އިބްރާހިމް ދީދީގެ މައްޗަށް އަނެއްކާވެސް ޓެރަރިޒަމްގެ ދައުވާކޮށްފި

ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ބަންދުކުރި މައްސަލާގައި ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ މެމްބަރު އިބްރާހިމް ދީދީ (ކުރީގެ ބްރިގޭޑިއާ ޖެނެރަލް ޑީޑީ) ގެ މައްޗަށް ކުރި ދައުވާ އަނބުރާ ގެންގޮސްފައި އޮތުމަށް ފަހު އެ މައްސަލަ އަލުން ކްރިމިނަލް ކޯޓަށް ފޮނުވައިފި އެވެ.


ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ޖެނުއަރީ، 2012 ގައި ސިފައިންގެ ބެލުމުގެ ދަށުން އަބްދުﷲ ގާޒީ ހައްޔަރުކޮށް، ކ. ގިރިފުށީގައި ބަންދުކޮށްފައި ބެހެއްޓި މައްސަލާގައި އިބްރާހިމް ދީދީގެ މައްޗަށް ކުރި ދައުވާ 2015 ގައި އަނބުރާ ގެންގޮސްފައި އޮތުމަށް ފަހު އެ މައްސަލަ އަލުން ކޯޓަށް ފޮނުވީ މިދިޔަ މަހުގެ 25 ވަނަ ދުވަހު އެވެ.

އަބްދުﷲ ގާޒީ ހައްޔަރު ކުރިއިރު ސިފައިންގެ މާލޭ އޭރިޔާގެ ކޮމާންޑަރަކަށް ހުންނެވި އަދި ފަހުން ސިފައިންގެ ޚިދުމަތުން ރިޓަޔާވެ ވަޑައިގެން، އެމްޑީޕީގެ މެމްބަރެއްގެ ގޮތުގައި މަޖިލީހަށް ހޮވިވަޑައިގަތް އިބްރާހިމް ދީދީގެ މައްޗަށް ދައުލަތުން ކުރަނީ ޓެރަރިޒަަމްގެ ދައުވާ އެވެ.

އެއީ ކުށް ސާބިތުވެއްޖެ ނަމަ 10 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލު ހުކުމެއް ނުވަތަ އަރުވާލުމުގެ ހުކުމެއް އަންނާނެ ކުށެކެވެ. އެ ކުށް ސާބިތުވެއްޖެ ނަމަ މެމްބަރުކަމުގެ ގޮނޑި ވެސް ގެއްލޭނެ އެވެ.

އަބްދުﷲ ގާޒީ ގާނޫނާ ޚިލާފަށް ބަންދުކުރި މައްސަލާގައި ކުރީގެ ރައީސް ނަޝީދުގެ މައްޗަށް ކުށް ސާބިތުވެ 13 އަހަރުގެ ޖަލު ހުކުމެއް އައިސްފައިވާއިރު އޭރުގެ ޑިފެންސް މިނިސްޓަރު ތޮލްހަތު އިބްރާހިމް ކަލޭފާނުގެ މައްޗަށް 10 އަހަރުގެ ޖަލު ހުކުމެއް ވަނީ އިއްވައިފަ އެވެ.

އެ މައްސަލާގައި އޭރުގެ ޗީފް އޮފް ޑިފެންސް ފޯސް މޫސާ އަލީ ޖަލީލާއި އަބްދުﷲ ގާޒީ ހައްޔަރު ކުރުމުގެ އޮޕަރޭޝަން (އޮޕަރޭޝަން ލިބަޓީ ޝީލްޑް) ގެ ކޮމާންޑަރަކަށް ހުރި ކާނަލް އަހުމަދު ޒިޔާދުގެ މައްޗަށް ވެސް ދައުލަތުން ދައުވާކުރި އެވެ. އެކަމަކު އެ ދެ ބޭފުޅުންގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ވަނީ ހުކުމްކޮށްފަ އެވެ.