ފުލުހުން ތެރޭގައި ގިނައީ އިހްލާސްތެރިން، ނާޒިމް ވަގުތުން ދޫކޮށްލަން ޖެހޭ: ރިޔާޒް

ފޮރެންސިކް ފުލުހުންގެ ތެރޭގައި ސިޔާސީ އެއްވެސް ނުފޫޒެއް ނެތް، އެކަން ސާބިތުކޮށްދީފި. މިހާރު ލިބިފައި ހުރި ހެއްކާ އެކު ނާޒިމް ވަގުތުން ދޫކޮށްލަން ޖެހޭ. އޭނާ އަށް ދެމުން ދަނީ ނުހައްގު އަނިޔާއެއް ކަން ޝައްކެއް ނެތް މިންވަރަށް އެ އޮތީ ސާބިތުވެފައި.

ފުލުހުންގެ ތެރެ އަށް ސިޔާސީ ނުފޫޒު ފޯރުވަން މަސައްކަތް ކުރި ނަމަވެސް އެ މުއައްސަސާގެ ތެރޭގައި އަދިވެސް ގިނައީ ގައުމާއި ރައްޔިތުންނަށް އިހްލާސްތެރި ފުލުހުންކަން ސާބިތުކޮށްދީފި ކަމަށް ކުރީގެ ޕޮލިސް ކޮމިޝަނަރު އަބްދުﷲ ރިޔާޒް މިއަދު ވިދާޅުވެއްޖެ އެވެ.


ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމްގެ ކޮޓަރިން ފެނުނު ފިސްތޯލަ އިން ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ ޑީއެންއޭ ފެނިފައިވާ ކަމަށް ފުލުހުން ރޭ ވަނީ ބުނެފަ އެވެ. ފިސްތޯލަ ފެނުނު މައްސަލާގައި ނާޒިމަށް 11 އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވާ އިރު، އެ މައްސަލައިގެ އިތުރު ހެކިތައް ހޯދީ ފުލުހުންގެ ފޮރެންސިކް ޑިޕާޓްމެންޓްގެ މަސައްކަތުން ކަމަށް ރިޔާޒް ވިދާޅުވި އެވެ.

ރިޔާޒް ވިދާޅުވީ ސިޔާސީ ނުފޫޒާ ހެދި ނާޒިމްގެ މައްސަލަ އެކަށީގެންވާ ގޮތަށް ތަހުގީގު ނުކޮށް ގިނަ ދުވަސްތަކެއް ހޭދަވި ކަމަށެވެ. ނާޒިމް ފްރޭމް ކުރި މައްސަލަ ބަލައިދޭން އާއިލާ އިން ފުލުހުންނަށް ހުށަހެޅި ކަން ފާހަގަ ކުރައްވައި ރިޔާޒް ވިދާޅުވީ އެ މައްސަލަ ފުލުހުން މުއައްސަސާ އިން މިހާތަނަށް ނުބެލީ ކީއްވެތޯ ސުވާލު އުފެދޭ ކަމަށެވެ.

ނާޒިމްގެ ކޮޓަރިން ފެނުނު ހަތިޔާރާ އޭނާއާ ގުޅުމެއް ނެތް ކަމަށް ވަކީލުންނާއި އާއިލާ އިން ވެސް ތަކުރާރުކޮށް ބުނަމުން ދިޔައީ ނާޒިމް ފްރޭމް ކޮށްފައިވާ ކަމުގެ ހެކި ހުރުމުން ކަމަށް ވެސް ރިޔާޒް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ނާޒިމްގެ ތަހުގީގުގައި ފުލުހުންގެ ފޮރެންސިކްގެ މަސައްކަތާ ދޭތެރޭ ޝުކުރުވެރިވުން ހައްގެވެ. އެ މައްސަލާގައި ތިން ވަނަ ފަރާތެއްގެ ފިންގާ ޕްރިންޓް ފެނިފައިވާ ކަން ވެސް ހާމަކުރީ ފޮރެންސިކް ފުލުހުން ކަމަށް ރިޔާޒް ވިދާޅުވި އެވެ.

