ކުޑަހުވަދޫ އެއާޕޯޓަށް މޯލްޑިވިއަން އިން ބުދަ ދުވަހު ދަތުރުތައް ފަށަނީ

ދ. ކުޑަހުވަދޫގައި އަލަށް ހެދި އެއާޕޯޓަށް އަންނަ ބުދަ ދުވަހުން ފެށިގެން ދަތުރުތައް ފަށާނެ ކަމަށް ގައުމީ އެއާލައިން، މޯލްޑިވިއަން އިން މިއަދު ބުނެފި އެވެ.


"ދާލު އެއާޕޯޓު"ގެ ނަމުގައި ހެދި އެ އެއާޕޯޓަށް ބުދަ ދުވަހު މޯލްޑިވިއަން އިން ދަތުރުތައް ފެށުމާ އެކު ކޮންމެ ހަފުތާއަކު ކޮންމެ ދުވަހަކު ވެސް އެއް ފްލައިޓް އެ އެއާޕޯޓަށް ދަތުރު ކުރާނެ ކަމަށެވެ. އެއްކޮޅު ޓިކެޓްގެ އަގަކީ 888ރ. އެވެ.

މޯލްޑިވިއަން ހިންގާ ކުންފުނި، އައިލެންޑް އޭވިއޭޝަންގެ ހެޑް އޮފް އެޑްމިނިސްޓްރޭޝަން އަލީ ނަޝާތު ވިދާޅުވީ ކުރިއަށް އޮތް ތަނުގައި އެ އެއާޕޯޓަށް ދަތުރުކުރާ ފްލައިޓްތަކުގެ އަދަދު އިތުރު ކުރާނެ ކަމަށެވެ. އަދި ދަތުރު ކުރުމުގެ އިތުރުން މުދާ ކާގޯ ކުރުމުގެ ޚިދުމަތް ވެސް ބުދަ ދުވަހުން ފެށިގެން އެ އެއާޕޯޓަށް ލިބޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"މިވަގުތު އެއް ފްލައިޓް ފެށިޔަސް އެއާޕޯޓް ކައިރީގައި ރިސޯޓްތައް ހުރުމާ ވެސް އެކު މިއަހަރު ނިމުމުގެ ކުރިން ދުވާލަކު ހަތަރު ފްލައިޓަށް އަޅުގަނޑުމެންނަށް އިތުރު ކުރެވޭނެ،" ނަޝާތު ވިދާޅުވި އެވެ.

ރިއޯލޯ އިންވެސްޓްމަންޓާ ހަވާލުކޮށްގެން 1،800 މީޓަރުގެ ރަންވޭއަކާ އެކު ހެދި އެ އެއާޕޯޓަށް މިމަހުގެ ފުރަތަމަ ދުވަހު މޯލްޑިވިއަންގެ ޓެސްޓް ފްލައިޓެއް ވަނީ ޖައްސައިފަ އެވެ. އެ އެއާޕޯޓަކީ ރާއްޖޭގައި މިވަގުތު އޮތް ޑޮމެސްޓިކް އެއާޕޯޓްތަކުގެ ތެރެއިން ޕްރައިވެޓް ޖެޓްތައް ޖެއްސޭ ގޮތަށް ހެދި ފުރަތަމަ އެއާޕޯޓެވެ.