އަދީބުގެ ކަޅީގެ ކުލަ ބަދަލުވާކަން ފާހަގަކުރެވޭ: ވަކީލު

މިހާރު ދޫނިދޫ ޖަލުގައި ހުންނެވި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ ލޮލަށް "ގްލޮކޮމާ" ޖެހިފައިވާއިރު، އެ ބަލީގައި އެމަނިކުފާނުގެ ލޮލުގެ ކަޅީގެ ކުލަ ބަދަލުވާން ފަށާފައިވާކަން ފާހަގަކުރެއްވޭ ކަމަށް އަދީބުގެ ވަކީލު މޫސާ ސިރާޖު ވިދާޅުވެއްޖެ އެވެ.


ތިން ކުށެއް ސާބިތުވެ 33 އަހަރަށް ޖަލަށް ލާފައިވާ އަދީބުގެ އެތެރެ ހަށީގައި ސިސްޓެއް އުފެދި، ކިޑްނީގައި ހިލަ އުފެދުމާއި ލޮލަށް ޖެހޭ ވަރަށް ނުރައްކާތެރި ބައްޔެއް ކަމަށްވާ "ގްލޮކޮމާ" އެމަނިކުފާނަށް ޖެހިފައިވާ ކަމަށް އާއިލާ އިން ވަނީ ބުނެފަ އެވެ. އަދީބުގެ ހާލު ސީރިއަސް ވެފައިވާ މިންވަރަށް ބަލާއިރު، ފުރާނަފުޅަށް ނުރައްކާވުމުގެ ފުރުސަތު އޮތް ކަމަށް ބުނެ ސިއްހީ ފަރުވާ އިން މަހުރޫމް ނުކުރަން އާއިލާ އާއި ވަކީލުން ގެންދަވަނީ މުއައްސަސާތަކުގައި އެދެމުންނެވެ.

އެ އުސޫލުން ޕޮލިސް ކޮމިޝަނަރު އަހުމަދު އަރީފަށް އަދީބުގެ ވަކީލު ސިރާޖު އިއްޔެ ފޮނުއްވި ސިޓީއެއްގައި ވިދާޅުވީ، އަދީބުގެ ލޮލުގެ ކަޅީގެ ވަށައިގެން، ކަޅީގެ އެތެރެއަށް ފެތުރޭ ގޮތަކަށް ހުދު ރޮނގެއް ހުރި ކަމަށް، އެންމެ ފަހުން އެމަނިކުފާނާ ބައްދަލުކުރެއްވިއިރު ފާހަގަ ކުރެއްވިފައިވާ ކަމަށެވެ.

"އޭގެ އިތުރުން ލޮލުގެ ކަޅީގެ ކުލަ ބަދަލުވަމުންދާކަން ވެސް ވަނީ ފާހަގަކުރެވިފަ އެވެ. މި ކަންކަމަށް ޚާއްސަ ސަމާލުކަމެއް ދެއްވުން އެދެމެވެ،" ރާއްޖޭގެ ނައިބު ރައީސްކަން ކުރެއްވި އެންމެ ޒުވާން އެކަމަކު ބޮޑެތި ކުށްތަކެއްގައި ބެދި، އެންމެ އަވަހަށް އެ މަގާމު ގެއްލުނު އަދީބުގެ ސިއްހީ ހާލަތަށް ފަރުވާތެރިވުމަށް އެދިވަޑައިގެން އެމަނިކުފާނުގެ ވަކީލު ސިރާޖު، ޕޮލިސް ކޮމިޝަނަރަށް ފޮނުއްވި ސިޓީގައިވެ އެވެ.

ސިރާޖު ވިދާޅުވި ގޮތުގައި އަދީބުގެ ސިއްހީ ހާލަތު އިިތުރަށް ގޯސްވަމުންދާކަން ފާހަގަކުރެއްވެ އެވެ. އެހެންވެ އަދީބަށް މި ހާލަތުގައި ކުއްލި ކަމެއް މެދުވެރިވެދާނެތީ، އެމަނިކުފާނުގެ ހާލު ކައިރިން ބައްލަވަމުން ގެންދިއުމަށްޓަކައި ސަރުކާރު ބަންދު ދުވަސްތަކުގައި ވެސް ގާނޫނީ ވަކީލުންނާ ބައްދަލު ކުރެއްވޭނެ އިންތިޒާމު ހަމަޖައްސަވައި ދެއްވުމަށް ވެސް ޕޮލިސް ކޮމިޝަނަރު އަރީފުގެ އަރިހުން ސިރާޖު އެދިވަޑައިގަތެވެ.

އޭނާ އެގޮތަށް އެދިވަޑައިގެންނެވިއިރު، ފިތުރު އީދާ ގުޅުވައިގެން ހަފުތާއަކަށް ވުރެ ގިނަ ދުވަސް ވަންދެން ސަރުކާރު ވަނީ ބަންދުކޮށްފަ އެވެ.

އަދީބުގެ ސިއްހީ މައްސަލަތަކަށް ބޭރުން ފަރުވާ ހޯދުމަށް ފުރުސަތު ދީފިނަމަ އެމަނިކުފާނު ފިއްލަވައިފާނެ ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ. އަދީބު ފިއްވަލައިފިނަމަ ލިބޭ ގެއްލުން މާ ބޮޑު ވާނެ ކަމަށް ރައީސް އޮފީހުގައި މިިދިޔަ ހަފުތާގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެޓާނީ ޖެނެރަލް މުހައްމަދު އަނިލް ވަނީ ވިދާޅުވެފަ އެވެ. ނަމަވެސް އަދީބުގެ ގާނޫނީ ޓީމުން ބުނެފައި ވަނީ ރާއްޖެ އިން ބޭރަށް ސިއްހީ ފަރުވާ އަށް ވަޑައިގަތަސް އެމަނިކުފާނު ފިއްލަވާކަށް ނޫޅުއްވާ ކަމަށާއި ބޭނުންފުޅުވަނީ ފަރުވާ ހޯއްދެވުން ކަަމަށެވެ.

އަދީބު ސިއްހީ ފަރުވާ އިން މަހްރޫމް ކޮށްފައިވާ މައްސަލަ އދ. އަށް ވެސް މިހާރު ވަނީ ހުށަހަޅައިފަ އެވެ. އަދި ރާއްޖޭގެ ހިއުމަން ރައިޓްސް ކޮމިޝަނުން ވެސް އަންނަނީ އެ މައްސަލަ ބަލަމުންނެވެ. އެމަނިކުފާނު ބޭސްފަރުވާ އިން މަހްރޫމް ކުރުމަކީ ރާއްޖޭގެ ގާނޫނުތަކާއި އިންސާނީ ހައްގުތަކާ ގުޅޭ ބައިނަލްއަގުވާމީ ގާނޫނުތަކާ ވެސް ހިލާފުވުން ކަން ފާހަގަކޮށް، ބޭސްފަރުވާ ކުރުމުގެ ފުރުސަތު އަދީބަށް ދިނުމަށް އެމްނެސްޓީ އިންޓަނޭޝަނަލް އިން ވަނީ ގޮވާލައިފަ އެވެ.