އަދީބު އަވަހާރަކޮށްލަން އުޅޭ ވާހަކައަކީ ދޮގެއް: ޕޮލިސް

ޖަލުގައި ހުކުމް ތަންފީޒު ކުރައްވާ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އަވަހާރަކޮށްލަން އުޅޭ ކަމަށް ބުނެ ދެކެވޭ ވާހަކަތަކަކީ ހަގީގަތެއް އޮތް ވާހަކަތަކެއް ނޫން ކަމަށް ފުލުހުން ބުނެފި އެވެ.


އަދީބު އަވަހާރަ ކޮށްލަން އުޅޭ ކަމަށް ތުހުމަތުކޮށް، އެކަން އެ މަނިކުފާނުގެ ވަކީލު މަހްފޫޒް ސައީދު، ކޮމިޝަނާ އޮފް ޕޮލިސް އަހުމަދު އަރީފަށް ވަނީ ސިޓީއެއް ވެސް ފޮނުއްވައިފަ އެވެ. އޭނާ ވިދާޅުވީ އަދީބު ދޫނިދޫ ގޮޅީގައި އޮއްވައި އަވަހާރަ ކޮށްލަން ރޭވުންތަކެއް ރާވަމުންދާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ.

އެކަމަކު ފުލުހުންގެ ތަރުޖަމާނު އަދި ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަހުމަދު ޝިފާން ވިދާޅުވި ގޮތުގައި އަދީބު އަވަހާރަކޮށްލަން އުޅޭ ކަމަށް ބުނެ ދެކެވޭ ވާހަކަތަކުގައި ހަގީގަތެއް ނެތެވެ. އަދި ފުލުހުންގެ ބެލުމުގެ ދަށުގައި ހުންނަ ކޮންމެ މީހަކަށް ރައްކާތެރިކަން ލިބޭނެ ކަމަށް އޭނާ ވިދާޅުވި އެވެ. ހަމައެހެންމެ، އަދީބު ދޫނިދޫ ޖަލުގައި ހުންނެވީ ފުރިހަމަ ރައްކާތެރިކަމާ އެކު ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އަދީބު ފުލުހުންގެ ކަސްޓޯޑިއަލްގައި އެ ހުންނެވީ ހޯމް މިނިސްޓްރީގެ އެދުމަކަށް. އަދީބަށް އެއްވެސް ގެއްލުމެއް ނުލިބޭނެ ކަމުގެ ޔަގީންކަން ދެން،" ޝިފާން ވިދާޅުވި އެވެ.

ތަފާތު ތިން ކުށެއްގައި 33 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވާ އަދީބު އަވަހާރަކޮށްލަން އުޅޭ ކަމަށް ތުހުމަތުކޮށްފައި މިވަނީ، އަދީބު، ދޫނިދޫ ޖަލުގައި އޮންނެވި ފޮޓޯއެއް ސޯޝަލް މީޑިއާގައި އާންމުވެފައި ވަނިކޮށެވެ. ފޮޓޯއިން ފެންނަނީ އުސްކޮށް ހަދާފައިވާ އައްޓެއްގައި އަދީބު އޮންނެވި ތަނެވެ. ބާލީހެއްގައި ބައްދާލައްވައިގެން އޭނާ އޮންނެވި އިރު، ގޮޅީ ތެރޭގައި ކުޑަ މޭޒެއް ވެސް ހުއްޓެވެ. އަދި މޭޒު މަތީގައި ގިނަ އަދަދެއްގެ ފޮތް ހުއްޓެވެ.

ރައީސް އަބްދުﷲ ޔާމީން އަވަހާރަކޮށްލަން އުޅުނު މައްސަލާގައި އާއި ކޮރަޕްޝަންގެ މައްސަލަތަކުގައި ޖަލަށް ލާފައިވާ އަދީބުގެ އެތެރެ ހަށީގައި ސިސްޓެއް އުފެދި، ކިޑްނީގައި ހިލަ އުފެދުމާއި ލޮލުގެ ވަރަށް ނުރައްކާތެރި ބައްޔެއް ކަމަށްވާ "ގްލޮކޮމާ" ޖެހިފައިވާ ކަމަށް އާއިލާ އިން ބުނެ އެވެ.

އެހެންވެ، އެ މަނިކުފާނު ރާއްޖޭން ބޭރުން ފަރުވާ ކުރުމުގެ ހުއްދައަކަށް ވަނީ އެދިފަ އެވެ. ނަމަވެސް ސަރުކާރުން މިހާތަނަށް އެ ހުއްދައެއް ނުދެ އެވެ.