އަލިފުއްޓަށް ޖަނަރޭޓަރެއް ގެންގޮސްފި

ރ. އަލިފުއްޓަށް ދިމާވެފައިވާ ކަރަންޓް މައްސަލަ އަށް ދާއިމީ ހައްލެއް ގެނައުމަށް ޖަނަރޭޓަރެއް ގެންގޮސްފައިވާ ކަމަށް ފެނަކަ ކޯޕަރޭޝަނުން ބުނެފި އެވެ.


ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަރީފް "މިހާރު" އަށް މިރޭ ވިދާޅުވި ގޮތުގައި އަލިފުއްޓަށް ގެންގޮސްފައިވަނީ 600 ކިލޯވޯޓްގެ ޖަނަރޭޓަރެކެވެ. އަލިފުށީ ބަނދަރުން ބާލައިގެން އިންޖީނުގެއާ ހަމައަށް ޖަނަރޭޓަރު ގެންދެވުނީ ވަރަށް ބުރަ މަސައްކަތުން ކަމަށް އޭނާ ވިދާޅުވި އެވެ.

"ޖަނަރޭޓަރަކީ ވަރަށް ބަރު އެއްޗެއްވީމަ، ރައްޔިތުން ބޮޑެތި މަގުތަކުގައި ފިލާ އަޅައިގެން އިންޖީނުގެއާ ހަމައަށް ގެންދެވުނީ،" ޝަރީފް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި އަލިފުއްޓަށް މިހާރު ވެސް ކަރަންޓު ދެމުން އަންނަނީ ރަށް ދެބަޔަކަށް ބަހާލައިގެން ވަކި ގަޑިތަކެއްގަ އެވެ. އަދި ޖަނަރޭޓަރު ގުޅައި ރަށަށް ކަރަންޓު ދިނުމަށް ދެ ގަޑިއިރެއް ހާއިރު ނަގާނެ ކަމަށް ލަފާ ކުރެވޭ ކަމަށް ވެސް ޝަރީފް ވިދާޅުވި އެވެ.

"ޖަނަރޭޓަރު ގުޅުމުގެ މަސައްކަތް ކުރަމުން މިހާރު އެ ދަނީ. ދެ ގަޑިއިރެއް ހާއިރު ތެރޭގައި ކަރަންޓު ދެވޭނެ ކަމަށް ބެލެވެނީ. އާ ޖަނަރޭޓަރާއެކު ކަރަންޓަށް ދިމާވި މައްސަލަ ހައްލުވާނެ،" ޝަރީފް ވިދާޅުވި އެވެ.

ކައުންސިލުން ބުނެފައިވާ ގޮތުގައި މިދިޔަ ރޯދަމަހުން ފެށިގެން އެ ރަށުން ކަރަންޓު ކެނޑެމުން ދަނީ މައްސަލަ ޖެހުނު ޖަނަރޭޓަރުގެ ރޭޑިއޭޓަރު ހަލާކުވެގެންނެވެ. އެންމެ ފަހުން މިދިޔަ އަންގާރަ ދުވަހު ކަރަންޓު ކަނޑައިގެން ގޮސް، ގިނައިރުތަކެއް ވަންދެން އެރަށު މީހުން ކަނު އަނދިރީގައި ތިބެން ޖެހުނެވެ.

ކަރަންޓް ނެތިގެން ރުޅިގަދަވެ ރައްޔިތުންގެ ބަޔަކު ވަނީ ކައުންސިލް އިދާރާ ދޮށުގައި ހިތްހަމަނުޖެހުން ވެސް ފާޅުކޮށްފަ އެވެ.