ވަސީމް އިތުރު ފަރުވާއަށް ލަންކާ އަށް ގެންގޮސްފި

ރީތި ރަށް ރިސޯޓު ކައިރީގައި އަޅާފައި އޮތް ދޯންޏެއްގައި، ސަމާ އައިލެންޑް ރިސޯޓުގެ ލޯންޗެއް ޖެހި މި މަހު ކުރީކޮޅު ހިނގި އެކްސިޑެންޓުގައި އެންމެ ބޮޑަށް އަނިޔާވެ، އައިސީޔޫގައި ފަރުވާދެމުން ދިޔަ އަލީ ވަސީމް އިތުރު ފަރުވާއަށް މިދިޔަ ހޯމަ ދުވަހު ސްރީ ލަންކާއަށް ގެންގޮސްފި އެވެ.


އެ އެކްސިޑެންޓުގައި އުމުރުން 30 އަހަރުގެ މި ޒުވާނާގެ ބޮލަށް ބޮޑެތި ޒަހަމްތަކެއް ލިބިފައިވާއިރު، ބޮލުގެ އޮޕަރޭޝަނެއް ވެސް އޭޑީކޭގައި ވަނީ ކޮށްފަ އެވެ. އޭގެ ފަހުން އޭނާގެ ހާލު ވަރަށް ބޮޑަށް ރަނގަޅުވި އެވެ.

އޭޑީކޭގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އަފްއާލް ވިދާޅުވީ އިތުރު ފަރުވާއަށް ވަސީމް ރާއްޖޭން ބޭރަށް ގެންދިޔައީ އާއިލާއިން ކަމަށާއި އޭނާއަށް ބޭނުންވާ ފަރުވާ އޭޑީކޭ ހޮސްޕިޓަލުން ވެސް ދެވެން ހުރި ކަމަށެވެ.

"ވަސީމަށް ދެން ބޭނުންވާ ފަރުވާ މިކޮޅުން ވެސް ދެވެން ހުރި. އެކަމަކު އާއިލާއިން ރާއްޖޭން ބޭރުން ފަރުވާ ދޭން ބޭނުން ވުމުން ފޮނުވާލީ،" އަފްއާލް ވިދާޅުވި އެވެ.

މި އެކްސިޑެންޓުގައި 14 މީހަކަށް އަނިޔާވި އެވެ. އޭގެ ތެރެއިން ތިން މީހަކަށް ސީރިއަސް އަނިޔާތަކެއް ލިބުނު ނަމަވެސް އެ އެންމެން ވެސް މިހާރު ވަނީ ދޫކޮށްލާފަ އެވެ.

މި އެކްސިޑެންޓާ ގުޅިގެން ކަންނެލި ދޯނީގެ ކައްޕި އާއި ދެ ފަޅުވެރިން ވަނީ ހައްޔަރުކޮށްފަ އެވެ.