ހާހެއް ނުވޭ، އެއްވެސް ވޯޓެއް ކާމިޔާބެއް ނުވާނެ: ރިޔާޒް

އީދު ބަންދަށް ފަހު ރައްޔިތުންގެ މަޖިލީސް ހުޅުވުމާ އެކު ބޮޑު ބަދަލެއް ފެންނާނެ ކަމަށް އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކަށް ސަރުކާރު ކޯލިޝަންގެ ޕާލަމެންޓްރީ ގްރޫޕުން ކަންބޮޑުނުވާ ކަމަށާއި އިތުބާރު ނެތް ކަމުގެ އެއްވެސް ވޯޓެއް މިފަހަރު ވެސް ކާމިޔާބު ނުވާނެ ކަމަށް ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ ނައިބު ލީޑަރު ރިޔާޒް ރަޝީދު މިރޭ ވިދާޅުވެއްޖެ އެވެ.


ވިލުފުށީ ދާއިރާގެ މެމްބަރު ރިޔާޒް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މަގާމުން ވަކިކުރަން ބޭނުންވާ އަދަދަށް މެމްބަރުން ހަމަވެފައިވާ ކަމަށް އިދިކޮޅު އިއްތިހާދުން ވާހަކަ ދައްކަނީ ނޫސްތަކުން ޖާގަ ހޯދަން ކަމަށެވެ. މަސީހުގެ އިތުބާރު ނެތް ކަމުގެ ވޯޓު ދެ ވަނަ ފަހަރަށް ނާކާމިޔާބުވުމާ އެކު މަޖިލިސް އިދާރާގެ ދޮރުމަތީގައި ބޭއްވި ޕްރެސް ކޮންފަރެންސްގައި ވެސް 42 މެމްބަރުން ހަމަވެފައިވާ ކަމަށް އިދިކޮޅު ފަރާތްތަކުން ބުނެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"އެއް ވާހަކަތަކެއް މި ދައްކަނީ. މި ވާހަކަތަކާ މެދު އަޅުގަނޑުމެން ކަންބޮޑެއް ނުވޭ، ހާހެއް ވެސް ނުވޭ. އިދިކޮޅު ފަރާތްތަކަށް މިހާތަނަށް ކާމިޔާބީ ހާސިލްވީ ކަމެއް ނެތް. އެހެންވީމާ މަޖިލީހުގެ ރައީސް ކީއްކުރަން، ވަޒީރެއްގެ އިތުބާރު ނެތް ކަމުގެ ވޯޓެއް ވެސް ނުނެގޭނެ،" ރިޔާޒް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި 2008 ގެ ފަހުން ސިޔާސީ އެއްވެސް ކަމެއްގައި އެމްޑީޕީ އަށް ލިބުނު ކުރިއެރުމެއް ނެތެވެ. އެފަދަ ބަޔަކު އިއްތިހާދު ހަދައިގެން އުޅުނަސް ކާމިޔާބީ ހާސިލްނުވާނެ ކަން މިހާތަނަށް ކުރަން އުޅެ ނާކާމިޔާބުވެފައިވާ ކަންކަމުން ސާފުވާނެ ކަމަށް ވެސް ރިޔާޒް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ޕީޕީއެމް/އެމްޑީއޭގެ ޕާލަމެންޓްރީ ގްރޫޕް އަދިވެސް އޮތީ ބަދަހިކޮށް ކަމަށެވެ. މަޖިލީހަށް ހުށަހަޅާ ބައެއް ބިލްތަކާ މެދު ވަކިވަކި މެމްބަރުން މަޖިލީހުގައި ކަންބޮޑުވުން ފާޅުކުރުމަކީ އާއްމު އުސޫލް ކަމަށާއި ޖިނާއީ އިޖުރާއަތުގެ ބިލުގައި ވެސް ކަން ހިނގީ އެގޮތަށް ކަމަށް ވިދާޅުވި އެވެ.

ބައެއް ކަންކަން އިސްލާހުކުރަން ޖެހޭ ކަން ފާހަގަކުރައްވައި މެމްބަރުން އެ ބިލް އަނބުރާ ފޮނުވާލެއްވުމުން، އިދިކޮޅު ފަރާތްތަކަށް މާ ބޮޑު ކަމެއް ހާސިލްވީ ކަމަށް ބަލައި ވާހަކަތަކެއް ދެއްކުމުގެ ބޭނުމެއް ނެތް ކަަމަށް ރިޔާޒް ވިދާޅުވި އެވެ. އޭނާ ވިދާޅުވި ގޮތުގައި މަޖިލީހުގެ ތެރެއިން، އިދިކޮޅު ފަރާތްތަކުން ބޭނުންވާ ކަންކަން ހާސިލްވުމުގެ ފުރުސަތެއް ނެތެވެ.

ރައްޔިތުންގެ މަޖިލީސް ހުޅުވުމާ އެކު މަޖިލީހުގެ ރައީސް މަސީހުގެ އިތުބާރު ނެތް ކަމުގެ ވޯޓު ހުށަހަޅަން އިދިކޮޅު ފަރާތްތަކުން އަންނަނީ މަސައްކަތް ކުރަމުންނެވެ. މަސީހުގެ އިތުބާރު ނެތް ކަމުގެ ވޯޓު ދެ ފަހަރަށް ނާކާމިޔާބުވި ނަމަވެސް މަޖިލިސް ދެން ހުޅުވުނުހާ އަވަހަކަށް ވަރަށް އުފާވެރި ޚަބަރުތަކެއް ލިބޭނެ ކަމަށް އިދިކޮޅު ފަރާތްތަކުން ބުނެ އެވެ. އެކަމަކު އޭގެ ތަފްސީލުތަކެއް ހާމައެއް ނުކުރެ އެވެ.