އޮތް ކާނެއްގެ ތެރެ އަށް ކުޑަކުއްޖަކު މިރޭ ގަނބައިގަނެ އެ ކުއްޖާގެ ފައި ވަރަށް ބޮޑަށް ޒަޚަމްވެއްޖެ އެވެ.


މި ހާދިސާގައި ޒަހަމްވި ހަތް އަހަރުގެ ކުޑަ ކުއްޖާގެ ބައްޕަ ބުނީ އެ ކުއްޖާގެ ފައިން ކަފައިގެން ދިޔަ ތަން ހޮސްޕިޓަލުން ފަހާފައިވާ ކަމަށެވެ.

"ރޯދަ ވިއްލައިގެން ދަރިފުޅު އައީ އަޅުގަނޑު ސައިކަލަށް އަރަން. އަންނަނިކޮށް ކާނުމަތީގައި ފައި އެޅި ތަނާ ކުއްލިއަކަށް ގަބައިގަތީމަ ބެލިއިރު ކަފައިގެން ގޮސްފައި ހުރީ،" އޭނާ ބުންޏެވެ.

އެ މީހާ ބުނީ އެ ކުއްޖާ ސައިކަލަކަށް އަރަން ވެގެން ފައި އެޅުނު ކާނުގެ މަތިގަނޑު އޮތީ ހަލާކުވެފައި ކަމަށެވެ. އަދި އެ ކުއްޖާގެ ފައި ކަފައިގެން ދިޔައީ، ކާނުގެ ތެރެއަށް ގަނބައިގެން ދިޔަ އިރު، ކާނުގެ މަތިގަނޑުގައި ހުރި އޮތް ކޮންކްރީޓް ދަގަނޑުތަކުގައި ކޭއްތިގެން ކަމަށް ވެސް އޭނާ ބުންޏެވެ.

"އެ ކާނުގެ މަތިގަނޑު އޮތީ ވަރަށް ބޮޑަށް ހަލާކުވެފައި. ދަރިފުޅުގެ ފައިވާން ނަގަން އަތް ކޮށްޕާލުމުން އަޅުގަނޑުގެ އަތް ވެސް ކަފައިގެން ދިޔަ. ކުދިން ގޮވައިގެން މަގުމައްޗަށް ނުކުތުން ވެސް މިހާރު ވެއްޖެ ބޮޑު ބިރުވެރި ކަމަކަށް،" އެ މީހާ ބުންޏެވެ.

މާލޭގެ ވަރަށް ގިނަ މަގުތަކުގައި ކާނުތަކުގައި އަޅާފައިވާ މަތިގަނޑުތައް ވަނީ ހަލާކުވެފަ އެވެ. އަދި ބައެއް މަގުތަކުގެ ކާނުތައް ވެސް ހުރީ ހަލާކުވެފަ އެވެ. އަދި ހަލާކުވާ ކާނުތައް ރަނގަޅު ކުރަން ހައުސިން މިނިސްޓްރީން ވަރަށް ގިނަ ދުވަސް ހޭދަވެ އެވެ.

ދާދި ފަހުން މަރާމާތުކުރި މަޖީދީމަގުގެ ބައެއްގައި ފެން ހިންދަން ހަދާފައި ހުރި ބައެއް ކާނުތަކުގެ ތެރެއިން ކާނެއްގެ މަތީގައި އަޅާފައިވާ ލަކުޑި މަތިގަނޑު ފީވެފައި ހުއްޓާ އޭގެ ތެރެއަށް މާބަނޑު އަންހެނެއްގެ ފައި ގެނބިގަނެ، އެ މީހާ އަށް ވެސް އެކިވަރުގެ ޒަޚަމްތައް ލިބުނެވެ.

މަޖީދީމަގު މަރާމާތު ކުރަން ހިންގާ މަޝްރޫއުގެ ދަށުން މިހާރު މަސައްކަތް ނިމިފައިވާ ސަރަހައްދުތަކުގައި ހުންނަ ބައެއް ކާނުތައް ވަގުތީ ގޮތުން ބަންދުކޮށްފައި ހުންނަނީ ދަގަނޑު ފްރޭމެއް އެޅުމަށް ފަހު އޭގެ މަތީގައި ފިލާގަނޑެއް ބާއްވައިގެންނެވެ. އޭގެ ބައެއް ފިލާތައް ފީވެ، ހަލާކުވެފައި ހުންނާތީ ދެން ހުންނަނީ ދަގަނޑު ފްރޭމް އެކަންޏެވެ.

އެގޮތަށް ހުރި ކާނެއްގެ ތެރެއަށް ފައި ގެނބިގެން ގޮސް އަނިޔާވީ މަޖީދީމަގު އަގޯރާ ސަރަހައްދުން ހިނގާފައި ދިޔަ މާބަނޑު އަންހެނަކަށެވެ. ބަނޑަށް ފަސް މަސް ވެފައިވާ އެ މީހާ އެ ތަނަށް ގެނބިގެން ގޮސް، ފައިގެ އެކި ތަންތަން މަށައިގެން ގޮސް، އަނިޔާވެފައިވާ ކަމަށް އެ އަންހެން މީހާގެ އާއިލާގެ މެމްބަރަކު ބުންޏެވެ.

އެ ހާދިސާ ދިމާވުމުން ހައުސިން މިިނިސްޓްރީ އާއި ފުލުހުންގެ ސަމާލު ކަމަށް ވެސް އެކަން ގެނައި ކަމަށާއި އެކަން ރަނގަޅު ކުރާނެ ކަމަށް ހައުސިން މިނިސްޓްރީން ބުނި ކަމަށް އޭނާ ބުންޏެވެ.