މެޑަމްގެ ފަރާތްޕުޅުން އީދު ހަދިޔާއަކަށް 500 ރުފިޔާ

ރައީސް އަބްދުﷲ ޔާމީންގެ އަނބިކަނބަލުން ފާތިމަތު އިބްރާހިމްގެ ފަރާތްޕުޅުން ފިތުރު އީދުގެ ހަދިޔާއަކަށް 500ރ. ބައްސަވަން ފަށްޓަވައިފި އެވެ.


މެޑަމް ފާތުމަތުގެ ފަރާތްޕުޅުން އީދު ހަދިޔާއެއް ބައްސަވަމުން ގެންދަވާ ކަން، ރައީސް އަބްދުﷲ ޔާމީންގެ ކެމްޕެއިން އޮފީހުގެ ތަރުޖަމާނު އިބްރާހިމް މުއާޒް އަލީ ކަށަވަރުކޮށް ދެއްވި އެވެ. މުއާޒް ވިދާޅުވި ގޮތުގައި އެ ހަދިޔާއަކީ މެޑަމް ފާތުންގެ ފަރާތްޕުޅުން ހިންގަވާ އިޖްތިމާއީ ހަރަކާތްތަކުގެ ދަށުން އެކި ފަރާތްތަކަށް ދެއްވާ އެހީގެ ގޮތުން ދެއްވާ އީދު ހަދިޔާއެކެވެ. އެކަމަކު ހަދިޔާގެ ގޮތުގައި ދެއްވަނީ ކޮން އެއްޗެއް ކަމެއް މުއާޒް ވިދާޅެއް ނުވެ އެވެ.

"އެނގިވަޑައިގަންނަވާނެ މެޑަމް ފާތުން އަދި ވަރަށް ގިނަ އިޖްތިމާއީ ކަންކަމުގައި އެހީ ވެދެއްވާ ފަރާތެއް. ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި މިނޫނަސް ވަރަށް ގިނަ ކަންކަމަށް އެކަމަނާ އެހީ ވެދެއްވާ،،" މުއާޒް ވިދާޅުވި އެވެ. "ފަސްޓްލޭޑީ އީދު ހަދިޔާ ބެއްސެވި ވާހަކައަކީ ތެދު ވާހަކައެއް. އެއީ އިޖުތިމާއީ މަސައްކަތްޕުޅުގެ ދަށުން، ބޮޑެތި ބަލިތަކުގައި ގިނަ ދުވަސްތަކެއް ވަންދެން ހޮސްޕިޓަލުގައި އެޑްމިޓް ކުރެވިފައިވާ ފަރާތްތަކުގެ ތެރެއިން، ފަސްޓް ލޭޑީ ޒިޔާރަތް ކުރެއްވި ބައެއް ވޯޑުތަކުގައި ތިއްބެވި ފަރާތްތަކަށް ބެއްސެވި ހަދިޔާއެއް."

މެޑަމް ފާތުންގެ ފަރާތްޕުޅުން މީހަކަށް ފޮނުއްވާފައިވާ ކަމަށް ބުނާ އީދުގެ ތަހުނިޔާ ކާޑަކާއި ހަދިޔާއެއްގެ ގޮތުން 500ރ.: އެކަމަނީ ދަނީ އިޖްތިމާއީ އެކި ކަންކަމަށް ވެސް އެހީތެރިވެ ވަޑައިގަންނަވަމުން --ފޮޓޯ/ސޯޝަލް މީޑިއާ

ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ބައެއް ފޮޓޯތަކުގައިވާ ގޮތުން މެޑަމްގެ ފަރާތްޕުޅުން ފޮނުއްވާ ސިޓީ އުރައިގައި އީދުގެ ތަހުނިޔާ ކާޑަކާ އެކު 500ރ. ހަދިޔާއެއްގެ ގޮތުގައި ހިމަނުއްވާފައިވެ އެވެ.

މީގެކުރިން އެކަމަނާ ވަނީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ބޭނުންވާ ބައެއް ސާމާނު ހަދިޔާ ކުރައްވައި އަދި ސްކޫލް ކުދިންނަށް ބޭނުންވާ ބައެއް ތަކެތި ވެސް ހަދިޔާ ކުރައްވައިފަ އެވެ. މީގެ އިތުރުން ރާއްޖޭގައި ފެތުރިގެން ދިޔަ ހުމާއި ވައިރަލް ރޯގާގެ ދުވަސްވަރު އަތޮޅު ތެރެއަށް ބޭނުންވާ ބައެއް ބޭސް ވެސް އެކަމަނާ ހަދިޔާ ކުރެއްވި އެވެ.