އެމްޑީޕީގެ ހުރިހާ މެމްބަރުން މަސީހާ ދެކޮޅަށް ވޯޓު ދެއްވާނެ: އިބޫ

ރައްޔިތުންގެ މަޖިލީހުގައި ހިމެނޭ އެމްޑީޕީގެ ހުރިހާ މެމްބަރުން މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތް ކަމަށް ވޯޓު ދެއްވާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް އެ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަދި ހިންނަވަރު ދާއިރާގެ މެމްބަރު އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) މިއަދު ވިދާޅުވެއްޖެ އެވެ.


އިބޫ މިހެން ވިދާޅުވިއިރު، މަސީހުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ހުށަހެޅި ލިސްޓުގައި އެމްޑީޕީން ސޮއި ނުކުރައްވާ ހަމައެކަނި މެމްބަރަކީ ކޮމަންޑޫ ދާއިރާގެ މެމްބަރު އަހުމަދު ނާޝިދު (އޭޑީކޭ ނާޝިދު) އެވެ.

"މިހާރު" އަށް އިބޫ ވިދާޅުވި ގޮތުގައި އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލީހަށް ވެއްދުމަށް ހުރިހާ މެމްބަރުންނާ މަޝްވަރާ ކުރެއްވި އެވެ. އަދި އެ މައްސަލަ މަޖިލީހަށް ވެއްދީ މެމްބަރުންގެ ވިސްނުމާ އެއްގޮތަށް ކަމަށާއި އެކަމުގައި އެމްޑީޕީގެ ހުރިހާ މެމްބަރުންނާ ވާހަކަ ދެއްކެވި ކަމަށް އޭނާ ވިދާޅުވި އެވެ.

ނަމަވެސް ލިސްޓުގައި ނާޝިދު ސޮއި ނުކުރެއްވީ ކީއްވެގެން ކަމެއް އިބޫ ވިދާޅެއް ނުވެ އެވެ. އަދި ނާޝިދުގެ ފޯނު ނިއްވާލާފައި އޮތުމުން ލިސްޓުގައި ސޮއި ނުކުރެއްވި ސަބަބެއް ނުހޯދުނެވެ.

"އަޅުގަނޑު އެކަމުގައި (ނާޝިދު ސޮއިނުކުރި މައްސަލާގައި) ކޮމެންޓެއް ކުރާކަށް ނެތިން،" އިބޫ ވިދާޅުވި އެވެ.

އިބޫ ވިދާޅުވީ އެމްޑީޕީގެ ޕީޖީ ގުރޫޕުން ނެރޭ ވިޕްލައިނަށް ޕާޓީގެ މެމްބަރުން ތަބާވެވަޑައިގަންނަވާނެ ކަމަށެވެ. އަދި އެމްޑީޕީގެ މެމްބަރުން މަސީހު ވަކިކުރަން ވޯޓު ދެއްވާނެ ކަމަށް އޭނާ ތަކުރާރުކޮށް ވިދާޅުވި އެވެ.

"ހަގީގަތުގައި ވޯޓެއް ނަގާކަށް ނުޖެހޭ، މިކަން މިއޮތީ ނިމިފައި،" މަޖިލީހުގެ ރައީސް މަސީހާ ދެކޮޅަށް މަޖިލީހަށް ވެއްދި މައްސަލަ އަށް އިޝާރާތް ކުރައްވައި އިބޫ ވިދާޅުވި އެވެ.

އިބޫ ވިދާޅުވި ގޮތުގައި މިއީ ހުރިހާ މެމްބަރުން ވެސް އެކުގައި މަސައްކަތް ކުރަންވީ ވަގުތެވެ. އަދި މިކަމުގައި ޒާތީ އަދި ފަރުދީ އެއްވެސް މައްސަލައެއް ނެތް ކަމަށް އިބޫ ވިދާޅުވި އެވެ.

"މަޖިލީހުގެ ހުރިހާ މެމްބަރުންނާއި މަޖިލީހުގެ ރައީސްއާ ނައިބު ރައީސަށް ވެސް އެކުގައި މަސައްކަތް ކުރެއްވުމުގެ ފުރުސަތު އެބައޮތް، އަޅުގަނޑުމެންގެ ނެތް ޒާތީ ކަމެއް،" އިބޫ ވިދާޅުވި އެވެ.

މަސީހްގެ އިތުބާރު ނެތްކަމުގެ މައްސަލަ 45 މެމްބަރުންގެ ސޮޔާއެކު މަޖިލީހަށް ހުށަހެޅީ އެމްޑީޕީ އާއި ޖުމްހޫރީ ޕާޓީ އާއި އަދާލަތު ޕާޓީ އަަދި ޕީޕީއެމްގައި ހިމެނިވަޑައިގަންނަވާ 10 މެމްބަރުންގެ ސޮޔާއެކުގަ އެވެ. އިދިކޮޅު ފަރާތްތަކުން ބުނަމުންދާ ގޮތުގައި ސޮއިނުކުރައްވާ މެމްބަރުން ވެސް މަސީހާ ދެކޮޅަށް ވޯޓު ދެއްވާނެ އެވެ.