ސޮފްވާން ޕޮލިހަށް ހާޒިރު ނުވި މައްސަލާގައި ދައުވާކުރަން ފޮނުވައިފި

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ޕާސަނަލް އެސިސްޓެންޓް އަހުމަދު ސޮފްވާން ތަހުގީގަށް ހާޒިރުނުވި މައްސަލާގައި އޭނާގެ މައްޗަށް ދައުވާކުރުމަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އަށް ފޮނުވައިފި އެވެ.


ފުލުހުން މީގެކުރިން އެކި ފަހަރު މަތިން ވަނީ ސޮފްވާން ހޯދަން އިއުލާންކޮށްފަ އެވެ. މިމަހުގެ ފުރަތަމަ ދުވަހު އޭނާ ފުލުސް އޮފީހަށް ހާޒިރުވާން ފުލުހުން އިއުލާނެއް ކުރި އެވެ. ނަމަވެސް މިހާތަނަށް ވެސް އޭނާ ހާޒިރެއް ނުވެ އެވެ. އޭގެ ފަަހުން ފުލުހުން ވަނީ ހާޒިރުވާން އެންގި އެންގުމަށް އަމަލު ނުކޮށްފި ނަމަ އެ މައްސަލާގައި ދައުވާކުރާނެ ކަމަށް ކުރިން ވެސް ބުނެފަ އެވެ.

ފުލުހުން ބުނި ގޮތުގައި ސޮފްވާނާ ގުޅޭ ގޮތުން ތަހުގީގު ކުރަމުން އަންނަނީ ރައްޔިތުންގެ މަޖިލިހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދުގެ އިތުބާރު ނެތް ކަމުގެ ވޯޓަށް ނުފޫޒު ފޯރުވުމުގެ ގޮތުން މަޖިލިހުގެ މެމްބަރުންނަށް ރިޝްވަތު ދިނުމުގައި އަމަލީ ގޮތުން ބައިވެރިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލަ އެވެ. ނަމަވެސް ދައުވާކުރަން ފޮނުވީ ތުހުމަތުކުރެވޭ މައްސަލައިގެ ތަހުގީގަށް ހާޒިރުނުވި މައްސަލައިގަ އެވެ.

މީގެކުރިން ފުލުހުން ވަނީ ސޮފްވާން ހޯދުމުގައި އިންޓަޕޯލްގެ އެހީ އަށް ވެސް އެދިފަ އެވެ. އެކަމަކު ސޮފްވާން ހޯދަން އިންޓަޕޯލުން މިހާތަނަށް ނޯޓިސްއެއް ނުނެރެ އެވެ.

މަސީހު މަގާމުން ދުރުކުރުމަށް މިދިޔަ މާޗް 27 ގައި ނެގި ވޯޓާ ގުޅުވައިގެން މެމްބަރުންނަށް ރިޝްވަތު ދިނުމާއި ނުފޫޒު ފޯރުވުމުގެ ތުހުމަތު، މައުމޫންގެ ދަރިކަލުން އަދި ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫންގެ މައްޗަށް ކޮށް ފުލުހުން ވަނީ ދައުވާކޮށްދިނުމަށް އެދި ޕީޖީ އަށް ފޮނުވައިފަ އެވެ.