"ފުލުހުންގެ ފޮރެންސިކް ތެރޭގައި ސިޔާސީ އެއްވެސް ނުފޫޒެއް ނެތް ކަން ހާމަވެއްޖެ، މިއީ ލިބޭ ވަރަށް ބޮޑު ހިތްހަމަޖެހުމެއް،" ރިޔާޒް ވިދާޅުވި އެވެ.

މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒް. --ފޮޓޯ: މަޖިލިސް

ރިޔާޒް މިއަދު ވެސް ވިދާޅުވީ ނާޒިމް ފްރޭމްކޮށް ދިގު މުއްދަތުގެ ޖަލު ހުކުމެއް އިއްވީ އޭނާގެ ސިޔާސީ ހަޔާތް ދުއްވާލުމަށް ކަމަށެވެ. އެއީ ކުށެއް ނެތް މީހަކަށް ނުހައްގުން ދިން އަނިޔާއެއް ކަމަށާއި ނާޒިމް ވަގުތުން ދޫކޮށްލަން ޖެހޭ ކަމަށް ވެސް ރިޔާޒް ވިދާޅުވި އެވެ.

"ފޮރެންސިކް ހެކި ލިބުނު ހިސާބުން ފެށިގެން ވެސް ކަމާ ގުޅޭ މުއައްސަސާތަކުން ނާޒިމް މިނިވަން ކުރަން މަސައްކަތް ފަށަން ޖެހޭ. ދަންވަރު ކޯޓު ހުޅުވައިގެން ހުކުމް ކުރާ ގޮތަށް ނާޒިމް ކުށެއް ނެތް ކަން ވެސް ކަނޑައަޅަން ޖެހޭ. ނާޒިމް ފްރޭމް ކުރިކަން ޝައްކެއް ނެތް މިންވަރަށް އެ އޮތީ ސާބިތުވެފައި،" ރިޔާޒް ވިދާޅުވި އެވެ.

ގ. އެނިފްގޭގައި ނާޒިމް ދިރިއުޅޭ އެޕާޓްމެންޓްގައި ހުރި އޭނާގެ ކޮޓަރިން، މިދިޔަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި ފިސްތޯލައެއް ފެނުނު މައްސަލަ މިހާރު ދަނީ ސުޕްރީމް ކޯޓުގައި ހިނގަމުންނެވެ. ނާޒިމްގެ ފަރާތުން އަބަދުވެސް ބުނަމުން ދިޔައީ އެއީ ބަޔަކު އެ ތަނުގައި ބޭއްވި ފިސްތޯލައެއް ކަމަށާއި އެކަމުގެ ތުހުމަތު އެންމެ ބޮޑަށް ކުރެވެނީ އަދީބަށް ކަމަށެވެ.

އެސިސްޓެންޓް ޕޮލިސް ކޮމިޝަނަރު އަބްދުﷲ ނަވާޒު ވިދާޅުވީ ފިސްތޯލަ އިން އަދީބުގެ ޑީއެންއޭ ފެނިފައިވާ ކަމަށާއި އެކަމަކު އެ ފިސްތޯލައާ އަދީބާ ގުޅުން އޮތް ކަމަށް މި ވަގުތު ބުނެވެން ނެތް ކަމަށެވެ. ނަވާޒް ވިދާޅުވީ ތަހުގީގު ދަނީ އަދިވެސް ކުރި އަށް ކަމަށެވެ. "ހަމައެކަނި ޑީއެންއޭ ޕްރޮފައިލެއް ފެނުމުން ކޮންކްލޫސިވްކޮށް ނުބުނެވޭ އެ އެއްޗެއް ނިސްބަތްވަނީ އެ މީހަކަށޭ. އަދިވެސް ނަތީޖާ ނުލިބޭ ޕްރޮފައިލް ހުރި ވާހަކަ ދަންނަވާލަން. އެއީ ސީދާ މިވެނި މީހަކާ ގުޅުނީއޭ މި ހިސާބުން ނިމުނީއޭ އެގޮތަށް ނުނަންގަވާތި. އަދި ކުރިއަށް ހުރި ތަހުގީގުތަކުގައި އިތުރު މައުލޫމާތު ލިބޭނެ ކަމަށް ގަބޫލުކުރަނީ،" ނަވާޒު ވިދާޅުވި އެވެ.