ސިޔާސީ އަދި ބޮޑެތި ކުށްވެރިންނާ މެދު އޮންނަ ތަފާތު ދޫކޮށްލައިގެން ނުވާނެ: ޖަމީލު

ހުރިހާ ކުށްވެރިންނާ މެދު ވެސް ސަރުކާރުން އަމަލު ކުރަން ޖެހޭނީ އިންސާނިއްޔަތު ކަމާއި ކަރާމާތްތެރިކަމާ އެކު ކަމަށާއި އެކަމަކު ސިޔާސީ ކުށްވެރިންނާއި ބޮޑެތި ކުށްތަކުގައި ހުކުމް ތަންފީޒު ކުރާ މީހުންނާ ދެމެދު އޮންނަ ތަފާތު ދަމަހައްޓަން ޖެހޭ ކަމަށް ކުރީގެ ނައިބު ރައީސް މުހައްމަދު ޖަމީލު މިއަދު ވިދާޅުވެއްޖެ އެވެ.


ބޮޑެތި ކުށްވެރިންނާ، ސިޔާސީ ކުށްވެރިން އެއް ހަމައަކުން އަމަލު ނުކުރެވޭނެ ކަން ފާހަގަކުރައްވައި އެމަނިކުފާނު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، މީހަކު މަރަން އުޅުމަކީ ބޮޑު ކުށެއް ކަމަށާއި އެ މީހުންނަށް ހައްގު އަދަބު ދިނުމުގައި ފަސް ޖެހިގެން ނުވާނެ ކަމަށެވެ. އަދި އެ ފަދަ ބޮޑެތި ކުށްވެރިންނާ މެދު އަމަލު ކުރުމުގައި ސަމާލުވާން ޖެހޭ ކަމަށް ވެސް ޖަމީލު ވިދާޅުވި އެވެ

ޖަމީލު ކުރައްވާފައިވާ ޓްވީޓެއް

އެ މަނިކުފާނު ކުރެއްވި އެހެން ޓްވީޓެއްގައި ވިދާޅުވި ގޮތުގައި ރާއްޖޭގެ ޖަލުތަކުގައި ގިނަ ގައިދީން ތިބީ އެ މީހުންނަށް ލިބެން ޖެހޭ ހައްގުތަކުން މަހުރޫމް ވެފަ އެވެ. އަދި އޭގެ ތެރެއިން ބައެއް މީހުންނަކީ ދޮގު ތުހުމަތު ތަކެއްގައި ގޮޅީގައި ބަންދުކޮށްފައި ތިބި މީހުންކަން ވެސް ޖަމީލު ފާހަގަ ކުރެއްވި އެވެ.

"އެ [އަނިޔާ] ތަހައްމަލު ކުރަމުންދާ މީހުންނަށް ހައްގުތައް ހޯދައިދިނުމަށް ވަކާލާތު ނުކުރެވެންވީ ކީއްވެ؟،" އެމަނިކުފާނު ސުވާލު ކުރެއްވި އެވެ.

ސިޔާސީ ކުށްވެރިންނާއި ބޮޑެތި ކުށްތަކުގައި ހުކުމް ތަންފީޒު ކުރަމުންދާ މީހުންނާ ދެމެދު އޮންނަ ތަފާތު ދަމަހައްޓަން ޖެހޭނެ ކަމަށް ޖަމީލް ވިދާޅުވިއިރު، ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ބޭސްފަރުވާ އަށް ރާއްޖެ އިން ބޭރަށް ފޮނުވުމުގެ ހުއްދަ ސަރުކާރުން ނުދޭ މައްސަލާގައި ގިނަ ބަޔަކު ދަނީ ފާޑުކިޔަމުންނެވެ.

ސިޔާސީ އެކި ތުހުމަތު ތަކުގައި ރާއްޖޭގައި ޖަލަށް ލާ މީހުން އަދަދު އިތުރުވެފައިވާއިރު، މީހުން މެރުން ފަދަ ބޮޑެތި ކުށްތައް ވެސް ވަނީ އިތުރުވެފަ އެވެ. އަދި ދޮގު ތުހުމަތު ތަކުގައި މީހުން ހައްޔަރު ކުރުމާއި މަރުގެ މައްސަލަތަކުގައި އިންސާފު ނުލިބޭ ކަމަށް ބުނެ، ކިޔާ ފާޑު ކިޔުންތައް ވެސް ގިނަ އެވެ. އެކަމަކު ސަރުކާރުން ބުނަނީ، މާފުށީ ޖަލުގައި ހުކުމް ތަންފީޒު ކުރައްވަމުން ގެންދަވާ އަދީބު ބޭސްފަރުވާ އަށް ރާއްޖެ އިން ބޭރަށް ފޮނުވައިފި ނަމަ ފިއްލެވުމުގެ ފުރުސަތު ބޮޑު ކަމަށާއި އޭރުން ދައުލަތަށް ލިބޭނެ ގެއްލުން މާ ބޮޑުވާނެ ކަމަށެވެ.

ތިން ކުށެއް ސާބިތުވެ 33 އަހަރަށް ޖަލަށް ލާފައިވާ އަދީބުގެ އެތެރެ ހަށީގައި ސިސްޓެއް އުފެދި، ކިޑްނީގައި ހިލަ އުފެދުމާއި ލޮލަށް ޖެހޭ ވަރަށް ނުރައްކާތެރި ބައްޔެއް ކަމަށްވާ "ގްލުކޮމާ" އަދީބަށް ޖެހިފައިވާ ކަމަށް އާއިލާ އިން ބުނެ އެވެ. އެ މަނިކުފާނުގެ ހާލު ސީރިއަސް ވެފައިވާ މިންވަރަށް ބަލާއިރު، ފުރާނަފުޅަށް ނުރައްކާވުމުގެ ފުރުސަތު އޮތް ކަމަށް ބުނެ ސިއްހީ ފަރުވާ އިން މަހްރޫމް ނުކުރަން އާއިލާ އާއި ވަކީލުން ގެންދަނީ މުއައްސަސާތަކުގައި އެދެމުންނެވެ.