ޕާޓީން ވަކިވުމުން މެމްބަރުކަން ގެއްލޭ ގޮތަށް ކަނޑައަޅަން ކޯޓަށް ހުށަހަޅައިފި: ރިޔާޒް

ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކު އެ ވަގުތު ހުރި ޕާޓީން ވަކިވިޔަސް ނުވަތަ ޕާޓީގެ ވިޕްލައިނާ ޚިލާފު ވިޔަސް މަޖިލީހުގެ މެންބަރުކަމުން ވަކިވާނެ ކަމަށް ކަނޑައަޅައިދިނުމަށް ދައުލަތުގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ ކަމުގެ މައުލޫމާތު ލިބިވަޑައިގެންފައިވާ ކަމަށް ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒް ރޭ ވިދާޅުވެއްޖެ އެވެ.


އިދިކޮޅު ސިޔާސީ ފަރާތްތަކުން ކުނޫޒްގައި ބޭއްވި ޖަލްސާގައި އޭނާ ވިދާޅުވީ އެޓާނީ ޖެނެރަލް މުހައްމަދު އަނިލް އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅުއްވާފައިވާ ކަން ވަރަށް ރަނގަޅު މަސްދަރުތަކަކުން އެނގިވަޑައިގެންފައިވާ ކަމަށެވެ. އަދި އެއީ މެމްބަރުން ހިތްހަމަޖެހިވަޑައިނުގަންނަވާނެ ކަމެއް ކަމަށް ރިޔާޒް ވިދާޅުވި އެވެ.

އިދިކޮޅު ފަރާތްތަކުން ރޭ ބޭއްވި ޖަލްސާގައި ރިޔާޒް ވާހަކަ ދައްކަވަނީ. --މިހާރު ފޮޓޯ: ހުސެއިން ވަހީދު

"އެހެންވީމާ ވަރަށް ބޮޑު ގޯހެއް ހައްދަވަން އެޓާނީ ޖެނެރަލް އެ އުޅުއްވަނީ. ކުރިން ހެއްދެވި ގޯސް ވެސް އޮތީ އަތަށް ގޮވާފައި. އަޅުގަނޑު އުންމީދެއް ނުކުރަން ސުޕްރީމް ކޯޓުން ގާނޫނުއަސާސީއާ ޚިލާފަށް އެއްވެސް އަމުރެއް ނެރޭނެ ކަމަކަށް. މި ގައުމު މުހިންމު ވާން ޖެހޭނީ،" ޖުމްހޫރީ ޕާޓީގެ ޑެޕިއުޓީ ލީޑަރު ވިދާޅުވި އެވެ.

މިއީ ތެދެއްކަން ނުވަތަ ނޫން ކަން ވެސް، އަދި މިކަހަލަ އެއްވެސް މައްސަލައެއް ހުށަހަޅާފައި ވާކަން ސުޕްރީމް ކޯޓުން އަދި ނުބުނެ އެވެ. އަދި އެޓާނީ ޖެނެރަލްގެ އޮފީހުން ވެސް މިކަމާ ބެހޭ ގޮތުން އެއްވެސް އެއްޗެއް ނުބުނެ އެވެ.

ގާނޫނީ ވަކީލު ހުސްނުއްސުއޫދު ކުރެއްވި ޓުވީޓެއްގައި ވެސް ވިދާޅުވީ ވިޕްލައިނާ ޚިލާފުވާ މެމްބަރުންގެ ގޮނޑި ގެއްލޭ ގޮތަށް ކަނޑައެޅުމަށް އެޓާނީ ޖެނެރަލް އަނިލް ސުޕްރީމް ކޯޓަށް ހުށަހަޅުއްވައިފި ކަމަށް މަސްދަރުތައް ބުނާ ކަމަށެވެ.

މަޖިލީހުގެ މެމްބަރަކު އެ މަގާމުން ވަކިވާ ތިން ހާލަތެއް ގާނޫނުއަސާސީގައި ކަނޑައަޅާފައިވެ އެވެ. އެއީ ޖިނާއީ ކުށެއްގައި އެއް އަހަރަށް ވުރެ ދިގު މުއްދަތުގެ ހުކުމެއް ތަންފީޒު ކުރަމުން ދިޔުން ނުވަތަ ސާބިތު ދަރަންޏެއް އޮވެ ހުކުމާ އެއްގޮތަށް ދަރަނި އަދާ ނުކުރުން ނުވަތަ ފަނޑިޔާރެއްގެ މަގާމަށް އައްޔަން ކުރުމެވެ.

އޭގެ އިތުރުން މެމްބަރަކު އިސްތިއުފާ ދޭން ބޭނުންވެއްޖެ ނަމަ މަޖިލީހުގެ ރައީސަށް ހުށަހަޅާ ސިޓީއަކުން އެކަން ކުރެވިދާނެ ކަމަށް ވެސް ގާނޫނުއަސާސީގައި ބުނެފައިވެ އެވެ. މެމްބަރަކު މަޖިލީހުގައި އިސްލާމްދީނުގެ އަސްލަކާ ޚިލާފު ނުވާ ގޮތުގެ މަތިން ދެއްކެވި ވާހަކައަކާ ގުޅިގެން ނުވަތަ ވޯޓު ދެއްވި ގޮތަކުން އެ ބޭފުޅަކު ކޯޓަކަށް ހާޒިރުކޮށް އަދި އެއްވެސް ތަހުގީގެއް ހިންގައިގެން ނުވާނެ ކަމަށް ގާނޫނުއަސާސީގައިވެ އެވެ.